Roadha Mihaaru
ކޮވިޑް-19: ސަރުކާރަށް އެއްބާރުލުން ލިބޭނެ: އިދިކޮޅު

ކޮވިޑުން އަރައިގަތުމަށް އިދިކޮޅުގެ އެއްބާރުލުން ސަރުކާރަށް ލިބޭނެ: ޕީޕީއެމް/ޕީއެންސީ

06 މެއި 2021

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ރައްޔިތުން އިތުރު ބިރުވެރިކަމެއްގެ ތެރޭގައި ތިބި މި ނާޒުކް ދަނޑިވަޅުގައި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ދަންނަވާފައި ވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ރައްޔިތުން އިތުރު ބިރުވެރިކަމެއްގެ ތެރޭގައި ތިބި މި ނާޒުކް ދަނޑިވަޅުގައި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ދަންނަވާފައި ވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި އޮތް މީޑިއާ ބްރީފިންއެއްގައި، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް އެންމެ ފުރަތަމަ ފެތުރި، ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ދިޔަ ފަހަރު ވެސް އިދިކޮޅުން ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭން ހުށަހެޅި ކަމަށެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭން ތައްޔާރަށް ތިބި މީހުންގެ ލިސްޓެއް ވެސް އޭރު ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭންވީ ދާއިރާތަކާއި ކުރަންވީ ކަމެއް ސަރުކާރުން އަންގަވައި ދެއްވައިފި ކަމަށް ވާ ނަމަ އެ ކަމެއް އަޅުގަނޑުމެން ކުރާނަން. މި ކަމުގައި ސަރުކާރުން ޕޮޒިޓިވް ނޯޓެއްގައި މަސައްކަތް ކުރައްވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން އިދިކޮޅުން ހުށަހެޅިއިރު ވޮލަންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

އިދިކޮޅުން އެންމެ ކަންބޮޑުވާ ކަމަކީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ރައްޔިތުންނަށް ބޭނުންވާ ސަލަމާތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރު ނުކުޅެދިފައިވުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ބަލި ފެތުރިފައިވާއިރު، އެ ތަންތަނުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެހިފައި ނެތުމާއި ބަލިވާ މީހުން ގިނަވެ، މީހުނަށް ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުން މަދުވުމާއި އަދި ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫގެ ހުރި ދަތިކަމަކީ އިދިކޮޅުން ފާހަގަކުރި ކަންބޮޑުވުންތަކެވެ.

"ބޭނުންވާ މިންވަރަކަށް ބޭނުންވާ ގޮތަކަށް އަޅުގަނޑުމެންގެ ވަސީލަތްތައް، ޚާއްސަކޮށް އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ފުރިހަމަ އަށް މި ތިބީ ތައްޔާރުވެގެން--- އާދަމް ޝަރީފް

ޑޮކްޓަރުންނާއި ނަރުހުންގެ މަދުވުމުގެ ދަތިކަން ކުރިމަތިވެ، އެ ހިދުމަތަށް ވެސް މީހުން ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ.

ސަރުކާރުން ބޮޑު އަގުދީފައި ގެންގަނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީ ގޮތެއް އަދިވެސް ނޭނގުމާއި ބޭނުންވާ ވަރަށް ވެކްސިން ހޯދިފައި ނެތުމާއި ވެކްސިން ދިނުމުގައި ވެސް އެއްވެސް ހަމައެއް ނެތި އެކަން ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު ފެއިލިއާއެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރި އެވެ.

"ބޭނުންވާ މިންވަރަކަށް ބޭނުންވާ ގޮތަކަށް އަޅުގަނޑުމެންގެ ވަސީލަތްތައް، ޚާއްސަކޮށް އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ފުރިހަމަ އަށް މި ތިބީ ތައްޔާރުވެގެން،" ކުރީގެ ރައީސް އަބްދުﷲ ޔާމީމްގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ކޮންމެ ދުވަހަކު ވެސް ދަނީ ރެކޯޑް އަދަދަކަށް މައްޗަށް އަރަމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި އެ ބަލި ޖެހޭ މީހުން ވެސް ރެކޯޑް އަދަދަކަށް މިހާރު ވަނީ މަތިވެފަ އެވެ. އެހެންވެ، މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ. އަދި މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ކެފޭ/ރެސްޓޯރަންޓުތަކާއި ފިހާރަތަށް ކޮންމެ ރެއެއްގެ ނުވައެއް ޖެހުމާ ހަމައަށް ހުޅުވަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން، ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށްރަށަށް ދަތުރުކުރުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.