Roadha Mihaaru
ދިވެހި ފިރިހެނުންނަށް، ވެދުން ސަލާމަށް ފަހު...

ދިވެހި ފިރިހެނުންނަށް، ވެދުން ސަލާމަށް ފަހު...

07 އެޕްރީލް 2021

އަނެއްކާވެސް އިންތިހާބެއް ބޯމަތި ވަނީ އެވެ. އެހެން އިންތިހާބުތަކާ، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ތަފާތުވާ އެންމެ ބޮޑު އެއް ގޮތަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ދިމިގްރާތީ ރަނގަޅު ބަދަލުތަކެވެ. ކައުންސިލްތައް އިދާރީ ގޮތުން އަދި މާލީ ގޮތުން ލާމަރުކަޒު ކުރެވިގެންދަނީ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިތުރު ބާރުތަކާއި މަސްއޫލިއްޔަތުތައް ލިބުނީ އެވެ. ވަގުތީ ހާއްސަ ފިޔަވަޅެއްގެ ދަށުން ތެއްތިރީސް ޕަސަންޓް ކޯޓާއެއް ކަނޑައެޅި، ކޮންމެ ކައުންސިލަކަށް އެންމެ މަދުވެގެން ދެ އަންހެން ކައުންސިލަރުން އިންތިހާބު ކުރެވެނީ އެވެ.

އަނެއްކާވެސް އިންތިހާބެއް ބޯމަތި ވަނީ އެވެ. އެހެން އިންތިހާބުތަކާ، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ތަފާތުވާ އެންމެ ބޮޑު އެއް ގޮތަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ދިމިގްރާތީ ރަނގަޅު ބަދަލުތަކެވެ. ކައުންސިލްތައް އިދާރީ ގޮތުން އަދި މާލީ ގޮތުން ލާމަރުކަޒު ކުރެވިގެންދަނީ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިތުރު ބާރުތަކާއި މަސްއޫލިއްޔަތުތައް ލިބުނީ އެވެ. ވަގުތީ ހާއްސަ ފިޔަވަޅެއްގެ ދަށުން ތެއްތިރީސް ޕަސަންޓް ކޯޓާއެއް ކަނޑައެޅި، ކޮންމެ ކައުންސިލަކަށް އެންމެ މަދުވެގެން ދެ އަންހެން ކައުންސިލަރުން އިންތިހާބު ކުރެވެނީ އެވެ.

ނަމަވެސް މި އިންތިހާބާ ގުޅުވައިގެން "ފިރިހެނުންނޭ" ކިޔަން ޖެހޭނީ ކީއްވެތޯ މިހާރު ސުވާލު އުފެދިދާނެ އެވެ. އެއީ މި އިންތިހާބުގައި ފިރިހެނުންގެ ދައުރު ވެސް އެހާ ބޮޑުވެގެން ދާތީ އެވެ. ކެމްޕެއިން ކޮފީ މޭޒުތަކުގައްޔާއި، ހޮޅުއަށިތަކުގައްޔާއި، އެކި ކަންމަތިތަކުގައި އެއްވެ، ވަގުތީ ހާއްސަ ފިޔަވަޅުގެ ތެރެއިން ވާދަކުރާ އަންހެން ކެންޑިޑޭޓުންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަދައްކާ ފުރައްސާރަކުރުން ހުއްޓާލަން ވެއްޖެ އެވެ. އެއީ ތިބާގެ އައުލާދެއް ކަމަށް ވީ ނަމަވެސް އެކަމެއް ހުއްޓުވާ، ހެޔޮ ގޮތް ވިސްނައިދޭން ބާރު އަޅަންވީ އެވެ. މިފަދަ ސިޔާސީ މަރުހަލާއެއްގައި އަންހެނުންގެ ބައިވެރިވުން ކަށަވަރުވުމަކީ އޭގައި އެންމެނަށް ވެސް ފައިދާތަކެއް ހުރި ކަމެއްކަން އަންގައިދޭން މަސައްކަތް ކުރަންވީ އެވެ. ނަމޫނާ ފިރިހެނުންނަށް ވާންވީ އެވެ.

ލޯކަލް ކައުންސިލްތަކުގަ އާއި އެނޫން ވެސް ސިޔާސީ މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރަން ޖެހޭ ހާސް ސަބަބު އެބަ ހުއްޓެވެ. ދިމިގްރާތީ ނިޒާމެއް ތަރުތީބުވެ ހަރުދަނާ ވަނީ އެއްވެސް އިސްތިސްނާކުރުމެއް ނެތި މުޖުތަމައުގެ އެންމެހާ އަފުރާދުންގެ ބައިވެރިވުން އޭގައި ހިމެނިގެންނެވެ. މީގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ޒުވާނުންނާ މެދު އުމުރުގެ ރައްޔިތުންނާއި ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި މިނޫން ވެސް ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރާން ޖެހެ އެވެ. މިއީ ދިމިގްރާތީ ނިޒާމެއްގެ ވަރަށް މުހިއްމު އެއް އަސާސެވެ. އެހެނީ، މުޅި މުޖުތަމައުގެ ބައިވެރިވުން ކަށަވަރުކޮށް، އެންމެންގެ މަޝްވަރާ އާއި އެއްބަސްވުމާ ލައިގެން މެނުވީ މުޖުތަމައުއަކަށް އެއްވެސް ބަދަލެއް ގެނައުމަކީ އޭގެ ސަބަބުން އަފުރާދުންތަކެއް އެކަހެރިކުރެވި ހަވާސާވެގެން ހިނގައިދާނެ ކަމަކަށް ވާތީ އެވެ. ނަމަވެސް މީގެ ތެރޭގައި ވަކި ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން އަންހެނުން ބައިވެރިކުރަން ޖެހޭ ސަބަބަކީ ޒަމާނުއްސުރެ މުޖުތަމައުގައި އަށަގެންފައިވާ މިންތީގެ ތަފާތުކުރުންތަކެވެ.

މި ދައްކަނީ އެއްވެސް ހާލެއްގައި ޖިންސީ ތަފާތުތަކުގެ ވާހަކައެއް ނޫނެވެ. ޖިންސާއި މިންތިއަކީ ތަފާތު އެއްޗެކެވެ. ޖިންސަކީ ޖިސްމާނީ ގޮތުން އިންސާނެއް އަންހެނަކަށް ނުވަތަ ފިރިހެނަކަށް ވާ ގޮތެވެ. މިންތިއަކީ މީހެއް ޖިސްމާނީ ގޮތުން އަންހެނަކަށް ނުވަތަ ޖިސްމާނީ ގޮތުން ފިރިހެނަކަށް ވީތީ އެ މީހަކާ މަތިކުރާ ޒިންމާތަކާއި އެ މީހަކާ މެދު ދެކޭ ގޮތްތަކެވެ. ކޮންމެ މުޖުތަމައުއެއްގައި ވެސް މިފަދަ މިންތީގެ އެކި ތަފާތު ކުރުންތައް ހުރެ އެވެ. ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިފަދަ މިންތީގެ ތަފާތުކުރުންތައް މުޖުތަމައުއިން އުފަން ކުރުވާ، މީހަކާ މަތިކުރުވަނީ އިންސާނުންގެ ފިތުރަތާ ހިލާފަށެވެ. އެހެނީ، ކޮންމެ އިންސާނެއް ވެސް ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފު ސީދާކަން މަތީގައިކަން އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަމު އެވެ. ނަމަވެސް ކުއްޖެއް ޖިސްމާނީ ގޮތުން އަންހެނަކަށް ވީތީ އޭނާއަކީ ގޭގައި ކައްކާ، ކާތަށި ދޮވެ، ގެ ފޮޅާ ސާފުކޮށް، އަންނައުނު ދޮވެ ކަނޑައެޅިފައިވާ ވަކި ވަޒީފާތަކެއް އަދާކުރާ މީހެއް ކަމަށް ކަނޑައަޅަނީ އެއް ޖީލުން އަނެއް ޖީލަށް ވާސިލުކޮށްދެމުން އަންނަ އާދަކާދަ އާއި ސަގާފަތްތަކުންނެވެ. ނަމަވެސް ޖިސްމާނީ ތަފާތުތަކަކީ މީހެއްގެ ގާބިލުކަން، ކުޅަދާނަކަން، އަދި ކެރިފޯރުންތެރިކަން ކަނޑައެޅޭނެ މިންގަނޑެއް ނޫންކަން ޝައްކެއް ނެތި އެނގެ އެވެ.

އަންހެނުން ސިޔާސީ މަރުހަލާތަކުގައި ބައިވެރިނުވަނީ ނުވަތަ ބައިވެރިވުމަށް ހުރަސް އަޅަނީ އިސްވެ ބަޔާންކުރި މިންތީގެ ތަފާތުކުރުންތަކާ ހެދި އެވެ. އަންހެނަކަށް ވީތީ ސިޔާސީ ކަންތައްތަކުގައި ނޫޅެވޭނެ ކަމަށާއި، އަންހެނުންގެ މަގާމަކީ ގެވެށި މަސައްކަތް ކަމަށާއި، ސިޔާސީ ކަންތައްތަކަކީ ބަނިޔާދަން އަންހެނުންނާއި ކުފޫ ހަމަނުވާ ނުވަތަ "ޑާޓީ" ކަމެއް ކަމަށާއި، އަންހެނުން ކަންކަމާ މެދު އަޑުއުފުލުމާއި ހައްގުތަކާ ބެހޭ ގޮތުން ވަކާލާތުކުރުމުން އެމީހުންނަކީ ހުތުރު ބައެއް ކަމަށް ކަނޑައަޅަނީ މުޖުތަމައުއިންނެވެ. މި ހުރިހާ ހުއްޖަތުތަކަކީ ވެސް ސިޔާސީ މަރުހަލާތަކުން އަންހެނުން އެކަހެރިކުރުވުމަށް ދައްކާ ވާހަކަތަކެވެ.

ސިޔާސީ އެއްވެސް މަސައްކަތެއް އަންހެނުންގެ ބައިވެރިވުމާއި އިސްނެގުމުގެ މަތިން މެނުވީ ކުރެވޭ ތަނެއް ދިވެހި ސިޔާސީ މަސްރަހުން ފެންނާކަށް ނެތެވެ. ދޮރުން ދޮރަށް ހިނގިޔަސް، ކެމްޕޭން ކުރިޔަސް، ބޮޑު މަގުގެ ދެކޮޅަށް ދުވެ މުޒާހަރާ ކުރިޔަސް އަންހެނުން ފެންނަނީ ސިޔާސީ ކަންތަކަށް ފަރިތަ، ކެރޭ ފިޓު ބައެއްގެ ގޮތުގަ އެވެ. ނަމަވެސް ސިޔާސަތު ނިންމާ ގޮނޑީގައި އިށީންނަން ޖެހޭ ހިސާބުން ފިރިހެނުންނަށާއި އާންމުކޮށް މުޅި މުޖުތަމައުއަށް ވެސް އަންހެނުން ސިފަކުރެވެނީ ނާޒުކު، ތަޖުރިބާ ނެތް، ސިޔާސީ ވައްޓަފާޅިއާ ބީރައްޓެހި ބައެއްގެ ގޮތުގަ އެވެ. އަންހެނުން ސިޔާސީ ކަމަކަށް އަތުކުރި އޮޅާލައިފި ނަމަ އެ އަތުކުރި އޮޅާލަނީ، ގޭގެ ހުރިހާ ޒިންމާތަކާއި އާއިލާގެ ޒިންމާތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާތަކާއި އެނޫން ވެސް އެހެން ޒިންމާތަކާ އެކު އެވެ. މިހާތަނަށް ފެންނަން އޮތް ހަގީގަތަކީ މުޖުތަމައުއިން މަތިކޮށްފައިވާ ނަހަމަ އަދި ބުރަ ބޮޑު ޒިންމާ އަދާކުރަމުން، ސިޔާސަތު ހެދުމުގެ މަރުހަލާއަކަށް ވާސިލުވެވޭ މަދު ފަހަރަކު ވެސް އަންހެނުން ތަފާތު ދައްކާކަމެވެ.

އަންހެނުންނަށް ހުރަސް އަޅަނީ ނިޒާމަކުން ނޫން ކަމަށް ބުނެވިދާނެ އެވެ. ސިޔާސީ މަރުހަލާތަކުގައި ބައިވެރިވުމަށް އަންހެނުންނަށް އެއްވެސް ހުރަހެއް ނެތޭ ވެސް ބުނެވިދާނެ އެވެ. ނަމަވެސް އަންހެނުންނަށް ހުރަސްއަޅަނީ މުޖުތަމައުގައި އަށަގެންފައިވާ މިފަދަ ގަބޫލުކުރުންތަކާއި މަތިކޮށްފައިވާ އިތުރު ޒިންމާތަކުންނެވެ. ހަމައެއާ އެކު އަންހެނުންގެ ބައިވެރިވުމާ ނުލާ ދިމިގްރާތީ ސިޔާސީ މަރުހަލާތައް ހިންގޭކަށެއް ނެތެވެ. މުޖުތަމައުއެއް ތަރައްގީކުރަން ބަލާއިރު އަންހެނުން އިސްކަންދޭ ކަންތައްތަކާއި ފިރިހެނުން އިސްކަންދޭ ކަންތައްތަކާއި މައްސަލައެއް ހައްލުކުރަން ރާވާ ގޮތް ތަފާތެވެ. އެއީ ޖިސްމާނީ ގޮތުން ހުންނަ ތަފާތަކުން ނުކުންނަ ނަތީޖާއެއް ނޫނެވެ. ކޮންމެ މީހެއްގެ ވެސް ސިޔާސީ ހިޔާލާއި ފިކުރު ބިނާވެގެން ވަނީ އެމީހެއްގެ މާހައުލާއި އެމީހެއް ތަޖުރިބާކުރާ އަދި ތަހައްމަލުކުރާ ކަންތަކުގެ މައްޗަށެވެ. ސިޔާސަތު ހެދުމާއި ރޭވުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިޔާލު ތަފާތުވެފައި، ދެ ހިޔާލު ވެސް މޭޒުގެ މައްޗަށް ގެންނަން ޖެހެނީ މި ސަބަބާ ހެދި އެވެ. ފިރިހެނުންނަށް އަންހެނުންގެ އިހުސާސްތަކާއި ތަޖުރިބާތައް ތަހައްމަލުކުރެވުމަކީ ނާދިރު ކަމެކެވެ. އެއީ ޒަމާނުއްސުރެ އިޖުތިމާއީ ގިނަ އިމްތިޔާޒުތަކެއް ލިބިފައިވާ ބަޔަކަށް ފިރިހެނުން ވާތީ އެވެ.

ވަގުތީ ހާއްސަ ފިޔަވަޅު މުހިންމުވަނީ އިސްވެ ބަޔާން ކުރި ސަބަބުތަކަށްޓަކަ އެވެ. ޒަމާނުއްސުރެ ފިރިހެނުންނަށް ލިބިދީފައިވާ އިޖުތިމާއީ އިމްތިޔާޒުތަކާއި ނަހަމަކަމާއި، އަންހެނުންނާއި ފިރިހެނުންނާ ދެމެދު ހުރި އިޖުތިމާއީ އަދި އިގްތިސާދީ ފަރަގު ކުޑަކުރުމަށެވެ. ވަގުތީ ހާއްސަ ފިޔަވަޅުތަކުން އެ ހުޅުވައިދެނީ ސިޔާސީ މަރުހަލާތަކުގައި އަންހެނުން ބައިވެރިވާން އޮތް ދޮރެކެވެ. ސިޔާސަތު ހަދާ އަދި ގޮތް ނިންމާ މޭޒުގެ ކައިރީގައި އިށީންދެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކޮށްދެނީ އެވެ. މިއީ އެއްވެސް ހާލެއްގައި އަންހެނުން ދަށްކުރުމެއް ނޫނެވެ. ހާލަތަށް ރިއާޔަތްކޮށް ސިޔާސީ މަރުހަލާއެއްގައި ކެނޑިނޭޅި ދިމާވަމުންދާ ބޮޑު މައްސަލައަކަށް ހައްލެއް ހޯދައިދެނީ އެވެ. މިފަދަ ވަގުތީ ހާއްސަ ފިޔަވަޅަކާ ނުލާ ސިޔާސަތު ހަދާ މޭޒުދޮށަށް އަންނަން އަންހެނަކު ކުރަން ޖެހޭ މަސައްކަތް އެކަމާ ކުރިމަތިލާ ފިރިހެނުން ކުރާ މަސައްކަތާ އަޅާބަލާއިރު އޮންނަނީ އެތައް އުނދަގޫތަކާއި ގޮންޖެހުންތަކުން ފުރިފަ އެވެ.

ފިރިހެނުންގެ ޒިންމާއަކަށް ވާންވީ މިހާރު ވެސް އަންހެނުންނާ މެދު އޮންނަ ތަފާތުކުރުމާއި ނަހަމަކަން ނަގަހައްޓާ ނިޒާމު ރޫޅާލާ، މި ޖީލާއި އަންނަން އޮތް ޖީލުތަކުގެ އަންހެނުންނަށް ވެސް ފުރިހަމަ މިނިވަންކަމާ އެކު ބައިވެރިވެވޭނެ މުޖުތަމައުއެއް ބިނާކުރުމެވެ.

މީގެ 15 އަހަރު ކުރިން ވެސް އަންހެނުން ދައްކަމުން އައީ ހަމަ މި ވާހަކަ އެވެ. ސިޔާސަތު ހަދާ މަރުހަލާގައި އަންހެނުންގެ ބައިވެރިވުމާއި ފުރުސަތު ކުޑަ ވާހަކަ އެވެ. އަދިވެސް މިދެކެވެނީ ހަމަ އެވާހަކަ އެވެ. އެވާހަކަ އަޑުއަހައި ފިރިހެނުން އެޔަށް އިޖާބަދޭން އެބަ ޖެހެ އެވެ. ސިޔާސީ މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުމަށް ހުރި ހުރަސްތައް ތިމާއަށް ކުޅަދާނަ ވީ މިންވަރަކުން ނައްތާލަން އެބަ ޖެހެ އެވެ. އަންހެނުންނާ މެދު އެފަދަ ބޭއިންސާފެއް ހިންގޭތަން ފެނި، އަޑު އިވޭ ހިނދު އެކަން ހުއްޓުވާން މަސައްކަތްކުރަން އެބަ ޖެހެ އެވެ. ފިރިހެނަކަށް ވީތީ ކުރާ ގަދަރާއި އިހުތިރާމް މި ރޭހުގައި ވާދަކުރާ އަންހެން ކެނޑިޑޭޓުންނަށް ވެސް ކުރަން އެބަ ޖެހެވެ. ބަހުސް ކުރާއިރު އަންހެނަކަށް ވީތީ ޒާތީ ކަންތައްތަކާއި ޖިސްމާނީ ކަންތައްތަކަށް ކޮމެންޓުކުރުން ހުއްޓާލާ، ފާޅުކުރާ ހިޔާލަކަށް ނުވަތަ ހުށަހަޅާ ސިޔާސަތަކަށް ކޮމެންޓުކުރަން ފަށަން ވެއްޖެ އެވެ.

އެގައުމެއްގެ ރައްޔިތުން އުފަލާއި ހިތްހަމަޖެހުމާއި ކަރާމާތްތެރި ދިރިއުޅުމެއް އުޅެމުންދާ ގައުމުތަކުގެ ލިސްޓަށް ބަލާލައިފި ނަމަ އެގައުމުތަކުގެ ސިޔާސީ މަރުހަލާތަކުގައި ވަގުތީ ހާއްސަ ފިޔަވަޅުތައް ހުރިތަން ފެންނާނެ އެވެ. ގައުމަކަށް ތަރައްގީ އާއި ތަމައްދުން ގެނައުމުގައި އެ ގައުމެއްގެ ފިރިހެނުންނާ އެއްވަރަށް އަންހެނުންގެ ހިއްސާއަކީ ވެސް ބޮޑު އެއްޗެއްކަން ދިރާސީ ހެކިތަކުން ފެންނާން އެބަ ހުއްޓެވެ. ވަގުތީ ހާއްސަ ފިޔަވަޅުތަކަށް އަމަލުކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ކުރަމުން އަންނަ، އަދި އެކަމުގެ ހެޔޮ ނަތީޖާ ވެސް ފެނިފައިވާ ކަމެކެވެ. މުޖުތަމައުގެ އެންމެހާ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކޮށްގެން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ރަނގަޅު ނިންމުންތަކެއްކަމާ މެދު އެއްވެސް ޝައްކެއްނެތެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ފިރިހެނުންގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން އެ ކެމްޕޭންކުރުމުގައި އަންހެނުންނަށް ފުރައްސާރަކުރުމާއި ކުޑައިމީސްކޮށް ގަދަރު ކުޑަކުރުމަށް ކުރެވޭ އަމަލުތައް ހުއްޓުވަން ކެރޭ، އަދި ހުއްޓުވާ މީހަކަށް ތިބާ ވާށެވެ. އެހެން ކައުންސިލަރުންނެކޭ އެއްފަދައިން މިފަހަރު އިންތިހާބުވާ އަންހެން ކައުންސިލަރުންގެ ވެސް ހިޔާލު އަޑުއަހާ، އިހުތިރާމުކުރާ، އަދި ސިޔާސީ މަޝްވަރާތަކުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރަން ކުރާ މަސައްކަތުގައި ވާގިވެރިވާ މީހަކަށް ވާށެވެ. މިފަދަ ސުލޫކާއި ވިސްނުމަކީ ހަމައެކަނި ތިމާ ގެންގުޅޭ އެއްޗެއް ކަމަށް ނުހަދާ މިއީ ގޭގެ ސުފުރާމަތީގައްޔާއި އާއިލީ ބައްދަލުވުންތަކާއި ރަހުމަތްތެރިންގެ ކޮފީ މޭޒުތަކުގައި ވެސް ދައްކާ ވާހަކައަކަށް ހަދާށެވެ.

ފިރިހެނުންގެ ޒިންމާއަކަށް ވާންވީ މިހާރު ވެސް އަންހެނުންނާ މެދު އޮންނަ ތަފާތުކުރުމާއި ނަހަމަކަން ނަގަހައްޓާ ނިޒާމު ރޫޅާލާ، މި ޖީލާއި އަންނަން އޮތް ޖީލުތަކުގެ އަންހެނުންނަށް ވެސް ފުރިހަމަ މިނިވަންކަމާ އެކު ބައިވެރިވެވޭނެ މުޖުތަމައުއެއް ބިނާކުރުމެވެ. މި ވަގުތީ ހާއްސަ ފިޔަވަޅަކީ ބަދަހި، ފަރަގުތައް ކުޑަ، އެންމެނަށް ވެސް ބައިވެރިވެވޭ ފަދަ ދާއިމީ މުޖުތަމައުއަކަށް ވާސިލުވުމަށްޓަކައި އަޅާ ފުރަތަމަ ފިޔަވަޅު ކަމަށް ހެދުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

އެޑިޓަރު ނޯޓު

ޔަސްމީން އަކީ ޔޫއެންޑީޕީ މާލޭ އޮފީހުގައި ހިމެނޭ ޑިމޮކްރެޓިކް ގޮވަނަންސް ޔުނިޓްގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެވެ. ޔުނިވަސިޓީ އޮފް ސިޑްނީން ޕޮލިސީ ސައިންސްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ނަންގަވާފައިވާ ޔަސްމީން ވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓްގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.

ޔޫއެންޑީޕީގައި މަސައްކަތް ކުރަައްވަމުން އަންނަ ނާއިފް މަތީ ތައުލީމު ހާސިލްކުރައްވާފައި ވަނީ ޕޮލިޓިކަލް ސައިންސް އާއި އިންޓަނޭޝަނަލް ރެލޭޝަންސްގެ ދާއިރާ އިންނެވެ.