Roadha Mihaaru
ސުޝްމިތާގެ އެހީގައި ދިއްލީ އަށް އޮކްސިޖަން ސިލިންޑަރު

ސުޝްމިތާ ސެންގެ އެހީގައި ދިއްލީގެ ހޮސްޕިޓަލްތަކަށް އޮކްސިޖަން ސިލިންޑަރު ހަދިޔާކޮށްފި

25 އެޕްރީލް 2021

ކޮވިޑް-19 ގެ ހާލަތު އިންޑިއާގައި ވަރަށް ބޮޑަށް ގޯސްވެ، ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލްތަކަށް އޮކްސިޖަންގެ ދަތިކަން ދިމާވުމާ ގުޅިގެން ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން އޮކްސިޖަން ސިލިންޑަރުތަކެއް ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ހާލަތު އިންޑިއާގައި ވަރަށް ބޮޑަށް ގޯސްވެ، ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލްތަކަށް އޮކްސިޖަންގެ ދަތިކަން ދިމާވުމާ ގުޅިގެން ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން އޮކްސިޖަން ސިލިންޑަރުތަކެއް ހަދިޔާކޮށްފި އެވެ.

ދިމާވެފައިވާ ހާލަތުގެ ވާހަކަ ޓްވިޓާގައި ފޭނުންތަކެއް ހިއްސާކުރަން ފެށުމާ އެކު ސުޝްމިތާ ވަނީ މުމްބާއީން ދިއްލީ އަށް އޮކްސިޖަން ސިލިންޑަރު ފޮނުވައި ދިނުމުގެ މަސައްކަތްކޮށްފަ އެވެ. އަދި އޭނާގެ ފަރާތުން ދިން އެހީ އަށް ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ޝުކުރު އަދާކޮށްފައިވެ އެވެ.

އޮކްސިޖަން ސިލިންޑަރު ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިދީ، އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ޓްވިޓާގައި ބުރާސްފަތި ދުވަހު ކުރީގެ މިސް ޔުނިވާސް ހިއްސާކޮށްފައިވެ އެވެ.

ސުޝްމިތާ، 45، އަކީ މިދިޔަ ހަފުތާގައި ނެޝަނަލް އެވޯޑެއް ވެސް ލިބުނު ބަތަލާއެކެވެ. އެއީ އަންހެނުން ބާރުވެރިކުރުވުމާއި ސޯޝަލް ވެލްފެއާ އަށް ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށެވެ.

އިންޑިއާ އަކީ މި ވަގުތު ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެގޮތުން ދިއްލީގެ ހޮސްޕިޓަލްތައް ބަލި މީހުންނާ އެކު ފުރިފައިވާ އިރު، އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގެ އެނދުތައް ވެސް ގާތްގަނޑަކަށް ފުރިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ހަމަމިއާ އެކު އޮކްސިޖަން ލިބުމުގެ ދަތިކަން ކުރިމަތިވެ، އެކަމާ ގުޅިގެން ބައެއް ހޮސްޕިޓަލްތަކުގައި ހަމަނުޖެހުންތައް ވެސް ހިންގާފައިވެ އެވެ.