Roadha Mihaaru
އަހުމަދުގެ ވާހަކަތަކާއެކު އިތުރަށް ވީ ގޯސް!

ދައުލަތުން ބަދަލު ދިނުން: އަހުމަދުގެ ވާހަކަތަކާއެކު އިތުރަށް ވީ ގޯސް!

03 މެއި 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ނުކުރާތީ ސަރުކާރަށް ފާޑުކިޔުން އިތުރު ވެފައި ވަނިކޮށް، ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފް ރޭ ދެއްކެވި ވާހަކަތަކަކުން އިތުރަށް ގޯސްވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ނުކުރާތީ ސަރުކާރަށް ފާޑުކިޔުން އިތުރު ވެފައި ވަނިކޮށް، ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފް ރޭ ދެއްކެވި ވާހަކަތަކަކުން އިތުރަށް ގޯސްވެއްޖެ އެވެ.

މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވާ އަދަދަށް ވުރެ ބޮޑު އަދަދެއް ދިނުމަށް ސަރުކާރުން އެއްބަސްވެފައިވާ މައްސަލަ ހޫނުވެފައި ވަނިކޮށް، ބޭއްވި ނިއުސް ބްރީފިންގައި އިތުރަށް ކަންކަން ގޯސްވި އެއް ސަބަބަކީ، ބަދަލު ދިނުމާ ގުޅޭ ކޮމިޓީގައި އިންނަވާ އަހުމަދު އަބްދުﷲ އަފީފްގެ މަސްލަހަތު އެ މައްސަލައިގައި ހިމެނޭތީ އެވެ.

ޕްރެސް ބްރީފިންގެ ވަރަށް ކުރީކޮޅު ނޫސްވެރިން ސުވާލު ކުރުމުން ވެސް އަހުމަދު ވިދާޅުވީ، ވަކިވަކި ކޭސްތަކުގެ ވާހަކަތައް އެ ބްރީފިންގައި ދައްކާ ގޮތަށް ރާވާފައި ނެތް ކަމަށެވެ. އޭނާ ބްރީފިންގައި އިންނެވުމުގެ ބޭނުމަކީ އަހުމަދު ވިދާޅުވިގޮތުގައި، ދައުލަތުން ބަދަލު ދިނުމުގެ ކަންތައްތަކުގައި ގެންގުޅޭ ވިސްނުން ހާމަކުރެއްވުމެވެ.

މަންދު ކޮލެޖާ ގުޅޭ ސުވާލުތަކުން ރެކިގަނެ، އޭނާ ވިދާޅުވީ، އެ ކޮލެޖަށް ބަދަލު ދިނުމާ ގުޅޭ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ތަފުސީލީ ނޫސްބަޔާނެއް ނެރޭނެ ކަމަށެވެ.

ނަމަވެސް ބްރީފިންގެ ވަކި ހިސާބަކުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ތެރެއިން، މަންދު ކޮލެޖަށް ބަދަލު ދިނުމާ ގުޅޭ މައްސަލައިގެ ތެރޭގައި އަހުމަދު މަސްލަހަތު ހިމެނޭ ކަމަށް ބުނުމުން އެކަމަށް އެއްބަސްވެވަޑައިގެން ވިދާޅުވީ، ބަދަލު ދިނުމުގައި ކަންކަން ނިންމާ ސެޓްލްމަންޓް ކޮމިޓީގައި އެ ކޮލެޖުގެ ކަންކަން ނިންމާ ބައްދަލުވުންތަކުން އޭނާ އިސްތިސްނާވާ ކަމަށެވެ.

ރޭގެ ބްރީފިންގައު އަހުމަދު (ކ) ވާހަކަ ދައްކަވާއިރު މަބްރޫކް އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރޭގެ ބްރީފިންގައު އަހުމަދު (ކ) ވާހަކަ ދައްކަވާއިރު މަބްރޫކް އަޑުއައްސަވަނީ.---ފޮޓޯ: ރައީސް އޮފީސް

މަންދު ކޮލެޖަށް ބަދަލު ދިނުމާ ގުޅޭ ކަންކަން ސެޓްލްމަންޓް ކޮމިޓީން ކުރިއިރު، އަހުމަދަކީ އެ މައްސަލައިގައި އެ ކޮލެޖު ތަމްސީލްކުރާ ޕްރަކްސިސް ލޯ ފާމުގެ ހިއްސާދާރެއް ކަމަށް ވެފައި، އެ ކޮމިޓީގައި އިންނަވާތީ ނޫސްވެރިއަކު އެ ސުވާލު ކުރުމުން އަހުމަދު އޭގެ ދިފާއެއް ކަމަށް ވިދާޅުވީ، ކޮމިޓީގައި އެ މައްސަލަ ކުރިއަށް ގެންދާ ވަގުތު ވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު މި ތަނުގައި ވެސް މަންދު ކޮލެޖުގެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ނުއެއް ދައްކަން. އެ މައްސަލައިގައި ސަރުކާރުން ނިންމި އެއްވެސް ނިންމުމެއް ނިންމުގައި އަޅުގަނޑު ބައިވެރިއެއް ނުވަން. އެހެންވީމާ މަސްލަހަތު ފުށުއަރާނެކަން އެނގޭތީ، މަސްލަހަތު ފުށުއަރާނެ މަަހައްލެއްގައި ހުންނަ މީހަކު އެ ކަހަލަ ތަނެއްގައި ހުންނަ ކަމަށް ވަންޏާ އުޅެން ޖެހޭ ގޮތަށް އުޅުނީ. އެގޮތަށް އަޅުގަނޑު އަމަލު ކޮށްފައި ވާނެ،" އަހުމަދު ވިދާޅުވި އެވެ.

"އެހެންވީމާ މަންދު ކޮލެޖުގެ މައްސަލައިގައި ހިމެނޭ އެއްވެސް މައްސަލައެއްގެ ތަފުސީލެއް އަޅުގަނޑަށް އެރުވެން ނެތީ ވެސް."

އަހުމަދަކީ މަންދު ކޮލެޖު ތަމްސީލްކުރާ ލޯ ފާމުގެ އެއް ހިއްސާދާރު ކަމަށް ވާއިރު، އޭނާ އަކީ އެ ކުންފުނީގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ގެ އަނބިކަނބަލުންގެ ކޮއްކޮ ވެސް މެ އެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މީޑިއާގައި އެންމެ ހޫނުކޮށް އުޅުނު އެއް ކަމަކީ މަންދު ކޮލެޖަށް ބަދަލު ދިނުމާ ގުޅޭ މައްސަލަ ކަމަށް ވާއިރު، ދައުލަތުން ބަދަލު ދިނުމާ ގުޅޭ މައުލޫމާތު ހާމަކުރާ މީޑިއާ ބްރީފިންއެއްގައި އެ މައްސަލައިގައި ވާހަކަ ނުދެއްކެވޭ ބޭފުޅަކު ސަރުކާރު އަދި ސެޓްލްމެންޓް ކޮމިޓީ ތަމްސީލު ކުރެއްވުމުން ނޫސްވެރިންގެ ކަންބޮޑުވުން ރޭގެ ޕްރެސް ބްރީފިންގައި ވަރަށް ބޮޑަށް ފާޅުކުރި އެވެ.

އޭގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މަންދު ކޮލެޖަށް ބަދަލު ދިނުމާ ގުޅޭ ތަފްސީލީ މައުލޫމާތު އެޓާނީ ޖެނެރަލްގެ އޮފީހުން ދޭނެ ކަމަށެވެ. އެކަމަކު، ހަފުތާއެއް ވީއިރު ވެސް އެ އޮފީހުން މައުލޫމާތު ނުދިންކަން ނޫސްވެރިން ތަކުރާރުކޮށް ފާހަގަކޮށް، މަބްރޫކަށް ދެންނެވި އެވެ.

އަޅުގަނޑު މި ތަނުގައި ވެސް މަންދު ކޮލެޖުގެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ނުއެއް ދައްކަން. އެ މައްސަލައިގައި ސަރުކާރުން ނިންމި އެއްވެސް ނިންމުމެއް ނިންމުގައި އަޅުގަނޑު ބައިވެރިއެއް ނުވަން. ---އަހުމަދު

މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ބަދަލު ދޭން ޖެހުނީ، އެ ކުންފުންޏަށް އެމްއީއެސް ހިންގި އިމާރާތް ދޫކޮށްފައި ވަނިކޮށް، އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެ 2015 ގައި އެ އެއްބަސްވުން އޭރުގެ ސަރުކާރުން އުވައިލުމުންނެވެ. ނަމަވެސް މައްސަލަ ހޫނުވެގެން އުޅެނީ އެޑިއުކޭޝަން މިނިސްޓްރީގެ ތާއީދާއެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި ސަރުކާރުން އެއްބަސްވިއިރު، އޮޑިޓަ ޖެނެރަލް ހަސަންގެ ލަފައާ ހިލާފު ވެފައިވާތީ އެވެ.

މި މައްސަލައިގެ އެސެސްމަންޓް ހެދުމަށް ފަހު، އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް އެންމެ ގިނަ ވެގެން ދޭން ޖެހެނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު، ދައުލަތުން ކަން ކުރީ އެއާ ހިލާފަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް ގަބޫލުކުރީ މާލޭ ހައި ޕްރައިވެޓް ދޭން ޖެހޭނީ 15 މިލިއަން ކަމަށެވެ.

އަހުމަދުގެ ވާހަކަތަކުން މަޖިލިސް ވެސް ޕްރެޝަރަށް

ރޭގެ ބްރީފިންގައި ދެން އިތުރަށް މަސްލަހަތު ގޯސްވީ، ރައްޔިތުންގެ މަޖިލީހަށް އަމާޒު ކުރައްވައި އަހުމަދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ގެއްލުމުގެ ބަދަލު ދިނުން އެކަށީގެންވާ ސްޕީޑުގައި އަދި ރަނގަޅަށް ކުރިއަށް ނުގެންދެވޭ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، މަޖިލީހުން ހަދަން ޖެހޭ ބިލެއް ނުނިންމައި ގިނަ ދުވަސްތަކެއް ވުން ކަމަށެވެ.

އަހުމަދު ވިދާޅުވީ، ސިވިލް ޕްރޮސީޖާ ކޯޑް ނުވަތަ މަދަނީ އިޖުރާއަތުގެ ބިލެއް ފެބްރުއަރީ 2020 ގައި ސަރުކާރުން މަޖިލީހަށް ފޮނުވި ނަމަވެސް އެ ބިލް އަދިވެސް އޮތީ މަޖިލީހުގެ ކޮމިޓީގައި ކަމަށެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުން ޖުޑިޝަރީ ކޮމިޓީ. އެހެންވީމާ މިހާ ގިނަ ދުވަސްވެގެންދާއިރު، މި ބިލް ގާނޫނަކަށް ވެފައި ނުވާތީ އަނެއްކާ ވެސް އެއީ މި ކަހަލަ ކަންތައްތަކަށް، އިންސާފު ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ގާނޫނީ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާދެއްވާ އަހުމަދު ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުގެ ޓުވީޓް

އޭނާގެ މި ވާހަކަތަކާ ގުޅިގެން، ޖުޑިޝަރީ ކޮމިޓީގެ ނިއުސް ކޮންފަރެންސެއް މިއަދު ހެނދުނު 11 ޖަހާއިރަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. އަހުމަދަށް ރައްދު ދިނުމަށް އެ ކޮމިޓީން ޕްރެސް ކޮންފަރެންސެއް ބާއްވާއިރު، އޭނާގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕާއި ސޯޝަލް މީޑިއާގައި ވެސް ވަނީ ހޫނު ރައްދުތަކެއް ދީފަ އެވެ.