Roadha Mihaaru
ފްލޮއިޑް ހައްޔަރު ކުރުމުގައި ހާލަތާ ނުބައްދަލު ބާރު

ފްލޮއިޑް ހައްޔަރު ކުރުމުގައި ބާރުގެ ބޭނުން ވަނީ ނަހަމަގޮތުގައި ކޮށްފައި

06 އެޕްރީލް 2021

މިނިއާޕޮލިސް (އެޕްރީލް 6) - ޖޯޖް ފްލޮއިޑް ހައްޔަރު ކުރުމުގައި ފުލުސް އޮފިސަރު ޑެރެކް ޗައުވިން ވަނީ ފުލުހުންގެ ސިޔާސަތުތަކާ ޚިލާފަށް ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާފައި ކަމަށް މިނިއާޕޮލިސްގެ ފުލުހުންގެ ވެރިޔާ މެޑަރިއާ އަރަޑޮންޑޯ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މިނިއާޕޮލިސް (އެޕްރީލް 6) - ޖޯޖް ފްލޮއިޑް ހައްޔަރު ކުރުމުގައި ފުލުސް އޮފިސަރު ޑެރެކް ޗައުވިން ވަނީ ފުލުހުންގެ ސިޔާސަތުތަކާ ޚިލާފަށް ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާފައި ކަމަށް މިނިއާޕޮލިސްގެ ފުލުހުންގެ ވެރިޔާ މެޑަރިއާ އަރަޑޮންޑޯ ވިދާޅުވެއްޖެ އެވެ.

މީހަކު މަރާލި ކަމަށް ޑެރެކުގެ މައްޗަށް ކުރާ ޝަރީއަތުގައި އަރަޑޮންޑޯ ވިދާޅުވީ ފްލޮއިޑް ހައްޔަރު ކުރުމުގައި ޑެރެކް އަމަލުކޮށްފައި ވަނީ ދީފައިވާ ތަމްރީނުތަކާއި ޚިލާފަށް އަދި ފުލުހުންގެ އެތިކްސްއާ ވެސް މުޅިން އިދިކޮޅަށް ކަމަށެވެ.

ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ކަޕް ފުޑްސް ނަމަކަށް ކިޔާ ފިހާރައެއްގެ ބޭރުން މިދިޔަ އަހަރުގެ މެއި 25 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޗައުވިން، 45، އެވެ.

ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޗައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން އިނެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ.

ފްލޮއިޑުގެ މަރަށް ފަހު ޗައުވިން އާއި އިތުރު ތިން އޮފިސަރަކު ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ޝަރީއަތުގައި ޕްރޮސެކިއުޓަރު ސާބިތުކޮށްދޭން ބޭނުންވާ އެއް ކަމަކީ ޗައުވިން އަމަލުކޮށްފައި ވަނީ އޭނާ އަށް ދީފައިވާ ތަމްރީނާ އެއްގޮތަށް ނޫން ކަމަށެވެ. އަދި ހާލަތު ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުންކޮށްފައި ވަނީ ޕޮލިސް ޑިޕާޓްމަންޓުގެ އުސޫލުތަކާ ޚިލާފަށްކަން ސާބިތު ކޮށްދިނުމަށެވެ.

ކޯޓުގައި އަރަޑޮންޑޯ ވިދާޅުވީ ފްލޮއިޑް ގަދަ ދެއްކުން ހުއްޓާލުމާ އެކު އޭނާ ހައްޔަރު ކުރުމުގައި އެފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.

އަރަޑޮންޑޯ ވިދާޅުވީ ފޭކް ނޫޓެއް ބޭނުންކޮށްގެން މީހަކު ހައްޔަރު ކުރުމަކީ ވެސް ފުލުހުން އާއްމުކޮށް ކުރާ ކަމެއް ނޫން ކަމަށެވެ.