Roadha Mihaaru
ލޯކަލް ޓޫރިޒަމް ކުރިއަރުވަން ލާމުގައި ބޮޑު ޕްރޮޖެކްޓެއް

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ލާމުގައި 4.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

07 އެޕްރީލް 2021

ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން 4.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް މިއަދު އިފްތިތާހު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން 4.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް މިއަދު އިފްތިތާހު ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ އެވެ. މި ޕްރޮޖެކްޓަށް ފަންޑުކުރަނީ ޔޫއެންޑީޕީންނެވެ.

"ރީ އިމޭޖިނިން ޓޫރިޒަމް"ގެ ނަމުގައި 18 މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގާނީ ލާމު އަތޮޅުގަ އެވެ. ނަމަވެސް އެ އަތޮޅުގައި ހިންގާ ހަރަކާތްތަކުން ލިބޭ މައުލޫމާތުތަކަށް ބަލައި އެހެން އަތޮޅުތަކުގެ ލޯކަލް ޓޫރިޒަމް ކުރިއަރުވަން ފުރުސަތު ފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން ރަށު ޓޫރިޒަމް ކުރިއެރުވުމަށް އެ ރަށެއްގެ ކައުންސިލްތަކަށް ތަމްރީން ދޭނެ އެވެ. އަދި ރަށްރަށުގައި ޓޫރިޒަމް ތަރައްގީކުރަން ބަލާނެ މިންގަނޑުތައް ވެސް މި ޕްރޮޖެކްޓުގެ ދަށުން ކަނޑައަޅާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން ރަށްރަށުގެ ޓޫރިޒަމް ކުރިއެރުވުމުގައި އެ ރަށެއްގެ ކައުންސިލުގެ އިތުރުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން އެ ރަށެއްގެ ޓޫރިޒަމުން ލިބޭ މަންފާއެއް އެ ރަށެއްގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓާއެކު ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލްތަކަށް އެލިބިފައިވާ ބާރު އެންމެ ރަނގަޅު ގޮތުގައި ހިފުުގެ ފުރުސަތު ލިބިގެންދާނެ. ޓުރިޒަމްގެ މަންފާ ރަށުގެ އެންމެންނަށް ލިބޭގޮތަށް ޓޫރިޒަމް ބައްޓަން ވެގެންދާނެ،" މައުސޫމް ވިދާޅުވި އެވެ.

"މި ޕްރޮޖްޓަކީ ރައްޔިތުންނާ ގުޅޭ ޕްރޮޖެކްޓަކަށް ވުމުން މި ޕްރޮޖެކްޓު ކުރިއަށްގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް،"

މި ޕްރޮޖެކްޓުގެ ދަށުން އަންހެނުންނާއި ޒުވާނުން ޓޫރިޒަމް ދާއިރާއަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން ތަމްރީން ދޭނެ އެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ސަގާފީ ގޮތުންނާއި ތާރިހީ ގޮތުން އަދި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ޓުރިޒަމް ކުރިއެރުވުމަށް ވެސް ބާރު އަޅާނެ އެވެ.

މީގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ހިންގަމުން އަންނަ ތަންތަނަށް "ބްލޫ ސީލް"ގެ ނަމުގައި ސެޓްފިކެޓެއްވެސް ތައާރަފު ކުރާނެ އެވެ.