Roadha Mihaaru
ތިނަދޫކައުންސިލަށް ފުރަތަމަ ފަހަރަށް ޕީޕީއެމް މެމްބަރުން

ފުރަތަމަ ފަހަރަށް ތިނަދޫ ކައުންސިލަށް ޕީޕީއެމްގެ މެމްބަރުން، އަތޮޅު ކައުސިލްގެ ރައީސަކަށް ވެސް ޕީޕީއެމް މެމްބަރެއް

11 އެޕްރީލް 2021

ގދ. ތިނަދޫގެ ރަށު ކައުންސިލަށް ފުރަތަމަ ފަހަރަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން އިއްޔެ އިންތިހާބުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގދ. ތިނަދޫގެ ރަށު ކައުންސިލަށް ފުރަތަމަ ފަހަރަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން އިއްޔެ އިންތިހާބުކޮށްފި އެވެ.

މީގެ ކުރިން ބޭއްވި ދެ ކައުންސިލް އިންތިހާބު ވެސް ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ނަމަވެސް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ތިން މެމްބަރަކު ވަނީ އިންތިހާބު ކޮށްފަ އެވެ.

ތިނަދޫގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމުން ގޮނޑި ކަށަވަރުވެފައި ވަނީ އަހުމަދު ވަހީދު (ރަކާ) އާއި އައިޝަތު ލިއުޝާ ޒުބައިރު އަދި މުހައްމަދު ޒަލީފް އަބްދުﷲ އަށެވެ. އެ ޕާޓީން އިތުރު ތިން ކެންޑިޑޭޓަކު ވެސް ތިނަދޫ ކައުންސިލަށް ވާދަކުރި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އަށް ޕީޕީއެމުން ވާދަކުރީ މުހައްމަދު ނަސީމެވެ. ނަމަވެސް ވަގުތީ ނަތީޖާ ދަައްކާ ގޮތުން އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު ސައުދު އަލީ އެވެ.

ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް މި ފަހަރު ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން އެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެ ޕާޓީން ވާދަކުރި ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ހޮވައިފަ އެވެ.

މި ފަހަރުގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް ނެގީ ޕީޕީއެމެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގައި ދަމަހައްޓަމުން އައި ފުރިހަމަ ބާރުވެރިކަން ވެސް މިހާރު ވަނީ ހަނިވެ، ސާފު އަޣުލަބިއްޔަތު ގެއްލިފަ އެވެ.