Roadha Mihaaru
ޕްރޮމޯޝަނަކަށް ޓެޓޫ ޖެހުމުން އަހަރު ދުވަހު ހިލޭ ބާގަ

އެމެރިކާގެ ރެސްޓޯރަންޓެއްގެ ޕްރޮމޯޝަނަކަށް ދާއިމީ ޓެޓޫ ޖެހުމުން އަހަރު ދުވަހަށް ހިލޭ ބާގަ ދެނީ

20 އެޕްރީލް 2021

ދާއިމީ ޓެޓޫއެއް ޖަހާ ކަސްޓަމަރުންނަށް އެމެރިކާގެ ރެސްޓޯރަންޓަކުން އެއް އަހަރު ދުވަހަށް ހިލޭ ބާގަ ދޭ ގޮތަށް ނިންމައިފި އެވެ،

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާއިމީ ޓެޓޫއެއް ޖަހާ ކަސްޓަމަރުންނަށް އެމެރިކާގެ ރެސްޓޯރަންޓަކުން އެއް އަހަރު ދުވަހަށް ހިލޭ ބާގަ ދޭ ގޮތަށް ނިންމައިފި އެވެ،

މިއީ ކެލިފޯނިއާގައި ހިންގާ، ބާގަ އަށް ހާއްސަ ރެސްޓޯރަންޓް "ފާމާ ބޯއިޒް އިންކް" ގެ 40 ވަނަ އަހަރާ ދިމާކޮށް ހިންގާ ޕްރޮމޯޝަނެކެވެ. ޓެޓޫ ޖަހަން ޝައުގުވެރިވާ ކަސްޓަމަރުންނަށް އެޕްލައިކުރުމުގެ ފުރުސަތު އޮތީ އަންނަ މަހުގެ 21 އާ ހަމައަށެވެ. އަހަރު ދުވަހަށް ހިލޭ ބާގަ ކާން ބޭނުން ނަމަ ހަދަން ޖެހޭ ގޮތަކީ ރެސްޓޯރަންޓުން އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރައިލުމެވެ. އެކަމަކު އެ މީހަކީ 18 އަހަރުން މަތީގެ މީހަކަށް ވާން ޖެހޭނެ އެވެ.

ކަސްޓަމަރުންނަށް ޖަހަން އިހުތިޔާރު ދެނީ ތިން ޓެޓޫއެކެވެ. އޭގެ ތެރެއިން ދެ ޓެޓޫ އަކީ ބާގާ ސިފަކޮށްދޭ އަދި އެ އެއްޗިއްސާ އެކު "ފާމާ ބޯއިޒް" އަދި "އައި ލަވް ފާމާ ބޯއިޒް" ޖަހާފައި އިންނަ ޓެޓޫ އެވެ. އަނެއް ޓެޓޫ އަކީ ޓްރަކެއްގެ ފަހަތަށް ބާގާއެއް އަރުވައިގެންދާ މަންޒަރު ސިފަކޮށްދޭ ޓެޓޫ އެވެ.

ޓެޓޫ ޖަހަން ޖެހެނީ އޭގެ ފުޅާ މިނާއި ދިގުމިން ދެ އިންޗި އަށް ވުރެ ކުޑަ ނުވާ ގޮތަށެވެ.

ދާއިމީ ޓެޓޫ ޖަހައިގެން އަހަރަކަށް ހިލޭ ބާގާ ލިބޭ ޕްރޮމޯޝަނާ ބެހޭ ގޮތުން "ފާމާ ބޯއިޒް އިންކް" އިން ބުނީ މިހާރު ވެސް މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

"އެހެންވީމަ ފަހަރުގައި އެޕްލައިކުރާ އެންމެންނަށް ޓެޓޫ ޖަހަން އެޕޮއިންޓްމަންޓް ވެސް ހަމަނުޖެއްސިދާނެ." ރެސްޓޯރަންޓުން ބުންޏެވެ.

ދާއިމީ ޓެޓޫ ޖަހަން ބޭނުން ނުވާ ކަސްޓަމަރުންނަށް ވެސް ހާއްސަ ފުރުސަތެއް ތައާރަފުކޮށްފައިވެ އެވެ. އެއީ އެތަނުން ގަންނަ ކޮންމެ ބާގާ އެކު ވަގުތީ ޓެޓޫއެއް ޖަހައިގެން ހިލޭ ބާގާ ހޯދުމުގެ ފުރުސަތެވެ. އެކަމަކު ދޭ ޓެޓޫ ޖެހިކަން ކަށަވަރުކޮށް ދޭން އެ ޖަހައިގެން ނަގާފައިވާ ފޮޓޯ އިންސްޓަގްރާމަށް އަޕްލޯޑްކުރަން ޖެހޭނެ އެވެ.