Roadha Mihaaru
ރެއިންބޯގެ ފުރަތަމަ ރެސްޓޯރަންޓް "ޕެޝިއޯ" ހުޅުވައިފި

ރެއިންބޯގެ ފުރަތަމަ ރެސްޓޯރަންޓް "ޕެޝިއޯ" ހުޅުމާލޭގައި ހުޅުވައިފި

03 ފެބުރުއަރީ 2023

ރެއިންބޯގެ ފުރަތަމަ ރެސްޓޯރަންޓް "ޕެޝިއޯ" ހުޅުމާލޭގައި ރޭ ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރެއިންބޯގެ ފުރަތަމަ ރެސްޓޯރަންޓް "ޕެޝިއޯ" ހުޅުމާލޭގައި ރޭ ހުޅުވައިފި އެވެ.

ހުޅުމާލޭގެ ފިތުރޯނު މަގުގައި ހުންނަ ރެއިންބޯގެ އޯޝަންފްރަންޓް ރެޒިޑެންސީގައި ހުޅުވި އެ ރެސްޓޯރަންޓްގައި 65 އަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ހިދުމަތް ދެވެ އެވެ.

ޕެޝިއޯ ރެސްޓޯރަންޓްގެ އެތެރެ: މި ތަނަކީ ޖާގަ ތަނަވަސް، ތަފާތު އިންޓީރިއާއެއް ހިމެނޭ ތަނެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެޝިއޯ ރެސްޓޯރަންޓްގެ އެތެރެ: މި ތަނަކީ ޖާގަ ތަނަވަސް، ތަފާތު އިންޓީރިއާއެއް ހިމެނޭ ތަނެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބިސްޓްރޯ ސްޓައިލަށް ހަދާފައިވާ "ޕެޝިއޯ"ގެ އިންޑޯ އޭރިއާ ޑިޒައިން ކޮށްފައި ވަނީ އެންމެ ފަހުގެ ޒަމާނީ ރެސްޓޯރަންޓުތަކުން ފެންނަ އިންޓީރިއާ ޓްރެންޑްތަކަށް އިސްކަން ދީގެންނެވެ. އިންޑޯ އޭރިއާގައި އެއްފަހަރާ 55 މީހުންނަށް ތިބެވޭ ގޮތަށް ވަނީ ޖާގަ ހަދައިފަ އެވެ.

ރެސްޓޯރަންޓްގެ ބޭރުގެ ބައި ހާއްސަ ކޮށްފައި ވަނީ ކޮފީ ބޯ މީހުންނަށް ހިތްހަމަޖެހިލައިގެން ހުޅުމާލޭގެ ހިތްގައިމުކަން ތަޖުރިބާ ކުރެވޭ ގޮތަށެވެ. ކަސްޓަމަރުންނަށް އުނދަގޫ ނުވާނެހެން އެއް މޭޒު އަނެއް މޭޒާ ދެމެދު އެކަށީގެންވާ ވަރެއްގެ ޖާގައެއް ހުރެ އެވެ.

ޕެޝިއޯ ރެސްޓޯރަންޓްގެ އައުޓް ޑޯ ސަރަހައްދު: މި ތަނުގައި ވެސް ގިނަ އަދަދެއްގެ ބަޔަކަށް ދަތިކަމެއް ނެތި ތިބެވޭނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެޝިއޯ ރެސްޓޯރަންޓްގެ އައުޓް ޑޯ ސަރަހައްދު: މި ތަނުގައި ވެސް ގިނަ އަދަދެއްގެ ބަޔަކަށް ދަތިކަމެއް ނެތި ތިބެވޭނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރެއިންބޯގެ މާކެޓިން އެގްޒެކެޓިވް ޝައްފާން މުހައްމަދު ވިދާޅުވީ، ޕެޝިއޯ ރެސްޓޯރަންޓަކީ، އޯޝަން ފްރަންޓް އިމާރާތުގެ އެއް ތަނަކުން ހުރިހާ ހިދުމަތް ދިނުމުގެ ކޮންސެޕްޓުގެ ދަށުން ހުޅުވި ތަނެއް ކަަމަށެވެ. އެ ރެސްޓޯރަންޓާއެކު، އޯޝަންފްރަންޓްގައި ދިރިއުޅޭ މީހުންގެ އިތުރުން އެވްކޯ އާއި ރެއިންބޯ ސެންޓްރަލުން ވިޔަފާރި ކުރަން ދާ މީހުންނަށް ވެސް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

"މި ތަނަކީ މާލޭގެ ހަލަބޮލި މާހައުލުން ދުރުހެލި ތަނެއް. މިއީ ހިތް ފަސޭހަ މާހައުލެއް. ރެއިންބޯ ސެންޓްރަލް އިން ވިޔަފާރިކޮށްގެން މި ތަނުން ޑިނާ ނަގައިގެން ދާންވީ. މި ތަނުގެ އަގުތަކަކީ ވެސް މާކެޓުގައި އާއްމުކޮށް މި ފަދަ ތަނެއްގައި ހުންނާނެ އަގުތައް،" އޭނާ ވިދާޅުވި އެވެ.

ޕެޝިއޯ ރެސްޓޯރަންޓުން ސްޕެޝަލްޓީ ކޮފީ ވެސް ލިބޭ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެޝިއޯ ރެސްޓޯރަންޓުން ސްޕެޝަލްޓީ ކޮފީ ވެސް ލިބޭ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ޕެޝިއޯ"ގެ މެނޫގައި ވެސް ތަފާތު ގިނަ ވެރައިޓީތަކެއް ހިމެނެ އެވެ. އެ މެނޫގައި ނާސްތާ އާއި ބްރަންޗަށް ހާއްސަ ބައިތައް ހިމެނެ އެވެ. މެންދުރާއި ރޭގަނޑުގެ ކެއުމަށް ހާއްސަ 20 މެއިން ޑިޝް ހިމެނެ އެވެ. އޭގެ ތެރޭގައި ބީފް ސްޓޭކާއި ކްރިސްޕީ ރައިސް ޕޭޕާ ޑަމްޕްލިންގްސް އާއި ބްލެކް ޕެޕާ ކްރެބް ކަރީ ފަދަ ތަފާތު އާއްމުކޮށް ލިބެން ނުހުންނަ ކެއުންތައް ހިމެނެ އެވެ.

"މި ތަނުގެ ޑިޝްތަކަކީ މި ތަނަށް ހާއްސަ ޑިޝްތަކެއް. މި ރަހަތައް ތަޖުރިބާކޮށްލެވޭނީ މި ތަނުން އެކަނި،" ޝައްފާން ވިދާޅުވި އެވެ.

"ޕެޝިއޯ"ގައި ސްޕެޝަލްޓީ ކޮފީ އާއި ޓީ އަދި ފްރެޝް ޖޫހާއި ސްމޫތީ އާއި ފިނި ބުއިން ވެސް ހުރެ އެވެ.

ރެއިންބޯގެ އޯޝަންފްރަންޓު ރެޒިޑެންސީގައި ޕެޝިއޯގެ އިތުރުން އެ ކުންފުނިން ހިންގާ އެވްކޯ ފިހާރަ އާއި ރެއިންބޯ ސެންޓްރަލް މޯލް ހުރެ އެވެ.