Roadha Mihaaru
ކުންފުނި ހަދައިގެން ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ

ކުންފުނި އުފައްދައިގެން ކައުންސިލްތަކަށް ވިޔަފާރި ކުރެވޭ މަގު ފަހިވެއްޖެ

04 އެޕްރީލް 2021

ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ މަގު، އެކަމާ ގުޅޭ އުސޫލު އާއްމުކުރުމާ އެކު މިއަދު ފަހިވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ މަގު، އެކަމާ ގުޅޭ އުސޫލު އާއްމުކުރުމާ އެކު މިއަދު ފަހިވެއްޖެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ވަނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު" ގެޒެޓުކޮށްފަ އެވެ. އެ އުސޫލު ގެޒެޓުކުރާ ދުވަހުން ފެށިގެން އެއަށް އަމަލުކުރާނެ އެވެ.

ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކައުންސިލްތަކަށް ވިޔަފާރިކުރެވޭނެ ފުރުސަތު ދީފަ އެވެ. ނަމަވެސް މީގެ ކުރިން ކައުންސިލްތަކުން ދިޔައީ އާމްދަނީ ހޯދުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ރަށު ކައުންސިލް، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހެޅޭނީ އެ ކައުންސިލެއްގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރަކުންނެވެ.

ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ރަށު ކައުންސިލް ނަމަ އެ ކުންފުނީގެ ނަމަކީ އަތޮޅާއި ރަށުގެ ނަމެވެ. ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ އަތޮޅު ކައުންސިލް ނަމަ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގެ ނަން އަދި ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ސިޓީ ކައުންސިލެއް ނަމަ އެ ކައުންސިލެއް ނިސްބަތްވާ ސިޓީގެ ނަމެވެ.

އެ ގަވައިދުގެ ދަށުން އުފައްދާ ކުންފުނީގެ ހިއްސާ ބަދަލުކުރެވޭނީ ހަމައެކަނި ކައުންސިލްތަކުގެ މެދުގަ އެވެ. ހިއްސާ ބަދަލުކުރަން ހުށަހަޅާއިރު، ލޯކަލް އޮތޯރިޓީ ކުންފުނީގައި ހިއްސާވާން އެދި ރަށު ކައުންސިލް، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ ފަރާތުން، އެ ކައުންސިލުގެ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރު ހުށަހަޅަންވާނެ އެވެ.

ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީކުރަން ހުށަހަޅާ އިރު ކޮންމެ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ އެވެ. ކޮންމެ ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ އަދަދު ލިޔެ ބަޔާންކުރާންވާނެ އެވެ.

އެ ކުންފުންޏެއްގެ ހަމައެކަނި ހިއްސާދާރަކީ ވަކި ކައުންސިލެއް ނަމަ، ކުންފުންޏެއްގެ ޑިރެކްޓަރުންގެ ގޮތުގައި ތިބެވޭނީ، އެ ކައުންސިލެއްގެ މެންބަރުންގެ ގަރާރަކުން އައްޔަންކުރާ ފަރާތްތަކެވެ. އެގޮތުން އައްޔަންކުރާ ޑިރެކްޓަރަކު ވަކިކުރެވޭނީ ކައުންސިލް މެންބަރުންގެ ގަރާރަކުން ނިންމާ ނިންމުމަކުން ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ. އަދި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލް ހިމެނޭ ނަމަ، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ގޮތުގައި ތިބެވޭނީ ހިއްސާދާރުންގެ ގޮތުގައި ތިބޭ ކޮންމެ ކައުންސިލެއްގެ މެމްބަރުންގެ ގަރާރަކުން އައްޔަންކުރާ ފަރާތްތަކެވެ.

އެ ގޮތަށް އައްޔަންކުރާ ޑިރެކްޓަރަކު ވަކިކުރެވޭނީ އެ ޑިރެކްޓަރު އައްޔަންކުރި ކައުންސިލް މެމްބަރުންގެ ގަރާރަކުންނެވެ.

އުސޫލުގައިވާ ގޮތުން ލޯކަލް އޮތޯރިޓީ ކުންފުންޏަކީ ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެކެވެ.

އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގައި ކައުންސިލުން ބައިވެރިވުން

ރަށު ކައުންސިލަކުން، އަތޮޅު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން އަމިއްލަ ފަރާތަތަކާ އެކު ވިޔަފާރި ކުންފުންޏެއްގައި ހިއްސާވުމުގެ ކުރިން ކުންފުނި ނުވަތަ ޕާޓްނަޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއާ ގުޅުމުން ލިބޭނެ ފައިދާ އާއި އެ ކުންފުނި، ނުވަތަ ޕާޓްނަޝިޕް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ބިޒްނަސް ޕްލޭނާއި ކުންފުނިން ކުރަން ގަސްތުކުރާ ވިޔަފާރިތަކުގެ ތަފްސީލު ފަދަ މައުލޫމާތުތައް ރަޖިސްޓްރީ އޮފް ކޮމްޕެނީޒަށް ހުށަހަޅައިގެން ހުއްދަ ހޯދަންޖެހެ އެވެ.

އެ މައުލޫމާތުތައް ހުށަހެޅުމުން ކުންފުނި ހިންގަން ހުއްދަދޭ ވިޔަފާރިތަކުގެ ތަފްސީލު ކަނޑައަޅައި ކުންފުނި އުފައްދަން ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ކޮމްޕެނީޒެވެ. ހުއްދަ ދިނުމުގައި އެ ރަށެއް ނުވަތަ އަތޮޅު ނުވަތަ ސިޓީއެއްގެ އާބާދީ އާއި އިގުތިސޯދީ ހާލަތަށް ބަލައި އަމިއްލަ ފަރުދުންނާއި ގާނޫނީ ޝަހުސުތަކުން އެ ރަށެއްގައި ނުވަތަ އެ ދާއިރާއެއްގައި ހިންގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރަށް ބަލަންޖެހެ އެވެ.

އަމިއްލަ ފަރާތްތަކާ އެކު ކުންފުނި އުފައްދަން ހުށަހަޅާއިރު ކައުންސިލްގެ ހިއްސާ އޮންނަން ޖެހޭނީ 20 ޕަސެންޓަށް ވުރެ އިތުރުނުވާނެ ވަރަކަށެވެ.

ކައުންސިލްތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރީގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ ވިޔަފާރި ހަރަކާތްތައް ހިންގަންވާނީ ގަވާއިދަށް އަމަލުކުރަން ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގަ އެވެ.