Roadha Mihaaru
ޖާޒީގައި ނަމުގެ ބަދަލުގައި ރޭސިޒަމާ ދެކޮޅު މެސެޖެއް

ޖާޒީގައި ނަމުގެ ބަދަލުގައި ރޭސިޒަމާ ދެކޮޅު މެސެޖެއް

12 ޖޫން 2020

މެޑްރިޑް (ޖޫން 12) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަންނަ ބުރާސްފަތި ދުވަހު އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަށާއިރު ފުރަތަމަ ބުރުގެ މެޗުތަކުގައި ކުޅުންތެރިންގެ ޖާޒީގެ ފަހަތުގައި ނަމުގެ ބަދަލުގައި، ނަސްލީ ތަފާތުކުރުންތަކާ (ރޭސިޒަމް) ދެކޮޅަށް ހިންގާ ކެމްޕެއިނަށް ހިތްވަރުދޭ މެސެޖެއް ޖަހަން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޖޫން 12) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަންނަ ބުރާސްފަތި ދުވަހު އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަށާއިރު ފުރަތަމަ ބުރުގެ މެޗުތަކުގައި ކުޅުންތެރިންގެ ޖާޒީގެ ފަހަތުގައި ނަމުގެ ބަދަލުގައި، ނަސްލީ ތަފާތުކުރުންތަކާ (ރޭސިޒަމް) ދެކޮޅަށް ހިންގާ ކެމްޕެއިނަށް ހިތްވަރުދޭ މެސެޖެއް ޖަހަން ނިންމައިފި އެވެ.

ޖާޒީގައި ޖަހަން ނިންމާފައިވަނީ "ބްލެކް ލައިވްސް މެޓާ" މިހެންނެވެ. މިއީ އިއްޔެ ބޭއްވި ޕްރިމިއާ ލީގުގެ ބައްދަލުވުމަށް ލީގުގެ ގިނަ ކްލަބްތަކެއްގެ ކެޕްޓަނުން ހުށަހެޅި ކަމެކެވެ. ކެޕްޓަނުންގެ މި ހުށަހެޅުން ބަލައިގަނެ ޕްރިމިއާ ލީގުން ވަނީ ކޮންމެ ކްލަބަކުން ކުޅޭ ފުރަތަމަ މެޗުގައި ލީގުން ނިންމާ ބަދަލުތައް ހިމަނައިގެން ޖާޒީ ތައްޔާރުކުރަން ކްލަބްތަކަށް އަންގައިފަ އެވެ.

މި ދުވަސްވަރަކީ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް އަޑު އުފުލުން އާންމުވެފައިވާ ވަގުތެކެވެ. އެއީ ދާދި ފަހުން އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލާފައިވާތީ އެވެ. އެކަމާ ދެކޮޅަށް އެމެރިކާގައި މުޒާހަރާތައް ކުރަމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެކި ކެމްޕެއިންތައް ހިންގަމުންނެވެ.

ޕްރިމިއާ ލީގުގެ ޓީމުތަކުން ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ވެސް ވަނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު މެސެޖުތަކެއް ދީފަ އެވެ. އެ ގޮތުން އާސެނަލްގެ ކުޅުންތެރިން ވަނީ ހާއްސަ މެސެޖުތަކެއް ޖަހާފައިވާ ޓީޝާޓެއް ލައިގެން ކަކޫ ޖައްސައިގެން ފްލޮއިޑް ހަނދާން އާ ކޮށްފަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ޕްރިމިއާ ލީގުން ވަނީ މެޗުތައް ފެށުމުގެ ކުރިން ޓީމުތަކުން ބޭނުންނަމަ ކަކޫ ޖައްސައިގެން ފްލޮއިޑްގެ ހަނދާނީ ކެމްޕެއިންގައި ބައިވެރިވުމަށް ފުރުސަތު އޮންނާނެ ކަމަށް ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން ފިޔަވަޅެއް ނާޅާނެ ކަމަށް ޕްރިމިއާ ލީގުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ކަޅު ނަސްލުގެ ކޯޗުންނަށް ފުރުސަތު ލިބޭ ނިސްބަތް ވަރަށް މަދުކަމަށާއި މިއީ ވެސް ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހައްލެއް އަންނަން ޖެހޭ ކަމެއް ކަމުގައި ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓާ ވަނީ ބުނެފަ އެވެ. ޕޮޓާ މި ވާހަކަތައް ދެއްކީ ދާދި ފަހުން މެންޗެސްޓާ ސިޓީގެ ވިންގް ރަހީމް ސްޓާލިން ވެސް މި ކަންތައްތައް ފާހަގަކޮށް ދެއްކި ވާހަކަތަކަށް ތާއީދުކުރުމަށް ފަހު އެވެ.

އަލުން މެޗުތައް ފަށާއިރު، ކޮވިޑް-19ގެ ޖެހިގެން މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެންނަން ވަނީ ހަމަޖެހިފަ އެވެ. އަދި ޖާޒީގައި ސިއްހީ ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ ރަމްޒީ ބެޖެއް ޖެހުމަށް ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ ޕްރިމިއާ ލީގު އަލުން ފަށާއިރު އެރޭ ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އެސްޓަން ވިލާ ކުޅޭނީ ޝެފީލްޑް ޔުނައިޓެޑާ އެވެ. އަދި ދެ ވަނަ މެޗުގައި މެންޗެސްޓާ ސިޓީ ދަނޑުގައި އެ ޓީމު ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.