Roadha Mihaaru
ބޮޑު ހިޔާނާތުގެ ތަހުގީގުގެ ތެރެއަށް އެމްޑީޕީ ވަންނަނީ

ބޭރުގެ މާހިރެއްގެ އެހީގަައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އެމްޑީޕީން ހިންގަނީ

06 މެއި 2021

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް، މަސައްކަތް ކުރާނެ ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެ ފަރާތާއެކު މަސައްކަތްކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް، މަސައްކަތް ކުރާނެ ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެ ފަރާތާއެކު މަސައްކަތްކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ދިނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ ގަރާރު ހުށަހެޅުއްވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުންނަށް ލިބިފައިވާ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

އެ ގަރާރުގައި ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހޯދުމަކީ އެމްޑީޕީގެ އެންމެ މުހިއްމު އެއް ވައުދުކަ ކަމަށް ވެފައި، އެ ހިޔާނާތާ ގުޅިގެން ގެއްލުނު ފައިސާ ހޯދުމަށައި ހިޔާނާތުގެ ބައިވެރިން ހޯދުމަށް އެ މައްސަލަ ތަހުގީގު ކުރަމުންދަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ގުޅިގެން ކަމަށެވެ.

އެކަމަކު، އެ ހިޔާނާތާ ގުޅޭ ތަހުގީގު އެކަށީގެންވާ އަވަސް މިނެއްގައި ކޮށްފައި ނުވާ ކަމަށާއި ފައިސާ ހޯދުމަށް ވެސް އެކަށީގެންވާ މަސައްކަތެއް ކުރަމުންދާތަން ނުފެންނުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ގަރާރުގައިވެ އެވެ.

އޭގައި ބުނީ، އޮގަސްްޓް 26، 2018 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން ބޭރުގެ ފަންނީ ތަޖުރިބާކާރަކު ހޯދައި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާ ދަތުރުކޮށްފައިވާ ގޮތާއި އެ ފައިސާއާ ބެހޭ މައުލޫމާތާއި އަދި އެނޫން ވެސް އެ ފަރާތުގެ އެންމެހައި ހޯދުންތައް ސަރުކާރަށް ފޯރުކޮށްދީފައިވީ ނަމަވެސް، އެ މައުލޫމާތުގެ އަލީގައި ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކޮށްފައި ނެތް ކަމަށެވެ

އެހެންވެ، ހިޔާނާތުގައި ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކޮށްދޭނެ ބޭރުގެ ފަންނީ މާހިރަކު ހޯދައި، އެ ފަރާތްތަކާ އެކު ކުރަންޖެހޭ މަަސައްކަތްތައް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ކުރުމަށް ނަޝީދުގެ ގަރާރުގައި ވެ އެވެ.