Roadha Mihaaru
ބަޔާން ކަޓައި، ޕީއެސްޖީ ސެމީ އަށް

ބަޔާން ކަޓައި، ޕީއެސްޖީ ސެމީ އަށް

14 އެޕްރީލް 2021

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ބަޔާން މިއުނިކް އަތުން 1-0 އިން ބަލިވި ނަމަވެސް، އަވޭ ގޯލުގެ ތަފާތު ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ބަޔާން މިއުނިކް އަތުން 1-0 އިން ބަލިވި ނަމަވެސް، އަވޭ ގޯލުގެ ތަފާތު ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު ކުއާޓާގެ ދެވަނަ ލެގުގެ ނަތީޖާއާއެކު، ދެ ޓީމު ވަނީ އެގްރިގޭޓު ނަތީޖާ އިން 3-3 އިން އެއްވަރުވެފަ އެވެ. އެކަމަކު ޕީއެސްޖީ ސެމީން ފުރުސަތު ހޯދީ އަވޭ ގޯލުގެ ތަފާތުންނެވެ. ޕީއެސްޖީން ވަނީ ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 3-2 އިން ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި ދެ ޓީމުގެ ކުރިމަތިލުމުގައި ބަޔާނަށް ލަނޑު ޖަހައިދިނީ ކުރިން ޕީއެސްޖީ އަށް ކުޅުނު ފޯވަޑް އެރިކް މެކްސިމް ޗޫޕޯ މޯޓިންގެނެވެ. ބަޔާންގެ ޑޭވިޑް އަލަބާ ފޮނުވާލި ޝޮޓް ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް ދިފާއުކުރި ނަމަވެސް، ޗޫޕޯ މޯޓިންގް ވަނީ ނަވާސްގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ ގޯލަށް އަމާޒުކޮށްލައިފަ އެވެ.

މުޅި މެޗުގައި ވެސް ބަޔާން އިން ކުރިއަށް ޖެހިގެން ކުޅުނުއިރު، ކައުންޓާ އެޓޭކްގައި ޕީއެސްޖީން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެކަމަކު ޕީއެސްޖީގެ ނުރައްކާތެރި ހަމަލާތަކެއް ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ ދިފާއުކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން އިން ދެ ލެގުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. އަނިޔާގެ ސަަބަބުން ކުޅުމާ ދުރުގައި ހުރި ޕޯލެެންޑްގެ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ އަދި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ވިންގާ ސެރްގޭ ގެނާބީ ނެތްތަން ބަޔާންގެ ޓީމުން ފެނިގެންދިޔަ އެވެ.

"މުހިންމު ކުޅުންތެރިންތަކެއް ނެތް ވަގުތަކު މި ދެ މެޗު ވެސް މި ކުޅެންޖެހުނީ،" މެޗަށް ފަހު ބަޔާންގެ ކޯޗު ހާންސީ ފްލިކް ބުންޏެވެ. "ދެ މެޗަށް ބަލާއިރު، ބަޔާން މާ ރަނގަޅަށް ކުޅުނު. ކުޅުންތެރިން މި ދެ މެޗުގައި ވެސް ކުރި މަސައްކަތް ބަލައިގަންނަން."

ފްލިކް ބުނީ ދެ މެޗުގައި ވެސް ބަޔާނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށެވެ.