Roadha Mihaaru
ބިލަބޮންގް އާއި ފިންލެންޑުގެ އެޑްމިޝަނަށް ހުޅުވާލަނީ

ބިލަބޮންގް އާއި ފިންލެންޑުގެ އެޑްމިޝަނަށް ބުރާސްފަތިދުވަހު ހުޅުވާލަނީ

11 ފެބުރުއަރީ 2024

ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލް އާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން، މި ފަށާ ދިރާސީ އާ އަހަރުގެ ގްރޭޑް އެކެއްގެ އެޑްމިޝަނަށް ބުރާސްފަތި ދުވަހުގެ ތިނެއް ޖަހާއިރު ހުޅުވާލަން ނިންމައިފި އެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލް އާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން، މި ފަށާ ދިރާސީ އާ އަހަރުގެ ގްރޭޑް އެކެއްގެ އެޑްމިޝަނަށް ބުރާސްފަތި ދުވަހުގެ ތިނެއް ޖަހާއިރު ހުޅުވާލަން ނިންމައިފި އެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ މި ދެ ސްކޫލުގެ އެޑްމިޝަނާ ގުޅިގެން ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާނެ އެވެ. ފުރަތަމަ ސެޝަން އޮންނާނީ ބިލަބޮންގް ހައި ސްކޫލުގެ ހޯލުގައި އަންގާރަ ދުވަހުގެ ތިނެއް ޖަހާއިރު އެވެ. ދެ ވަނަ ސެޝަން އޮންނާނީ ފިންލެންޑް ސްކޫލުގެ ހޯލުގައި ބުދަ ދުވަހުގެ ތިނެއް ޖަހާއިރު އެވެ.

އައިލެންޑާސް އެޑިއުކޭޝަނުގެ ޕޯސްޓެއް.

އައިލެންޑާސް އެޑިއުކޭޝަނުން ބުނި ގޮތުގައި ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު އެޑްމިޝަނަށް ހުޅުވާލުމަށް ނިންމާފައި ވަނީ ކެންގަރޫ ކިޑްސް އާއި މަދަރުސަތުލް އަމީރު އަހުމަދުގެ ޔޫކޭޖީ ނިންމާ ދަރިވަރުންނަށް ގްރޭޑް އެކެއްގެ އެޑްމިޝަނަށް ހުށަހެޅުމަށް ފުރަތަމަ ދޭ ފުރުސަތު ނުދީ ކަމަށެވެ. އަދި މި އަހަރު އެޑްމިޝަންގެ ފުރުސަތު ހުޅުވާލަނީ މި ދެ ސްކޫލާއި މާލެ އާއި ހުޅުމާލޭގެ ހުރިހާ ޕްރީ ސްކޫލެއްގެ ޔޫކޭޖީ ނިންމާ ދަރިވަރުންނަށް އެއްކޮށް ކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

މި ދެ ސްކޫލަށްދާ ދަރިވަރުންނަށް ހުޅުމާލެ އާއި މާލެއާ ދޭތެރޭ ބަހުގެ ހިދުމަތް ވެސް މިހާރު ލިބެމުން އަންނަ ކަމަށް އައިލެންޑާސްއިން ބުންޏެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ކެންގްރޫ ކިޑްސް އާއި ފިންލަންޑް ސްކޫލުން މި ދިޔަ އަހަރާ ޖެހެންދެން ކިޔަވާދެމުން ދިޔައީ ލޮނުޒިޔާރަތް މަގު ހެންވޭރު ސްކޫލު ހިންގި ބިމުގައި ހުރި އިމާރާތުގަ އެވެ.

ފިންލެންޑް ސްކޫލުގެ ޕްރިންސިޕަލް ޑރ. އެއްޔާ ވެލާނެ ވިދާޅުވި ގޮތުގައި ފިންލެންޑް ސްކޫލުން މިހާރު ކިޔަވައި ދެމުން އަންނަނީ އައިލެންޑާސްއިން އެ ބިމުގައި އަލަށް އެޅި އަށް ބުރީގެ އިމާރާތުގަ އެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރުގައި، އަށް ބުރީގެ އިމާރާތާ އިންވެގެން އަޅަމުންދާ 11 ބުރީގެ އިމާރާތް ނިންމާ, ފިންލަންޑް ސްކޫލުގެ ބޭނުމަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ.އެއްޔާ ވިދާޅުވި ގޮތުގައި ފިންލެންޑް ސްކޫލަކީ އެހެން ސްކޫލްތަކާ ތަފާތު ސްކޫލެކެވެ. މި ސްކޫލުގެ އެންމެ ބޮޑު ތަފާތު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވަނީ އެންމެ ޒަމާނީ ކްލާސްރޫމްތަކާއި ކިޔަވައިދޭން ބޭނުންކުރާ ވަސީލަތްތަކެވެ. އަދި ކޮންމެ ކްލާހެއްގައި ފިންލެންޑުން މާސްޓާސް ހަދައިގެން ހުރި ފިނިޝް ޓީޗަރަކާއި ދިވެހި ދެ ޓީޗަރުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ޑރ. އެއްޔާ ވަނީ އެ ސްކޫލުގެ އަށަކުން ގްރޭޑް 10 އަށް ކިޔަވައިދޭ ސަބްޖެކް ޓީޗަރުންނަކީ ވެސް ފިންލަންޑުން މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވާ ޓީޗަރުންކަން ފާހަގަކުރައްވައިފަ އެވެ.

ޑރ. އެއްޔާ ވިދާޅުވީ ދިރާސީ އަހަރަށް އައި ބަދަލުގެ ސަބަބުން, މި ނިމޭ އަހަރާއި ކުރިއަށް އޮތް އަހަރުން ޖުމްލަ ހަތް މަހުގެ ކިޔެވުން ގެއްލޭ އިރު, އެ ސްކޫލުގެ އަމާޒަކީ އަވަހަށް ސިލަބަހާ ކޮންޓެންޓު ނިންމާލުން ނޫން ކަމަށެވެ.

"ކުރިއަށް އޮތް ދިރާސީ ދެ އަހަރު ފިންލަންޑް ސްކޫލުގެ އެކަޑެމިކް ޕްލޭން ބިނާކޮށްފައި ވާނީ ހަމަހަމަ ކަމަށް އިސްކަންދީ, ހުރިހާ ކުދިން ޝާމިލްވާގޮތަށް ކިޔެވުން ބައްޓަން ކުރެވޭ ގޮތަށް. ކްލާހުގައި ތިބޭ ހުރިހާ ކުދިންނަށް އެއްވަރަކަށް ފިލާވަޅު ދަހެއް ނުވާނެ. ކޮންމެ ކުއްޖަކާ މެދު ވަކިން މުދައްރިސުން ވިސްނަން ވަގުތު އޮންނަން ޖެހޭނެ،" ޑރ. އެއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސްކޫލުން ބޭނުންވާ ގޮތަށް ކިޔަވައި ދިނުން ބައްޓަން ކުރެވޭނީ ކަރިކިއުލަމް އާއި ފޮތްތައް ވަކި ވަގުތަކަށް ނިންމަން މަޖުބޫރު ކުރުމުގެ ބަދަލުގައި ކުދިން ދަސްކުރާހިތްވާ ގޮތަށް މުދައްރިސުންނަށް ކިޔަވައިދިނުން ރޭވުމަށް މަގުފަހިކޮށްދީގެން ކަމަށެވެ. އަދި އެ ފަދަ ގޮތަކަށް ކިޔަވާ ދިނުން ބައްޓަން ކުރުމުން ކަރިކިއުލަމްގެ ހުރިހާ ލަނޑުދަނޑިތައް ވެސް ފުރިހަމައަށް ހާސިލްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިންލެންޑް ސްކޫލުގެ ދަރިވަރުންތަކެއް. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ފިންލެންޑް ސްކޫލުގެ ދަރިވަރުންތަކެއް. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޑރ. ލޯރާ އޯޓާ ވެސް ވަނީ ދިރާސީ އަހަރަށް އައި ބަދަލާ ގުޅިގެން އެ ސްކޫލުގެ ކިޔަވައިދިނުމުގެ ކަންތައްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޑރ. ލޯރާ ވިދާޅުވީ އެ ސްކޫލުން އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ކިޔެވުމުގެ އެއްވެސް މެދުކެނޑުމެއް އައި ކަމަށް އިހުސާސް ނުކުރެވި އެއް ގްރޭޑުން އަނެއް ގްރޭޑަށް ޕްރޮމޯޓުވެ ކިޔެވުން ކުރިއަށް ދާނެ ގޮތަށެވެ. ބިލަބޮންގް ހައި ފެރެންޗައިސްގެ ކަރިކިއުލަމް ޓީމްގެ ފަރާތުން އެކެޑެމިކް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތަކުގެ މަޝްވަރާތައްކޮށް ހުރިހާ މުދައްރިސުން މިކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ސްކޫލްގެ އެންމެ ހާއްސަ އެއް ކަމަކީ ސްކޫލްގެ ޒަމާންވީ އިންޓަނޭޝަނަލް ކަރިކިއުލަމް. އަދި އެ ކަރިކިއުލަމް އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަރިކިއުލަމެއް. ކުރިއަށް އޮތް ދިރާސީ އަހަރަށް މި އައި ބަދަލާ ގުޅިގެން ވެސް ބިލަބޮންގްގެ ކަރިކިއުލަމް ދަރިވަރުންނަށް ފުރިހަމައަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭނެ ކަންތައް." ޑރ. ލޯރާ ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް ޔޫކޭޖީ ނިންމާ ގިނަ އަދަދެއްގެ ދަރިވަރުން ގްރޭޑް އެކަކަށް ވެއްދުމުގައި ޖާގައިގެ ވާދަވެރިކަން ބޮޑު ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ. އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ސްކޫލްތަކުން ޖާގަ ހޯދުމަށް އެޑްމިޝަން ހުޅުވާލާ ވަގުތު ވީހާވެސް އަވަހަށް އެޑްމިޝަނަށް ހުށަހެޅުމުން ދަރިވަރަށް ޖާގަ ލިބުމުގެ ފުރުސަތު ބޮޑު ވާނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް އެކެއްގެ އެޑްމިޝަނަށް ހުޅުވާލުމަށް މިހާރު ތައްޔާރުވަމުން ދާއިރު, އެޑްމިޝަނާ ގުޅޭ ހުރިހާ މައުލޫމާތެއް އެ ދެ ސްކޫލްގެ ވެބްސައިޓުން ލިބޭނެ އެވެ.

ނޯޓު: މިއީ، އައިލެންޑާސް އެޑިއުކޭޝަންގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.