Roadha Mihaaru
ވިލިއަމާއި ކޭޓްގެ ޔޫޓިއުބް ޗެނެލެއް

ޕްރިންސް ވިލިއަމާއި ކޭޓްގެ ޔޫޓިއުބް ޗެނެލެއް ލޯންޗްކޮށްފި

07 މެއި 2021

ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ޔޫޓިއުބް ޗެނެލެއް ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ޔޫޓިއުބް ޗެނެލެއް ލޯންޗްކޮށްފި އެވެ.

ދަ ޑިއުކް އެންޑް ޑަޗެސް އޮފް ކެމްބްރިޖްގެ ނަމުގައި ބުދަ ދުވަހު ލޯންޗްކުރި ޔޫޓިއުބް ޗެނެލްގައި ދެ ބޭފުޅުންގެ އެކި ވީޑިއޯތައް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އިވެންޓްތަކުގެ މަންޒަރާއި ގައުމުން ބޭރަށް ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ މަންޒަރުތައް ވެސް ހިމަނާފައިވެ އެވެ.

ޗެނެލްގެ ފުރަތަމަ ވީޑިއޯގެ ފެށޭ މަންޒަރުގައި ކޭޓްއާ ސަމާސާ ކުރައްވައި ވިލިއަމް ވިދާޅުވަނީ ދެން ދައްކަވާ ވާހަކަތަކުގައި ވަރަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. ރައްދުގައި ހިނިފުޅުވަޑުވަމުން "އެކަން އެނގޭ" ކަމަށް ކޭޓް ވިދާޅުވާ ތަން ވެސް ފެނެ އެވެ.

އިނގިރޭސީ ޝާހީ އާއިލާގައި މިހާރު ތިއްބެވި ނުފޫޒު ގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވިލިއަމާއި ކޭޓްގެ ޗެނެލް އިން ކުރިއަށް އޮތް ތަނުގައި އެ ބޭފުޅުންނާ ގުޅުން ހުރި ހުރިހާ ކަމެއްހެން ފެންނާނެ އެވެެ. ޗެނެލްގެ ސަބްސްކްރައިބަރުންގެ އަދަދު މިހާރު ވެސް ދެ ލައްކަ އަށް ވުރެ ގިނަ އެވެ.

މި ޗެނެލް މެދުވެރިކޮށް ދެ ބޭފުޅުން މުޖުތަމައި ހޭލުންތެރިކުރެއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް އެކި ދާއިރާތަކުން ކުރައްވާނެ އެވެ. ދެ ބޭފުޅުންނަކީ މިހާރު ވެސް މެންޓަލް ހެލްތާއި ތިމާވެށީގެ މައްސަލަތަކާއި ތައުލީމީ ދާއިރާ އާއި ޓެކްނޮލޮޖީގެ ދާއިރާ އިން ފޮޓޯގްރަފީ ފަދަ ދާއިރާތަކުން މައުލޫމާތު ހިއްސާކުރައްވައި އެފަދަ ކެމްޕޭންތަކުގައި ވެސް މަސައްކަތްކުރައްވާ ދެ ބޭފުޅުންނެވެ.

ވިލިއަމް، 38، އާއި ކޭޓް، 39، ކައިވެނި ބައްލަވައިގަތީ 2011 ގަ އެވެ. ދެ ކަނބަލުންނަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ޕްރިންސް ޖޯޖް، 7، އާއި ޕްރިންސެސް ޝާލޮޓް، 6، ގެ އިތުރުން ޕްރިންސް ލުއީ، 3، އެވެ.