Roadha Mihaaru
ފިޓްނަސްގައި މި ދެ އެކުވެރިން އެހެން ލެވަލްއެއްގައި

ފިޓްނަސްގައި މި ދެ އެކުވެރިން އެހެން ލެވަލްއެއްގައި

16 އެޕްރީލް 2021

ފިޓްނަސްއަށް އާންމުން ލޯހުޅުވި ގިނަ ބަޔަކު ކަސްރަތުގައި އުޅޭ މި ދުވަސްވަރު ރާއްޖޭގެ ފިޓްނަސް ދާއިރާގައި، ލެވެލްއެއްގައި މިކަން ކުރާ ބަޔަކަށް "ބްލޭޒް ފިޓްނަސް" ވާނެ އެވެ. އެ ތަފާތަކީ ފިޓް ހަށިގަނޑުތަކެއް އުފެއްދުމުގެ އިތުރުން ފިޓްނަސް އަށް ބޭނުންވާ ސާމާނު ވެސް އުފައްދާތީ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފިޓްނަސްއަށް އާންމުން ލޯހުޅުވި ގިނަ ބަޔަކު ކަސްރަތުގައި އުޅޭ މި ދުވަސްވަރު ރާއްޖޭގެ ފިޓްނަސް ދާއިރާގައި، ލެވެލްއެއްގައި މިކަން ކުރާ ބަޔަކަށް "ބްލޭޒް ފިޓްނަސް" ވާނެ އެވެ. އެ ތަފާތަކީ ފިޓް ހަށިގަނޑުތަކެއް އުފެއްދުމުގެ އިތުރުން ފިޓްނަސް އަށް ބޭނުންވާ ސާމާނު ވެސް އުފައްދާތީ އެވެ.

ބްލޭޒް ފިޓްނަސް އަކީ ކަސްރަތާއި ފިޓްނަސްއަށް ލޯބިކުރާ ދެ ޒުވާނެއްގެ 15 ވަރަކަށް އަހަރުވީ ބޮޑު ހުވަފެނެކެވެ. އަލީ މަމްދޫހު (ހަބޭސް މަމްދޫހު) އާއި އޭނާގެ އެކުވެރި އަހުމަދު ސިނާންގެ މި ހުވަފެން މިދިޔަ އަހަރު ހަގީގަތަކަށްވެ މިހާރު ތިބީ އުފަލުންނެވެ.

މަމްދޫހާއި ސިނާނު 2006 ހިސާބުގައި ފުލުހުންގެ ވަޒީފާގައި އުޅުނު އިރުން ފެށިގެން ވެސް ފިޓްނަސްއަށް ލޯބި ކުރެ އެވެ. އޭރު ވެސް ޖިމްތަކަށް ދާން ފެށި އެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުންކުރާ ފިޓްނަސް ގިއާތައް ދަސްވެ އެ އެއްޗިއްސަށް ފަރިތަވީ އެ ދުވަސްވަރު އެވެ.

ބްލޭޒް ފިޓްނަސް ލޯގޯ ޖަހާފައިވާ ކާލްބާއެއް

ބްލޭޒް ފިޓްނަސް ލޯގޯ ޖަހާފައިވާ ކާލްބާއެއް

ބްލޭޒް ފިޓްނަސްގެ އެއް އޯނަރު މަމްދޫހު ވިދާޅުވީ، ފިޓްނަސް އިކުއިޕްމެންޓްތަކުގެ ބްރޭންޑެއް ގެންނަން ބޭނުންވެގެން ޕްލޭންކޮށް މަސައްކަތް ނިންމާލެވުނީ ތިން އަހަރުން ކަމަށެވެ. އަމިއްލަ ބްރޭންޑެއްގެ އިކުއިޕްމެންޓްތައް އުފައްދަން ބޭނުންވީ، ދިވެހިންނާ ވީހާ ވެސް ރައްޓެހި ގޮތަކަށް އެތަކެތި އުފެއްދުމަށެވެ. ހާއްސަކޮށް، ކުޑަ ޖާގައެއްގައި ވެސް ބޭނުން ކުރެވޭ ތަކެއްޗަށް ބްލޭޒް އިން އިސްކަން ދިނެވެ.

ބްލޭޒް ފިޓްނަސްގެ ޖިމް. މި ޖިމްގައި ހުރި ހުރިހާ އިކުއިޕްމެންޓް އުފައްދާފައި ވަނީ އެކުންފުނިން

ބްލޭޒް ފިޓްނަސްގެ ޖިމް. މި ޖިމްގައި ހުރި ހުރިހާ އިކުއިޕްމެންޓް އުފައްދާފައި ވަނީ އެކުންފުނިން

"ހުންނާނެ ބައެއް ގިއާތަކުގައި ބޭނުންކުރާ މެޓީރިއަލް ވެސް ބަދަލުކޮށްފަަ. ވީހާ ވެސް، މީހުންނަށް ފަސޭހަވާނެ ގޮތަކަށް ފަސޭހައިން ސާފުކުރެވޭނެ ފަދަ ގޮތަކަށް ގިއާތައް ހެދޭތޯ ބެލީ،" އޭނާ ވިދާޅުވި އެވެ.

ބްލޭޒް ފިޓްނަސް އިން ޖިމްގައި ބޭނުންކުރާ ގިއާތައް އުފައްދަނީ ޗައިނާގެ ފެކްޓްރީއަކުންނެވެ.

އަމާޒަކީ މުޅި ރާއްޖެއަށް ބްރޭންޑް ތައާރަފްކުރުން

ބްލޭޒް ފިޓްނަސްގެ އިކުއިޕްމެންޓްތައް އަދި ބޭނުންކުރަނީ އެ ނަމުގައި ހުޅުވާފައި ހުރި ޖިމްގައި އެކަންޏެވެ. ނަމަވެސް އެ މީހުންގެ އުންމީދަކީ އެ މީހުންގެ އުފެއްދުން ރާއްޖޭގެ އެހެން ޖިމްތަކުގައި ވެސް ބޭނުންކުރުމެވެ.

މީގެ އިތުރުން ބްލޭޒް ފިޓްނަސް އިން މިހާރު މަސައްކަތްކުރަނީ ޖިމް އިކުއިޕްމެންޓްގް އިތުރުން އާންމުކޮށް ކަސްރަތު ކުރުމުގައި ބޭނުންކުރާ ޑަމްބެލް އާއި ޔޯގާ މެޓްގެ އިތުރުން ޖިމް އައުޓްފިޓްތައް ވެސް އުފައްދާށެވެ.

"މިހާރު ޑިޒައިންކޮށް ނިންމާފައި ހުރީ. އޭގެ ޓެސްޓިން އަށް ބައެއް ޖިމް އައުޓްފިޓްތައް ވެސް ގެނެސްފިން. ވަރަށް އަވަހަށް ވިއްކަން ހުޅުވާލެވޭނެ،" މަމްދޫހު ވިދާޅުވި އެވެ.

ބްލޭޒް ފިޓްނަސް އިން އުފައްދާ ޖިމް ޓީޝާޓެއް--ފޮޓޯ:ބްލޭޒް

ބްލޭޒް ފިޓްނަސް އިން އުފައްދާ ޖިމް ޓީޝާޓެއް--ފޮޓޯ:ބްލޭޒް

ބްލޭޒް ފިޓްނަސްއަށް ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފައިވާ އިރު އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ތަކެތި އޮންލައިންކޮށް ގަނެވޭނެ ގޮތް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަމިއްލަ ބްރޭންޑެއްގެ އުފެއްދުމެއް މާކެޓަށް ނެރުމަކީ ވަރަށް ބުރަ މަސައްކަތެވެ. ހަމައެއާ އެކު މިއީ ބޮޑު ހަރަދެކެވެ. ބްލޭޒްގެ ފައުންޑަރުން މިކަން ހަގީގަތަށް ހަދަން އެހާ ދުވަސް ނެގީ ވެސް މި ސަބަބުތަކާ ހެދި އެވެ. ޕްރޮޑަކްޓް ޑިޒައިންކޮށް އުފެއްދުމުގެ އިތުރަށް މަމްދޫހާއި ސިނާނަށް އެންމެ ބޮޑަށް ދިމާވި އުނދަގުލަކީ މިފަދަ އާ ކަންކަން ކުރާ މީހުންނަށް ވިޔަފާރީގެ ނިޒާމުގެ ތެރެއިން ލުއިތައް ނުލިބުމެވެ. އަލަށް ފަށާ ވިޔަފާރިއަކަށް ވިޔަސް ބޭރުން ގެންނަ ތަކެއްޗަށް ދައްކަން ޖެހޭ ޓެކްސްތަކުގައި ލުއިތަކެއް ނޯވެ އެވެ.

"އަސްލު އަލަށް ފަށާ ވިޔަފާރިތަކަށް ޓެކްސްތަކުން ހާއްސަ ލުއިތަކެއް އޮތުން ވަރަށް މުހިއްމު. މިކަހަލަ އާ ވިޔަފާރިތައް ފަށަށް ފަހި ފުރުސަތުތަކެއް ސަރުކާރުން އޮންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ބްލޭޒް ފިޓްނަސް" ޖިމަށް ގިނަ ބައެއްގެ ޝައުގުވެރިކަން މިހާރު ވެސް ވަނީ ލިބިފަ އެވެ. އެ ވިޔަފާރީގެ ފައުންޑަރުންގެ އުންމީދަކީ މިއީ ރާއްޖޭގެ ނަން މަޝްހޫރު ފިޓްނަސް ބްރޭންޑަކަށް ހެދުމެވެ.