Roadha Mihaaru
ގޭޓްސް އާއި މެލިންޑާ ވަރީގެ ވާހަކަ ފެށީ 2019 ގައި

ބިލް ގޭޓްސް އާއި މެލިންޑާގެ ވަރީގެ ވާހަކަ ފެށުނީ 2019 ގައި

12 މެއި 2021

އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް އާއި އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ މެދުގައި ކައިވެނި ރޫޅައިލުމުގެ ވާހަކަތައް ދެކެވެން ފެށީ 2019 ގައި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް އާއި އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ މެދުގައި ކައިވެނި ރޫޅައިލުމުގެ ވާހަކަތައް ދެކެވެން ފެށީ 2019 ގައި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ބުނެފި އެވެ.

ދެ ބޭފުޅުންގެ 27 އަހަރުވީ ކައިވެނި ރޫޅައިލަން ނިންމިކަން އިއުލާންކުރެއްވީ މި މަހުގެ 3 ގަ އެވެ. އަދި އެކަންވީ ވަރަށް ގިނަ ބަޔަކަށް ބޮޑު ޝޮކަކަށެވެ. ގޭޓްސް އާއި މެލިންޑާގެ ތިން ދަރިން އެބަތިއްބެވެ. ހުރިހާ ކުދިންނަކީ ވެސް މިހާރު ޒުވާނުންނެވެ.

ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުގެ ކުރީގެ މުވައްޒަފަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި ދެ ބޭފުޅުންގެ މެދުގައި މައްސަލަތައް ޖެހި، ވަރީގެ ވާހަކަ ދެކެވެން ފެށުނު އެއް ސަބަބަކީ ކުޑަކުދިން ޓްރެފިކްކޮށް ޖިންސީ އަމަލާއި އޭގެ ވިޔަފާރީގައި ބޭނުންކުރި ކަމުގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ ގޭޓްސް މާ ގާތް ގުޅުމެއް ބާއްވަވަން ފެއްޓެވުމެވެ. އަދި އެކަން އެންމެ ފުރަތަމަ ފެށުނީ 2013 ގައި ކަމަށާއި އޭގެ ފަހުން އެކި ފަހަރު މަތިން އެ ދެ މީހުން ބައްދަލުކުރައްވާފައިވާ ކަމަށް ބުނެފައިވެ އެވެ. އެޕްސްޓީން، 66، ވަނީ އޮގަސްޓް 10، 2019 ގައި މަރުވެފަ އެވެ. މަރުވި ކަމަށް ބެލެވެނީ ދަންޖެހިގެންނެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ އެޕްސްޓީން ކަހަލަ ބޮޑެތި ކުށްތަކެއްގެ ތުހުމަތުކުރެވޭ މީހަކާ ގޭޓްސް އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަކީ މެލިންޑާ ވަރަށް ރުހިވަޑައިނުގަތް ކަމެއް ކަމަށާއި އެ މައްސަލާގައި ދެ ބޭފުޅުންގެ މެދުގައި އަރާރުން އުފެދި ވަރީގެ މައްސަލާގައި މެލިންޑާ 2019 ގެ އޮކްޓޯބަރުގައި ވަކީލަކާ ބައްދަލުކުރައްވަން ފެއްޓެވި ކަމަށެވެ.

އެޕްސްޓީނާއާ ގޮތް ގުޅުމާ ބެހޭ ގޮތުން 2019 ގެ ސެޕްޓެމްބަރުގައި ވޯލް ސްޓްރީޓް ޖާނަލް އިން ގޭޓްސްއާ ސުވާލުކުރެއްވުމުން ދެ ބޭފުޅުން ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައިވެ އެވެ.

"އެކަމަކު އޭނާ އާއި އަހަންނާ ދެމެދު މާ ހާއްސަ އެކުވެރި ކަމެއް ނެތް. އަދި އަހަންނާއި އޭނައާ ދެމެދު ވިޔަފާރީގެ އެއްވެސް ކަހަލަ ގުޅުމެއް ވެސް ނެތް،" ގޭޓްސް ވިދާޅުވި އެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި ގޭޓްސް އާއި އެޕްސްޓީން އެތައް ފަހަރެއްގެ މަތިން ބައްދަކުކުރައްވާފައިިވާކަން އެނގިފައިވާ އިރު، ތިން ފަހަރެއްގެ މަތިން ބައްދަލުކުރެއްވީ މެންހަޓަންގައި ހުންނަ އެޕްސީންގެ ޓައުންހައުސްގަ އެވެ. އެކަމާ ގުޅިގެން ފަހުން ގޭޓްސް މައާފަށް އެދިވަޑައިގަތް ކަމަށާއި އެޕްސްޓީްންއާ ބައްދަލުކުރެއްވުމަކީ ހެއްދެވުނު ވަރަށް ބޮޑު ގޯހެއް ކަމަށް ކަމަށް ގޭޓްސް ގަބޫލުކުރެއްވި ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.

މިހާރު މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން ވޯލް ސްޓްރީޓް ޖާނަލް އިން ސުވާލުކުރުމުން ގޭޓްސްގެ ތަރުޖަމާނު ހުކުރު ދުވަހު ވިދާޅުވީ އިތުރު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

ކައިވެނި ރޫޅައިލަން ނިންމިކަން އިއުލާންކުރެއްވި ނަމަވެސް އެފަދަ ނިންމުމެއް ނިންނަމް ޖެހުނު ސަބަބާ ބެހޭ އެއްވެސް ވާހަކައެއް ގޭޓްސް އާއި މެލިންޑާ ހާމަކޮށްފައެއް ނުވެ އެވެ. ދެ ބޭފުޅުން ނެރުއްވ ބަޔާނުގައި ވިދާޅުވީ ކައިވެނި މަތީގައި ދެން ތިއްބެވޭނެ ކަމަށް ގަބޫނުކުރެއްވޭތީ ކައިވެނި ރޫޅައިލަން ނިންމެވީ ކަމަށެވެ.

ގޭޓްސް އާއި މެލިންޑާ ކައިވެނިބައްލަވައިގަތީ 1994 އެވެ.