Roadha Mihaaru
އިނާމު ކޮމިޓީގެ މުގައްރިރާއި ނައިބު އިސްތިއުފާ ދީފި

އިނާމާ ގުޅޭގޮތުން ތުހުމަތުތަކެއްކޮށް އެމްއެމްސީގެ ކޮމިޓީގެ މުގައްރިރާއި ނައިބު އިސްތިއުފާ ދެއްވައިފި

05 އެޕްރީލް 2021

މީޑިއާ ކައުންސިލުން މިއަހަރު ނޫސްވެރިކަމުގެ އިނާމު ދިނުމުގައި އިންސާފުން އަމަލު ނުކުރާ ކަމަށް ވިދާޅުވެ، އެ ކައުންސިލްގެ މެމްބަރުން އަދި ނޫސްވެރިކަމުގެ އިނާމާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު ޝަފާއު ހަސަނާއި ނައިބު މުގައްރިރު ހަސަން ޝާކިރު އެ ކޮމިޓީން އިސްތިއުފާ ދެއްވައިިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީޑިއާ ކައުންސިލުން މިއަހަރު ނޫސްވެރިކަމުގެ އިނާމު ދިނުމުގައި އިންސާފުން އަމަލު ނުކުރާ ކަމަށް ވިދާޅުވެ، އެ ކައުންސިލްގެ މެމްބަރުން އަދި ނޫސްވެރިކަމުގެ އިނާމާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު ޝަފާއު ހަސަނާއި ނައިބު މުގައްރިރު ހަސަން ޝާކިރު އެ ކޮމިޓީން އިސްތިއުފާ ދެއްވައިިފި އެވެ.

ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ޝަފާއު ވިދާޅުވީ، ނޫސްވެރިކަމުގެ އެންމެ މޮޅު ލިޔުންތަކާއި ނޫސްވެރިންނަށް އިނާމު ދިނުމާ ގުޅޭގޮތުން ކޮމިޓީން މީގެ ކުރިން ވަނީ މަޝްވަރާތަކެއް ކޮށްފައިވާ ކަމަަށެވެ. އެކަމަކު، އެ ނިންމުންތައް ފަހުން ބަދަލުކޮށް، އިނާމާ ގުޅޭގޮތުން އަލަށް ނިންމާފައި ވަނީ ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިން މާޔޫސްވެ، ކަންބޮޑުވާނެ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް، މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް މި އަހަރު ވާދަކުރާ ނޫސްވެރިން ހިތްހަމަނުޖެހޭނެ ކަންކަން ހުރި ކަމަށް ވިދާޅުވި އެވެ.

ޝަފާއު ވިދާޅުވި ގޮތުގައި، ނޫސްވެރިންގެ ލިޔުންތައް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާއި ފަނޑިޔާރުން ހަމަޖެއްސުމުގައި ގަބޫލު ނުކުރެވޭ ކަންކަން އެބަހުއްޓެވެ.

ލިޔުންތައް ހުށަހެޅުމަށް މީގެ ކުރިން ދެ ފަހަރަކު މުއްދަތު އިތުރުކޮށް، ދެން އެ ފުރުސަތު ނުދޭން ކައުންސިލުން ނިންމާފައި އޮއްވައި، އަނެއްކާ ވެސް އެ ނިންމުން ބަދަލުކުރި އެވެ. ކުރިން ތިއްބެވި ފަނޑިޔާރުން ބަދަލުކޮށް، ރާއްޖޭގެ އެންމެ މޮޅު ނޫސްވެރިން ހޮވުމުގައި ތަޖުރިބާ މަދު ފަނޑިޔާރުން ވެސް ވަނީ މި ކައުންސިލްގައި ހަމަޖައްސައިފަ އެވެ.

ޝަފާއު ތުހުމަތު ކުރައްވާ ގޮތުގައި އެކަން ކޮށްފައިވަނީ ވަކި ބައެއްގެ މަސްލަހަތަށެވެ.

"އަދި މިހާތަނަށް ފަނޑިޔާރުކަން ކޮށްދެއްވި، ބޭފުޅުންނަށް ތުހުމަތުތަކެއްކޮށް މަސްލަހަތު ގެއްލިދާނެ އަދި، އިނާމަށް ކުރިމަތިލި ނޫސްވެރިންގެ ހައްގު ގެއްލިދާނެ ގޮތަކަށް ބައެއް މެމްބަރުން އަމަލުތައް ބަހައްޓައި، ފަނޑިޔާރުންގެ ކޮމެޓީއެއް ނެގުމަކީ އަޅުގަނޑަށް ގަބޫލުކުރެވުނު ކަމެއް ނޫނެވެ،" ޝަފާއުގެ ސިޓީގައި ވިދާޅުވި އެވެ.

އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ އިނާމު އެކި ދާއިރާތަކުން ދެމުންނެވެ. މި އަހަރު އިނާމު ދިނުމުގައި 12 ކެޓަގަރީއެއް ވަނީ ހިމަނައިފަ އެވެ.