Roadha Mihaaru
ކޮވިޑްގެ ހާލަތު ގޯސްވެ، މުޅި މެލޭޝިއާ ލޮކްޑައުންއަށް

ކޮވިޑްގެ ހާލަތު ގޯސްވެ، މުޅި މެލޭޝިއާ ލޮކްޑައުންއަށް

10 މެއި 2021

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ ކޮންޓްރޯލްކުރަން އުނދަގޫ ހިސާބަށް ދިއުމުން، އަންނަ ބުދަދުވަހުން ފެށިގެން މުޅި މެލޭޝިއާ ލޮކްޑައުންކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ ކޮންޓްރޯލްކުރަން އުނދަގޫ ހިސާބަށް ދިއުމުން، އަންނަ ބުދަދުވަހުން ފެށިގެން މުޅި މެލޭޝިއާ ލޮކްޑައުންކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ސްޓްރެއިޓްސް ޓައިމްސް ނޫހުން ބުނީ އަންނަ ބުދަދުވަހުން ފެށިގެން އަންނަ މަހުގެ ހަަތަކާ ހަމައަށް ލޮކްޑައުންކުރާނެކަން އެ ގައުމުގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން މިއަދު އިއުލާނުކުރައްވާފައިވާ ކަމަށެވެ.

މުހިއްޔުއްދީން މިއަދު ވިދާޅުވީ އެ ފިޔަވަޅު އަޅަން ނިންމީ ބަލިމަޑުކަމާ ގުޅޭ ގޮތުން ގޮތް ނިންމާ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އެ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވަނީ އޭނާ އެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުން މެލޭޝިއާގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް މިވަރަށް ވަރުގަދަކުރާ މިއީ ތިންވަނަ ފަހަރެވެ. މިފަދަ ފިޔަވަޅުތަކެއް އެެގައުމުގައި އެންމެ ފަހުން އަޅާފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެކަމަކު އެ ފަހަރު ވެސް މުޅި ގައުމު ލޮކްޑައުނެއް ނުކުރެ އެވެ.

މުހިއްޔުއްދީން ވިދާޅުވީ ލޮކްޑައުން ކުރި ނަމަވެސް އިގުތިސާދީ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި ނަމަވެސް އިޖުތިމާއީ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް ގެންނާނެ ކަމަށެވެ. އެގޮތުން ކެފޭ ރެސްޓޯރެންޓްތައް ބަންދުކޮށްް، ސްޓޭޓްތަކާއި ޑިސްޓްރިކްޓްތަކުގެ މެދުގައި ކުރާ އާއްމު ދަތުރުފަތުރު ހުއްޓާލާނެ ކަމަށް ވެސް އޭނާ އޭނާ ވިދާޅުވި އެވެ.

އެކަމަކު މަސަައްކަތްކުރުމަށް ކުރާ ދަތުރުތަކަށާއި އިމަޖެންސީ އެހެން ދަތުރުތަކަށް ހުއްދަ ދޭނެ އެވެ.

މެލޭޝިއާގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައި މިވަނީ އެކްޓިވް ކޭސްތަކުގެ އަދަދު 15،000 އަށް ވުރެ ދަށުގައި ހުރުމަށް ފަހު 37،000 އަށް ވުރެ މައްޗަށް ދިއުމުންނެވެ. މެލޭޝިއާގައި މިދިޔަ އޭޕްރިލް މަހު އެއް ވަގުތެއްގައި ކޮވިޑްގެ ކޭސްތައް 15،000 އަށް ވުރެ މައްޗަކަށް ނުދެ އެވެ. އެކަމަކު މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 37،396 އެވެ.

މެލޭޝިއާއިން ކޮވިޑްގެ ތަފާތު ގިނަ ވޭރިއަންޓްތައް ފެނިފައިވާއިރު އެ ބަލީގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މިއަދު އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ކޮވިޑް ޖެހިގެން ހާލު ބޮޑުވެ އައިސީޔޫއަށް ލާފައިވާ މީހުންގެ އަދަދަކީ މިހާރު 434 އެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ވަނީ ވެންޓިލޭޓަރަށް ލާފަ އެވެ. އަދި އިއްޔެ އަކީ ކޮވިޑް ޖެހިގެން އެގައުމުގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެ 26 މީހުން އެބަލީގައި މަރުވި އެވެ.