Roadha Mihaaru
ބިލަބޮންގް/ ފިންލޭންޑް ސްކޫލުގެ އެޑްމިޝަން ހުޅުވާލަނީ

ފިންލެންޑް ސްކޫލާއި ބިލަބޮންގް ސްކޫލުގެ ގްރޭޑް 1 އަށް ކުދިން ވައްދަން ހުޅުވާލަނީ

22 އެޕްރީލް 2021

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދިރާސީ އާ އަހަރަށް ގްރޭޑް 1 އަށް ކުދިން ވެއްދުމުގެ ފުރުސަތު މި މަހު ހުޅުވައިލަން ނިންމައިފި އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދިރާސީ އާ އަހަރަށް ގްރޭޑް 1 އަށް ކުދިން ވެއްދުމުގެ ފުރުސަތު މި މަހު ހުޅުވައިލަން ނިންމައިފި އެވެ.

އެ ދެ ސްކޫލް ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން ބުނީ، ގްރޭޑް 1 އަށް ކުދިން ވެއްދުމަށްޓަކައި މި މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 9:00 އިން ފެށިގެން ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ.

ގްރޭޑް 1 އަށް އެޑްމިޝަން ފުރުސަތު ހުޅުވައިލާނީ އައިލެންޑާސް އެޑިއުކޭޝަންގެ ވެބްސައިޓް www.islanderseducation.com މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓަރީ ކުރާ ގޮތަށެވެ. ދިރާސީ އާ އަހަރުގެ ފެށުން އޮގަސްޓް މަހަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން، މި އަހަރުގެ އޮގަސްޓްގައި ފެށޭ އާ އަހަރަށް ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމުގައި އުމުރު ބަލާނެ މިންގަނޑަކީ މާޗް 31، 2022 އަށް އަށް ދަރިވަރަށް ހަތް އަހަރު ފުރިފައިވުމެވެ.

ގްރޭޑް 1 އިން ޖާގަ ދެނީ އައިލެންޑާސް އެޑިއުކޭޝަނުގެ ދަށުން ހިންގާ އެހެން ޕްރީ ސްކޫލްތަކުގެ ބެލެނިވެރިންނަށާއި އާންމުންނަށް ވެސް އެއް ތާރީހެއްގަ އެވެ. ޖާގަ ދޭނީ އޮންލައިން ފޯމު ހުށަހަޅާ ތަރުތީބުން އައިލެންޑާސް އެޑިއުކޭޝަނުގެ ޕްރީ ސްކޫލްތަކުގެ ބެލެނިވެރިންނަށް ދޭ ތިން ދުވަހުގެ އެކްސްކުލޫސިވް މުއްދަތެއް ހިމެނޭހެން "ފަސްޓް ކަމް ފަސްޓް ސާވް" އުސޫލުންނެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ ބައެއް ދަރިވަރުން. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ ބައެއް ދަރިވަރުން. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ގްރޭޑް 1 އިން ޖާގަ ހޯދަން ބޭނުންވާ ހުރިހާ ބެލެނިވެރިންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މައުލޫމާތު ސެޝަނެއް މިރޭ 9:00 ގައި އައިލެންޑާސް އެޑިއުކޭޝަނުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކުރާނެ އެވެ.

މާލޭގައި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލް ވެސް ހިންގާ އިމާރާތުގައި 2019 އަހަރުން ފެށިގެން ހިންގަމުން އަންނަ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ޑރ. އޭޔާ ވެލަންނޭ ވިދާޅުވިގޮތުގައި، އެ ސްކޫލަށް ދަރިވަރުން ވެއްދުމުގައި ބެލެނިވެރިން އެންމެ ގަޔާވާ އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ދުނިޔޭގެ މިންގަނޑުން ވެސް އެންމެ ރަނގަޅު އެއް ތަޢުލީމީ ނިޒާމު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ފިންލެންޑްގެ ކޯ ކަރިކިއުލަމް، ރާއްޖޭގެ އާދަކާދަ އާއި ސަގާފަތަށް ފެތޭނެ ގޮތަކަށް ބަދަލުކޮށް، ސީދާ ރާއްޖެ އިން މި ފުރުސަތު ލިބުމެވެ.

މާލެ: ޖެނުއަރީ 8، 2017: ބިލަބޯންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރަކު ސްކޫލަށް ވަންނަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލެ: ޖެނުއަރީ 8، 2017: ބިލަބޯންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރަކު ސްކޫލަށް ވަންނަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި ޑރ. އޭޔާ ފާހަގަކުރެއްވީ ސްކޫލް ހުޅުވުނީއްސުރެ މިވީ ދެ އަހަރަށް ވުރެ ގިނަ މުއްދަތުގައި ވެސް ސްކޫލްގެ ޖާގަތައް މުޅިންހެން ފުލްވެފައި އޮންނަ އޮތުމެވެ.

"އަޅުގަނޑުމެންގެ ކަރިކިއުލަމާއި ކިޔަވައި ދިނުން ބައްޓަން ވެފައި އޮންނަނީ މައުލޫމާތު ހިތުދަސް ކުރުވުމަށް ވުރެ ބޮޑަށް ދަރިވަރުން އެންމެ ތުއްތުއިރުއްސުރެ ދަރިވަރުން އަމިއްލަ އަށް ވިސްނައި ދިރާސާކޮށްގެން މައުލޫމާތާއި ކަންކަން ހިނގާ ގޮތް ދަސްކޮށްދީ، އެ ކުއްޖެއްގެ ކިޔެވުމުގެ ފުރިހަމަ ޒިންމާ އެ ކުއްޖަކު އަމިއްލަ އަށް ނެގުމަށް. އަދި ވާދަވެރިކަމުގެ ބަދަލުގައި ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ހުންނަ ހާއްސަ ހުނަރެއް ދެނެގަނެ، އެކަން ތަރައްގީ ކުރުމަށް މަސައްކަތް ކޮށްދީ، ކޮންމެ ކަމެއްގައި ވެސް އެ ކުއްޖަކަށް ވީ ވަރަކުން ބައިވެރިވުން އިތުރުކުރުމަށް،" އޭނާ ވިދާޅުވި އެވެ.

އާންމުކޮށް ކިޔަވައިދޭ މާއްދާތަކުގެ އިތުރަށް އެ ސްކޫލްގައި ވަޑާމުގެ ތަފާތު އާލާތްތަކާއެކު ގާއިމު ކޮށްފައިވާ ކްރާފްޓް ރޫމްގައި ހިންގާ ކްރާފްޓް ކްލާހަކީ ވެސް ދަރިވަރުންގެ މެދުގައި ވަރަށް މަގުބޫލު ކްލާސްތަކެއް ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

ފިންލެންޑު އިންޓަނޭޝަލް ސްކޫލު ހުޅުވަން މިއަދު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފިންލެންޑު އިންޓަނޭޝަލް ސްކޫލު ހުޅުވަން މިއަދު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގެ އެންމެ ފުރަތަމަ އުފެދުނު އެއް އިންޓަނޭޝަނަލް ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ވައިސް ޕްރިންސިޕަލް މައުރޫފާ ވިދާޅުވި ގޮތުގައި، އެ ސްކޫލްގެ އެންމެ ހާއްސަ ކަމަކީ ޒަމާންވީ އަދި ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ ކަރިކިއުލަމެވެ.

"އަޅުގަނޑުމެންގެ ސްކޫލަށް ގްރޭޑް 1 އަށް ވަންނަ ގިނަ އަދަދެއްގެ ދަރިވަރުންނަކީ ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ނިންމުމަށް ފަހު ވަންނަ ދަރިވަރުން. ޕްރީސްކޫލުން ފައްޓާ ކަރިކިއުލަމް ހުއްޓުމެއް ނެތި ޕްރައިމަރީގައި ވެސް ކުރިއަށް ގެންދިއުމަށް ލިބޭ ފުރުސަތަކީ ގިނަ ބެލެނިވެރިން ފާހަގަކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މައުރޫފާ ވިދާޅުވިގޮތުގައި، މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަކީ ކޮވިޑާ ގުޅިގެން ލޮކްޑައުންއެއްގައި އޮންލައިން މޯޑަށް ކިޔެވުމަށް ފަހު، މި ފެށޭ އާ އަހަރު ގްރޭޑް އެކަކަށް ބަދަލުވާ ދަރިވަރުންނަށް ވުމާއެކު، ގްރޭޑް 1 އަލަށް ފަށައިގަންނައިރު އެންމެ މުހިންމު އެއް ކަމަކީ އޮންލައިން ކުލާސްތަކުން އެ ދަރިވަރުން އުނިވެފައި ވާނެ ކަންކަމެވެ. އެހެންވެ، އަސާސީ ބައެއް ހުނަރުތައް އިތުރަށް ތަރައްގީ ކުރުމަށް ސްކޫލުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ތަފާތު އެކި ހަރަކާތްތަކުގެ ތެރެއިން އިޖްތިމާއި، ނަފްސާނީ، އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކޮށް އުނގެނުމުގެ އަސާސީ ހުނަރުތައް އެންމެ ބާރު ސްޕީޑެއްގައި ތަރައްގީވެ، ހެދިބޮޑުވަމުން އަންނަނީ ޕްރީސްކޫލް އުމުރުގައި ކަމަށް ވުމާ އެކު ކޮވިޑް19 ލޮކްޑައުންގައި މި ހޭދަވި ދިގު މުއްދަތާއި ގުޅިގެން އުގެނުމަށް އެންމެ ބޮޑު އިމްޕެކްޓެއް އައި ދަރިވަރުންނަކީ ޕްރީސްކޫލް އުމުރުގެ ދަރިވަރުން،" މައުރޫފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްކޫލުގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން އެ ހުނަރުތައް އިތުރަށް ތަރައްގީ ކުރުމަށް ޙާއްސަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ޕްރީ ސްކޫލު ނިންމާ ގިނަ އަދަދެއްގެ ދަރިވަރުން ގްރޭޑް 1 އަށް ވެއްދުމުގައި ޖާގައިގެ ވާދަވެރިކަން ވަރަށް ބޮޑުވެފައި ވާއިރު، އެޑްމިޝަން ހުޅުވާ ތާރީހާއި ވަގުތައް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަކީ ޖާގައިގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް އައިލެންޑާސް އިން ފާހަގަކުރެ އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1 ގެ އެޑްމިޝަނާ ގުޅޭ މައުލޫމާތުތައް އައިލެންޑާސް އެޑިއުކޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.