Roadha Mihaaru
ބަންދުވެފައި ތިބި މީހުން އުފުލައިދީ ސޯނޫ ލޯބި ހޯދައިފި

ބަންދުވެފައި ތިބި މީހުން އުފުލައިގެން ސޯނޫ ލޯބި ހޯދައިފި

29 މެއި 2020

ކޮރޯނާވައިރަހާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ އެކު އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވި އެއް ބަޔަކީ އަމިއްލަ ވަޒަން ދޫކޮށް އިންޑިއާގެ އެކި ސަރަހައްދުތަކަށް ވަޒީފާ އަށް ދާ މީހުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ އެކު އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވި އެއް ބަޔަކީ އަމިއްލަ ވަޒަން ދޫކޮށް އިންޑިއާގެ އެކި ސަރަހައްދުތަކަށް ވަޒީފާ އަށް ދާ މީހުންނެވެ.

މާޗް މަހުގެ 25 ގައި އިންޑިއާގައި ފުރަތަމަ ލޮކްޑައުން އިއުލާންކޮށް، އޭގެ ފަހުން އެ މުއްދަތު ދަންމަމުން ދިޔަ އިރު، އިންޑިއާގައި އެންމެ ބޮޑު ހަމަނުޖެހުންތަކެއް ވެސް ހިނގާފައި ވަނީ އެކި ތަންތަނުގައި ތާށިވި މަސައްކަތުގެ މީހުންގެ ފަރާތުންނެވެ.

އެއްގަމު ދަތުރުފަތު ހުއްޓި އާދައިގެ މަސައްކަތްތެރިން ކުރާނެ މަސައްކަތެއް، ކާންބޯން ނުލިބި ތަންތަނުގައި ތާށިވެ، ހަމަނުޖެހުން އުފެދި ބައެއް ސަރަހައްދުތަކުގައި ފުލުހުންނާ ވެސް ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ.

އެގޮތުން މި މައްސަލަ އެންމެ ބޮޑުވި އެއް ތަނަކީ އަދިވެސް "ރެޑް ޒޯން" ގައި އޮތް އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީ އެވެ.

އަމިއްލަ ވަޒަނަށް ދެވޭނެ ގޮތެއް ނެތި ހާލުގައި ޖެހުނު މީހުންނަށް އެންމެ ބޭނުންތެރި ހިދުމަތް މި ދަނޑިވަޅުގައި ފޯރުކޮށް ދެމުން އަންނަނީ އެކްޓަރު ސޯނޫ ސޫދެވެ. އެގޮތުން މަހާރަޝްތުރާ އާއި ކަރުނާޓަކާ އާއި އުއްތަރު ޕްރަދޭޝް ފަދަ ސްޓޭޓްތަކުގައި ތާށިވެފައި ތިބި އެތައް ބަޔަކަށް ސޯނޫ އެހީވެފައިވެ އެވެ.

ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމުތައް ވެސް ކުޅޭ 46 އަހަރުގެ އެކްޓަރު ވަނީ އޭނާގެ އަމިއްލަ ޖީބުން ހަރަދުކޮށް ބަސް ދަތުރުގެ އިންތިޒާމުތަކެއް ހަމަޖައްސައި މިހާތަނަށް އެތަކެއް ހާއްސަ މަސައްކަތްތެރިން އަމިއްލަ ވަޒަނަށް ގެންގޮސްދީފަ ދީފަ އެވެ.

މިކަމަށް ހާއްސަކޮށްގެން ސޯނޫ ވަނީ ހެލްޕްލައިނެއް ވެސް ތައާރަފުކޮށްފަ އެވެ. އަދި ގެޔަށް ނުދެވި ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބޭ ހުރިހާ އެންމެންނަށް ވެސް ސޯނޫ އަންނަނީ އެހީވަމުންނެވެ.

ސޯނީ ވަމުން އަންނަ މި އެހީތަކާ ގުޅިގެން އިންޑިއާގެ އެތައް ބައެއްގެ ސާބަހާއި ތައުރީފު އޭނާ އަށް އޮއްސާލާފައިވެ އެވެ. އޭގެ ތެރޭގައި ބައެއް މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ފިލްމީ ތަރިންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ހިމެނެ އެވެ.

ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި އަސްލު ހީރޯއިންނަކީ ސޯނޫ ކަހަލަ ދީލަތި، ހިތްތިރި، ހިތްހެޔޮ މީހުންނެވެ. މި ދަނޑިވަޅުގައި ސޯނޫ އަށް ލިބުނު ބޮޑު ސަމާލުކަމާ އެކު އޭނާ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އަބަދު ވެސް މީހުންނަށް އެހީވުމަކީ ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

"މަންމަ ވެސް ދީފައި އޮންނަ ނަސޭހަތަކީ ހަގީގީ ކާމިޔާބު މީހަކީ ހާލުގައި ޖެހިފައިވާ މީހާ އަށް އެހީވާ މީހާއޭ. އެ ވާހަކަ އަބަދު ވެސް ހަނދާނުގައި ބަހައްޓަން." އާންމުކޮށް ފިލްމުތަކުގައި ނެގަޓިވް ރޯލްތައް ކުޅޭ އެކްޓަރު ބުންޏެވެ.