Roadha Mihaaru
ރަށްރަށުގެ ކޮވިޑް ސާމްޕަލްތައް މެޑިފްލެކްސް އިން ހިލޭ

ރަށްރަށުގެ ކޮވިޑް ސާމްޕަލްތައް މެޑިފްލެކްސް އިން ހިލޭ ޓެސްޓުކޮށްދެނީ

29 އެޕްރީލް 2021

ކޮވިޑް-19 އަށް ރަށްރަށުން ނަގާ ޕީސީއާރް ޓެސްޓް ސާމްޕަލްތައް މެޑިފްލެކްސް އިން ހިލޭ ހަދައިދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އަށް ރަށްރަށުން ނަގާ ޕީސީއާރް ޓެސްޓް ސާމްޕަލްތައް މެޑިފްލެކްސް އިން ހިލޭ ހަދައިދޭން ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި މެޑިކަލް އިކުއިޕްމަންޓް ސަޕްލައިކުރާ މެޑްޓެކް މޯލްޑިވްސްގެ ދަށުން ހިންގާ މެޑިފްލެކްސް އިން ބުނީ، އަތޮޅު ތެރެއިން ޓެސްޓްކުރަން މާލެ އަށް ފޮނުވާ ސާމްޕަލްތައް ހިލޭ ޓެސްޓް ކޮށްދޭން ފެށީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.

އެގޮތުން ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ޓެސްޓް ކުރުމަށް ޑަބްލިއުއެޗްއޯގެ އެހީގައި ބަހައްޓާފައި ހުރި ޖީން އެކްސްޕާޓް މެޝިން ހަލާކުވެފައި ހުރުމުން، އެ ހޮސްޕިޓަލްގެ އެދުމަށް އެ ރަށުގެ ބައެއް ސާންޕަލްތައް މިހާރު ވަނީ މެޑިފްލެކްސް ލެބުގައި ހުރި ޖީން އެކްސްޕާޓް މެޝިނުން ހިލޭ ޓެސްޓް ކޮށްދީފަ އެވެ.

ޖީން އެކްސްޕާޓް މެޝިނަކީ ގޯލްޑް ސްޓޭންޑާޑް އާރުޓީ ޕީސީއާރު ޓެސްޓާއި އެއް ހަމައެއްގައި، ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ އެފްޑީއޭ އަދި ޔޫރަޕްގެ މެޑިކަލް އިވެލުއޭޝަން އެޖެންސީން އެޕްރޫވަލް ދީފައިވާ ޕީސީއާރު މެޝިނެކެވެ. އާންމުކޮށް ޕީސީއާރު ޓެސްޓް ހަދާ މެޝިނުތަކާއި ހިލާފަށް، ޖީން އެކްސްޕާޓް މެޝިނުން ގިނަވެގެން 30 މިނިޓްގެ ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބޭނެ އެވެ.

މެޑްފްލެކްސްގެ ޕީސީއާރް ޓެސްޓް ހަދާ މެޝިން

މެޑްފްލެކްސްގެ ޕީސީއާރް ޓެސްޓް ހަދާ މެޝިން

އެހެންކަމުން ރަށް ރަށުން ނަގާ ސާންޕަލްތައް މާލެ އަށް ފޮނުވައިގެން ޓެސްޓް ހަދާއިރު، ނަތީޖާ ލިބުން ދިގުލައިގެން ދާ މައްސަލަ އަށް މެޑިފްލެކްސްގެ އެހީއާ އެކު ބޮޑު ހައްލެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ޑަބްލިއުއެޗްއޯ އާއި އެފްޑީއޭގެ އިތުރުން ޔޫރަޕްގެ މެޑިކަލް އިވެލުއޭޝަން އެޖެންސީގެ އެޕްރޫވަލް ލިބި، ތަރައްގީވެފައިވާ ގައުމުތަކުން ޖީން އެކްސްޕާޓުން ހަދާ ކޮވިޑް ޓެސްޓްތައް ބަލައިގަންނަ އިރު، ރާއްޖޭން ފުރާ މީހުންގެ ޓެސްޓްތައް އެ މެޝިނުން ހެދުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ނުދޭ ސަބަބެއް ސާފު ނުވާކަމަށް މެޑްޓެކްގެ އިސްވެރިއަކު ވިދާޅުވި އެވެ.

"މިކަމާއި ގުޅިގެން އަޅުގަނޑުމެން ހެލްތު މިނިސްޓްރީއާ އެކު އެބަ މަޝްވަރާ ކުރަން. ތަރައްގީވެފައިވާ ގައުމުތަކުގައި ކޮވިޑް ޓެސްޓް ކުރުމަށް އާންމުކޮށް މި މެޝިނު އެބަ ބޭނުންކުރޭ. ނަތީޖާ އަވަހަށް ލިބޭއިރު، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގައި ބަލި ކޮންޓްރޯލްކުރަން ޓެސްޓް ހަދާއިރު ބޭނުން ކުރަން އެންމެ އެކަށީގެންވާ ޑިވައިސް އެއް މިއީ. އަޅުގަނޑުމެން ވާނީ މި ހުރިހާ މައުލޫމާތެއް ހެލްތު މިނިސްޓްރީ އަށް ހިއްސާ ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މެޑްފްލެކްސް އިން ބުނީ އަތޮޅުތެރޭގެ ސާމްޕަލްތަކުގެ އިތުރުން ހޮސްޕިޓަލުތަކުން އެދިއްޖެ ހާލަތެއްގައި، އެ ކުންފުނީގެ ސީއެސްއާރު ޕޮލިސީގައިވާ އުސޫލުތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ހުއްދައާ އެކު ހިންގަމުން އަންނަ މެޑިފްލެކްސް ލެބޯޓަރީ ހުންނާނީ ކަނބާ އައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ކުރިމައްޗަށްވާ ގޮތަށް، މ. ކޮޓޭޖްގެ ގްރައުންޑް ފްލޯގަ އެވެ. ލެބޯޓަރީން 24 ގަޑިއިރު ހިދުމަތްދެ އެވެ.