Roadha Mihaaru

ބްރޯޑްކޮމް އަށް ހަމަޖައްސަން ޝިފްލާގެ ނަން ތިންވަނަ ފަހަރަށް ތަޅުމަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ނޫސްވެރިޔާ އަދި ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހީމް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްއަށް ޝިފްލާގެ ނަން ތިންވަނަ ފަހަރަށް ތަޅުމަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 އެޕްރީލް 2021

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ނޫސްވެރިޔާ އަދި ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހީމް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޝިފްލާގެ އިތުރުން ފާތިމަތު ސައުޝަން އާއި ޑރ. މުހައްމަދު އިބްރާހިމްގެ ނަން ވެސް މަޖިލީހަށް ފޮނުއްވައިފަ އެވެ.

އެ ނަންތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް އެ ބޭފުޅުންނާ އިންޓަވިއުކުރި އެވެ. ތިން ބޭފުޅުންގެ ވެސް ޝަރުތު ހަމަވި ނަމަވެސް އޭގެ ތެރެއިން ތަޅުމަށް ފޮނުވަން ހަމައެކަނި ފާސްވީ ރައީސް ފޮނުއްވި ލިސްޓުގެ ދެވަނައިގައި އޮތް ޝިފްލާގެ ނަމެވެ. ޝިފްލާގެ ނަން ފާސްކުރީ ކޮމިޓީގައި ތިއްބެވި 11 މެމްބަރުންގެ އިއްތިފާގުންނެވެ. އަނެއް ދެ ބޭފުޅުންނަށް ލިބިވަޑައިގަތީ ހަ ވޯޓެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ޝިފްލާ ވަނީ ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލައްވައިފަ އެވެ. އެ ދެ ފަހަރު ވެސް ކޮމިޓީން ރުހުން ދިން ނަމަވެސް މަޖިލީހުން އޭނާގެ ނަން ފާސްކޮށްފައެއް ނުވެ އެވެ.

މަޖިލީހުގައި ވޯޓަށް އަހާނީ ރައީސް ނަންތައް ފޮނުއްވި ތަރުތީބުންނެވެ.

ކޮމިޓީން އަނެއްކާވެސް ޝިފްލާ އަށް ރުހުން ދިން ނަމަވެސް މިފަހަރު ރައީސް މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ ސައުޝަންގެ ނަމެވެ. އެކަމަކު އޭނާގެ ނަން ކޮމިޓީން ފާސްކޮށްފައި ނުވާތީ ފުރަތަމަ ވޯޓަށް އަހާނީ ލިސްޓުގެ ދެވަނައިގައި އޮތް ޝިފްލާގެ ނަމަށެވެ.

ކޮމިޓީގައި ޝިފްލާ ވިދާޅުވީ އެ މަގާމަށް ކުރިމަތިލެއްވީ އޭނާއަކީ އެ ދާއިރާ އިން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހަކަށްވާތީ ކަމަށެވެ. އަދި ތިން ވަނަ ފަހަރަށް ވެސް ކުރިމަތިލީ އެހާ ފަސޭހައިން ދޫ ދޭން ބޭނުންނުވާތީ ކަމަށް ވެސް ޝިފްލާ ވިދާޅުވި އެވެ.

ޝިފްލާ ވަނީ ބްރޯޑްކާސްޓިން ޖާނަލިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ނިއުސް ޕްރެޒެންޓަރެއްގެ ގޮތުގައި އަދި ފަހުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވުމަށް ފަހު މިހާރު އުޅުއްވަނީ ސަންގު ޓީވީގަ އެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީ އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އާމިނަތު ތަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރީ އަހުމަދު ފަޒީނެވެ.