Roadha Mihaaru
ކްރިތީ އަށް ޑައިރެކްޓަރު އޯމްގެ ތައުރީފު

ކްރިތީ ސެނަން އަށް ޑައިރެކްޓަރު އޯމް ރައުތުގެ ތައުރީފު

21 އެޕްރީލް 2021

ކްރިތީ ސެނަން އަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށް ބުނެ ފިލްމު "އާދިޕުރުޝް" ގެ ޑައިރެކްޓަރު އޯމް ރައުތު ޒުވާން ބަތަލާ އަށް ތައުރީފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކްރިތީ ސެނަން އަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށް ބުނެ ފިލްމު "އާދިޕުރުޝް" ގެ ޑައިރެކްޓަރު އޯމް ރައުތު ޒުވާން ބަތަލާ އަށް ތައުރީފުކޮށްފި އެވެ.

ދިއްލީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޕްރަބާސް އާއި ސައިފް އަލީ ޚާން މައިގަނޑު ރޯލުތައް ކުޅޭ ފިލްމުން ކްރިތީ އަށް ދިން ސީތާގެ ކެރެކްޓާ އަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދީފައިވާ ކަމަށެވެ.

"އަހަރެން ކުރިން އުންމީދު ވެސް ނުކުރާހާ މޮޅު ބަތަލާއެއް ކްރިތީ އަކީ. އަނެއްކާ އެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ،" މިދިޔަ އަހަރު "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ. "އަހަންނަށް ވަރަށް ޔަގީން ސީތާގެ ކެރެކްޓާ އިން ކްރިތީ ބެލުންތެރިން ހައިރާންކޮށްލާނެކަން."

އޯމް ބުނި ގޮތުގައި "އާދިޕުރުޝް" އަށް ކްރިތީ ޝޫޓްކުރަން ޖެހޭ ހުރިހާ މަންޒަރެއް މިހާރު ވަނީ ނަގައިފަ އެވެ. އަދި އޭނާ ހުރީ ކްރިތީގެ މަސައްކަތާ ދޭތެރޭ 100 ޕަސަންޓް އުފަލުން ކަމަށް ބުންޏެވެ.

"އަހަންނަށް ވަރަށް ޔަގީން ސީތާގެ ކެރެކްޓާ އިން ކްރިތީ ބެލުންތެރިން ހައިރާންކޮށްލާނެކަން." އޯމް

ބޮޑު ބަޖެޓަކުން ހަދާ "އާދިޕުރުޝް" އަކީ އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ޚުރާފީ ވާހަކަ "ރާމަޔަން" ގެ ކެރެކްޓާތަކެއްގެ މައްޗަށް ހަދާ ފިލްމެކެވެ. އެގޮތުން ލޯޑް ރާމްގެ ރޯލު ޕްރަބާސް ކުޅޭ އިރު، ރާވަންގެ ނެގަޓިވް ކެރެކްޓާ ކުޅެނީ ސައިފެވެ.

ފިލްމާ ބެހޭ ގޮތުން އޯމް ބުނީ "އާދިޕުރުޝް" ގައި ޕްރަބާސް އާއި ސައިފް ވެސް ފެންނާނީ ވަރަށް ބޮޑު ބަދަލަކާ އެކީގައި ކަމަށެވެ. އެކަމަކު އޭގެ ތަފުސީލަކަށް ދާން ބޭނުން ނުވާ ކަމަށް ބުންޏެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފެށި "އަދިޕުރުޝް" ގެ ކާސްޓްގައި ޒުވާން އެކްޓަރު ސަނީ ސިންގް ވެސް ހިމެނެ އެވެ. އޭނާގެ ކެރެކްޓާ އަކީ ލަކްޝްމަނެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ސަޕޯޓިން ރޯލަކުން އަމީތާބް ބައްޗަން ވެސް ފެންނާނެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރާ "އާދިޕުރުޝް" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 11 ގަ އެވެ.

މި ފިލްމާ އެކު ކްރިތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މިމީ" އާއި "ހަމް ދޯ ހަމާރޭ ދޯ" އާއި "ބައްޗަން ޕާންޑޭ" އާއި "ބޭޅިޔާ" އަދި "ގަންޕަތު" ހިމެނެ އެވެ.

ކްރިތީ، 30، އަކީ 2014 ގައި ޓައިގާ ޝްރޮފާ އެކު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ލުކާ ޗުއްޕީ"، "ރާބްތާ"، "ބެރީލީ ކީ ބަރްފީ"، "ދިލްވާލޭ"، "ހައުސްފުލް 4" އަދި "ޕާނިޕަތު" ހިމެނެ އެވެ.