Roadha Mihaaru
ޓޮމާޓޯގެ ފައިދާތަކުގެ ލިސްޓް ވަރަށް ދިގު

ޓޮމާޓޯގެ ފައިދާތަކުގެ ލިސްޓް ވަރަށް ދިގު

21 އެޕްރީލް 2021

ޓޮމާޓޯ އާންމުކޮށް ބޭނުންކުރަނީ ތަރުކާރީއެއްގެ ގޮތުގައި ކަމަށް ވިޔަސް އެއީ ހަގީގަތުގައި މޭވާއެކެވެ. އެކަމަކު އެ ވާހަކަ އަށް ވުރެ ބޮޑަށް ދައްކަން ޖެހެނީ ޓޮމާޓޯގެ ފައިދާތަކުގެ ވާހަކަ އެވެ. މިއީ ހަގީގަތުގައި ބޭނުން ނުކޮށް ދޫކޮށްލާވަރުގެ އެއްޗެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓޮމާޓޯ އާންމުކޮށް ބޭނުންކުރަނީ ތަރުކާރީއެއްގެ ގޮތުގައި ކަމަށް ވިޔަސް އެއީ ހަގީގަތުގައި މޭވާއެކެވެ. އެކަމަކު އެ ވާހަކަ އަށް ވުރެ ބޮޑަށް ދައްކަން ޖެހެނީ ޓޮމާޓޯގެ ފައިދާތަކުގެ ވާހަކަ އެވެ. މިއީ ހަގީގަތުގައި ބޭނުން ނުކޮށް ދޫކޮށްލާވަރުގެ އެއްޗެއް ނޫނެވެ.

ދުޅަހެޔޮ ސިއްހަތަކަށް ކެއުމުގެ ވައްޓަފާޅި ބިނާކުރާ އިރު ޓޮމާޓޯ އަކީ ކޮންމެހެން ވެސް ބޭނުންކުރަން ޖެހޭ އެއްޗެކެވެ. ފައިދާތައް އެހާމެ ގިނަ އެވެ. ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ޓޮމާޓޯ އިން ލިއްބައިދެ އެވެ.

ސަތޭކަ ގްރާމްގެ ޓޮމާޓޯގެ ނިއުޓްރިއަންޓް ލެވެލް އަށް ބަލާއިރު އެއީ 18 ކެލަރީ، 0.9 ގްރާމްގެ ޕްރޮޓީން، 3.9 ގްރާމްގެ ކާބްސް، 2.6 ގްރާމްގެ ހަކުރު، 1.2 ގްރާމްގެ ފައިބަރު، 0.2 ގްރާމްގެ ފެޓެވެ. ޓޮމާޓޯގެ ފެނުގެ ނިސްބަތަށް ބަލާ އިރު އެއީ 95 ޕަސަންޓެވެ.

ޓޮމާޓޯ އިން ހަށިގަނޑަށް ބޭނުންވާ އެންޓިއޮކްސިޑަންޓެއް ކަމަށްވާ ލައިކޮޕީން ލިއްބައިދެ އެވެ. އޭގެ ސަބަބުން ހިތުގެ ބަލިތަކާއި ކެންސަރު ބައްޔާ ވެސް ދުރުކޮށްދެ އެވެ. ޓޮމާޓޯ އިން ލިއްބައިދޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ، ކޭ، ޕޮޓޭސިއަމް އަދި ފޮލޭޓް (ވިޓަމިން ބީ9) ހިމެނެ އެވެ. މީގެ އިތުރުން ޓޮމާޓޯ އަކީ ބީޓާ ކެރޮޓީން އާއި ކްލޮރޯޖެނިކް އެސިޑް އެކުލެވޭ އެއްޗެކެވެ. އެ މާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އާންމުކޮށް ޑައިޓްގައި ޓޮމާޓޯ ބޭނުންކުރާ ނަމަ ހަށިގަނޑުގެ ލޭ ހޮޅިތައް ސާފުކޮށްދީ، ލޭ ދައުރުވުން ރަނގަޅުކޮށްދީ ލޭގަނޑުމުގެ މައްސަލަ ހުއްޓުވައިދީ ހިތުގެ ބޮޑެތި މައްސަލަތަކުން ވެސް ރައްކާތެރިކަން ހޯދައިދޭނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުން އާންމުކޮށް ޓޮމާޓޯ ކާ ނަމަ އުރަމަތީގެ ކެންސަރާ ވެސް ދުރުކޮށް ދޭން އެހީއަކަށްވެ އެވެ.

ގައިގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ވެސް ޓޮމާޓޯ އެހީއަކަށްވެ އެވެ. ޓޮމާޓޯ ބޭނުންކުރާ ނަމަ އަވިން ހަމަށް ލިބޭ ގެއްލުން ކުޑަކޮށްދެ އެވެ. ހާއްސަކޮށް ހަންގަނޑު އެނދުން ކަހަލަ މައްސަލަތަކެވެ.

ޓޮމާޓޯ އަކީ ވަރަށް ގިނަ ގޮތްގޮތަށް ބޭނުންކޮށްލެވިދާނެ އެއްޗެކެވެ. އެގޮތުން ސެލެޑް ހެދުމާއި ރިހަ ކެއްކުމާއި ޕިއްޒާ ފިހުން ފަދަ ކަންކަމަށް ވަރަށް އާންމުކޮށް ގިނަ ބަޔަކު ޓޮމާޓޯ ބޭނުންކުރެ އެވެ. އޭގެ އިތުރަށް ޓޮމާޓޯ ސޫޕާއި ޓޮމާޓޯ ޖޫސް/ސްމޫތީ އަކީ ވެސް ބޯލަން ވަރަށް ރަނގަޅު އެއްޗިއްސަށް ވާނެ އެވެ.

ޓޮމާޓީ އަކީ އަސާރަ އަޅަން ވެސް ރަނގަޅު އެއްޗެކެވެ. މީގެ އިތުރަށް ގްރިލްކޮށްގެންނާއި ހިއްކައިގެން ވެސް ޓޮމާޓޯ ބޭނުންކޮށް އުޅެ އެވެ.