Roadha Mihaaru
މަގުތަކަށް ޖަމާކޮށްފައި ވަނީ ހިދުމަތަށް ނުފެތޭ ކުނި

މަގުތަކަށް ޖަމާކޮށްފައި ވަނީ ހިދުމަތަށް ނުފެތޭ ކުނި: ވެމްކޯ

15 އެޕްރީލް 2021

މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައިވާ ކުންޏަކީ ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ ބަރު އަދި ބޮޑެތި ކުނި ކަމަށް ވެމްކޯ އިން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައިވާ ކުންޏަކީ ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ ބަރު އަދި ބޮޑެތި ކުނި ކަމަށް ވެމްކޯ އިން އިއްޔެ ބުނެފި އެވެ.

މާލޭގެ މަގުތަކުގައި ބަހައްޓާފައިވާ ގިނަ އަދަދެއްގެ ކުނި ނުނަގާ ކަމުގެ ޝަކުވާތަކާއެކު، މިދިޔަ ދެ ތިން ދުވަހު ސޯޝަލް މީޑިއާގައި ވެމްކޯ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެ އެވެ. އާއްމުކޮށްފައިވާ ވީޑިއޯ އާއި ފޮޓޯތަކުން ފެންނަނީ ބޮޑެތި ފޮށިގަނޑުތަކުގައި ކުނި ބަހައްޓާފައި ތަނެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވެމްކޯ އިން ބުނީ މިދިޔަ ހޯމަ އާއި އަންގާރަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލަތަކެއް ލިބިފައިވާ ކަމަށެވެ. އެއީ ވެމްކޯ އިން ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ ކުނި ކަމަށް ބުންޏެވެ.

ރޯދަމަހަކީ އެހެން މަސްތަކާ ހިލާފަށް ކުނި ގިނަވާ މަހަކަށް ވުމުން އެ މުއްދަތުގައި ގޭބިސީތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ރާވާފައި ވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަކަށެވެ. ކުނި ބޭރުކުރަން ހަމަޖައްސާފައިވަނީ ރޭގަނޑު 10:00-11:00 އަށެވެ.

ވެމްކޯ އިން ބުނިގޮތުގައި، ގޭބިސީތަކުގެ ތިރީ ފަންގިފިލާއިން ކުނި ނަގަނީ މާލެ ސަރަހައްދުގައި ކޮވިޑު ފެތުރުމާ ގުޅިގެން އާއްމުންގެ ރައްކާތެރިކަމަށް ބެލުމަށް ފަހު އެވެ. އެކަމަކު ހިދުމަތަށް ރަޖިސްޓަރީނުކުރާ ގޭބިސީތަކާއި ވިޔަފާރިވެރިން އޭގެ ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށް ފާހަގަކުރި އެވެ.

"މިފަދަ އަމަލަކީ މި ކޯޕަރޭޝަނުން ނުހަނު ކަންބޮޑުވެ އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.

އެހެންވެ، ވެމްކޯގެ މަސައްކަތަށް އުޖޫރަ ދެއްކުމަށް ހަނދާންކޮށްދީ އަދި ރަޖިސްޓަރީވެ، ބަރާބަރަށް ފީ ދެއްކުމަށް ވެސް އެ ކުންފުނިން އެދެ އެވެ.

ބަރު އަދި ބޮޑެތި ކުނި ނެގުމަށް ވެމްކޯ އިން ވަނީ "ކެޕްސް" ގެ ނަމުގައި އަގުހެޔޮ ޕިކަޕު ދަތުރުތައް ފަށައިފަ އެވެ. ހަފުތާގެ ކޮންމެ ދުވަހަކު ވެސް އެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.