Roadha Mihaaru
ފްލޮއިޑު މަރާލި ފުލުސް މީހާގެ މައްޗަށް ކުށްސާބިތުވެއްޖެ

ފްލޮއިޑު މަރާލި ފުލުސް މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެ

21 އެޕްރީލް 2021

މިނިއާޕޮލިސް (އެޕްރީލް 21) - އެމެރިކާގެ މިނިއާޕޮލިސްގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑުގެ ކަރަށް ފައިން އަރައި މަރާލި ކަމުގެ ކުށް ދޮން ނަސްލުގެ ފުލުސް އޮފިސަރު ޑެރެކް ޝައުވިންގެ މައްޗަށް ސާބިތުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މިނިއާޕޮލިސް (އެޕްރީލް 21) - އެމެރިކާގެ މިނިއާޕޮލިސްގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑުގެ ކަރަށް ފައިން އަރައި މަރާލި ކަމުގެ ކުށް ދޮން ނަސްލުގެ ފުލުސް އޮފިސަރު ޑެރެކް ޝައުވިންގެ މައްޗަށް ސާބިތުވެއްޖެ އެވެ.

ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ކަޕް ފުޑްސް ނަމަކަށް ކިޔާ ފިހާރައެއްގެ ބޭރުން މިދިޔަ އަހަރުގެ މެއި 25 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޝައުވިން، 45، އެވެ. ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޝައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން އިނެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ.

ތިން ހަފުތާ އަށް ކުރިއަށް ދިޔަ ޝަރީއަތުގައި ޝައުވިންގެ މައްޗަށް ވަނީ ތިން ދަރަޖައިގެ ކުށް ސާބިތުވެފަ އެވެ. ޝައުވިންގެ މައްޗަށް ކުށް ސާބިތުވުމާ އެކު ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރުން ބާތިލް ކުރުމާ އެކު ހުކުމް އިއްވަންދެން ހުންނާނީ ބަންދުގަ އެވެ. ޝައުވިންގެ މައްޗަށް ހުކުމް އިއްވާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ދެ މަސް ތެރޭގަ އެވެ. މީހަކު މެރިކަމުގެ ކުށުގައި ޝައުވިންގެ މައްޗަށް އެތައް އަހަރެއްގެ ޖަލު ހުކުމް އަންނާނެ ކަމަށް ބެލެވެ އެވެ.

ޖޯޖް ފްލޮއިޑު މަރާލީ މިދިޔަ އަހަރުގެ މެއި މަހު 25 ވަނަ ދުވަހު. --ފޮޓޯ:އޭއެފްޕީ

ޖޯޖް ފްލޮއިޑު މަރާލީ މިދިޔަ އަހަރުގެ މެއި މަހު 25 ވަނަ ދުވަހު. --ފޮޓޯ:އޭއެފްޕީ

މިނެސޮޓާގައި މީހަކު މެރުމުގެ ދެ ދަވަނަ ދަރަޖައިގެ ކުށުގައި ވެސް ގިނަވެގެން 40 އަހަރުގެ ޖަލު ހުކުމް އާދެ އެވެ. ތިން ވަނަ ދަރަޖައިގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމް އާދެ އެވެ.

ފްލޮއިޑް މަރާލުމުގައި ބައިވެރިވި އަނެއް ތިން އޮފިސަރުންގެ ޝަރީއަތް މި އަހަރު ފަހުކޮޅު ފަށާނެ އެވެ.

ޝައުވިން ކުށްވެރިވާ ކަމަށް ޖޫރީން ނިންމުމާ އެކު ރައީސް ޖޯ ބައިޑަން އާއި ނައިބް ރައީސް ކަމަލާ ހަރިސް ވަނީ ފްލޮއިޑުގެ އާއިލާ އަށް ގުޅުއްވައިފަ އެވެ.

ފްލޮއިޑް ހައްޔަރު ކުރަން ފުލުހުން ދިޔައީ ފިހާރައަކުން އޭނާ ސިނގިރޭޓް ގަތް 20 ޑޮލަރަކީ ވަގު ނޫޓް ކަމަށް ރިޕޯޓް ކުރުމުންނެވެ. ފުލުހުން ގޮސް ބިޑިއަޅުވައި ފްލޮއިޑް ބިންމައްޗަށް ވައްޓާލުމަށް ފަހު އޭނާގެ ކަރަށް ކަކުލުން އެރުމުން ނޭވާ ނުލެވި މަރުވަނީ ކަމަށް ފްލޮއިޑް ގޮވަމުން ދިޔަ އިރު ވެސް އެ ފުލުސް މީހާ ވަނީ އެ ގޮތުގައި، އަށް މިނިޓް 46 ސިކުންތު ހޭދަކޮށްފަ އެވެ.