Roadha Mihaaru
މަރަކާ ގުޅިގެން 80 ޑޮލަރުގެ ޖޫރިމަނާއެއް

މަރަކާ ގުޅިގެން ޒިންމާއެއް އޮތް ކަމަށް ނިންމައި މީހަކަށް 80 ޑޮލަރުގެ ޖޫރިމަނާއެއް

01 އެޕްރީލް 2021

ޖަޕާނުގެ ސެލެބްރިޓީއަކު މިދިޔަ އަހަރު އަމިއްލަ އަށް މަރުވުމާ ގުޅިގެން އެ މަރާ ގުޅުމެއް އޮތް ކަމަށް ނިންމައި މީހަކު 80 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާނުގެ ސެލެބްރިޓީއަކު މިދިޔަ އަހަރު އަމިއްލަ އަށް މަރުވުމާ ގުޅިގެން އެ މަރާ ގުޅުމެއް އޮތް ކަމަށް ނިންމައި މީހަކު 80 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

މީޑިއާތަކުން ބުނީ ރެސްލިން ތެޅުންތެރިއެއްގެ ގޮތުގައި އާންމުންގެ ސަމާލުކަން ހޯދައި ރިއަލިޓީ ޝޯ "ޓެރެސް ހައުސް" ގެ ފަސް ވަނަ ސީޒަނުން މަޝްހޫރުވި ހަނާ ކިމޫރާ، 22، އަމިއްލަ އަށް މަރުވާން ނިންމި ސަބަބުތަކުގެ ތެރޭގައި ފިރިހެނަކު އޭނާ އޮންލައިންކޮށް ބުލީކުރުން ހިމެނޭ ކަމަށެވެ. އެ ވާހަކަ ކިމޫރާ މަރުވުމުގެ ކުރިން ސޯޝަލް މީޑިއާގެ ބައެއް ޕޯސްޓްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ. އަދި އޭނާ ދިމާކޮށް އޮންލައިންކޮށް ފުރައްސާރަ ކުރަމުން ދިޔަ މީހާ ބުނެފައިވާ ބަސްތަކުގެ ތެރޭގައި "މުޑުދާރު މީހެއް" ކަމަށާއި "ކަލޭ މަރުވާނީ ކޮން އިރަކުންތޯ؟" ފަދަ އެއްޗެހި ބުނެފައިވެ އެވެ.

މި މައްސަލާގައި ފިރިހެން މީހާގެ މައްޗަށް ކިމޫރާގެ މަރުގައި ޒިންމާއެއް އޮތް ކަމަށް ނިންމައި 9،000 ޔެން (80 ޑޮލަރު) އިން ޖޫރިމަނާކުރި ނަމަވެސް އޭނާގެ އެއްވެސް ވަނަވަރެއް ހާމަކޮށްފައެއް ނުވެ އެވެ. ފިރިހެން މީހާ އަށް ކުރި ޖޫރިމަނާ ކުޑަވެގެން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔައި، އެއީ އޭނާ އަށް ދިން އަދަބަކަށް ވުރެ ބޮޑަށް ކިމޫރާގެ މަރަށް ކުރި ފުރައްސާރައެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ފިރިހެން މީހާގެ މައްޗަށް ދައުވާކުރީ ޖަޕާނުގައި އަމަލުކުރަމުން އަބުރުގެ ގާނޫނުގެ ދަށުން މީހަކަށް ކުޑައިމީސްކޮށް ވާހަކަތަކެއް ދެއްކުމުގެ ދައުވާ އެވެ. އެފަދަ ދައުވާއެއް ސާބިތުވެއްޖެ ނަމަ އަދަބަކީ ގިނަވެގެން 9،999 ޔެން އިން ޖޫރިމަނާކުރުމެވެ. އެ ގާނޫނުގެ ދަށުން މީހެއްގެ އަބުރަށް އަރައިގަތުމުގެ ދައުވާ ވެސް ކުރެވި ދައުވާ ސާބިތުވެއްޖެ ނަމަ 50،000 ޔެންއާ ހަމައަށް ޖޫރިމަނާކުރެވެ އެވެ.

ގިނަ ބަޔަކަށް މައްސަލައަކަށްވީ ފިރިހެން މީހާގެ މައްޗަށް އަބުރުގެ ދައުވާ ނުކުރުމުންނެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 23 ގައި ކިމޫރާ މަރުވުމާ ގުޅިގެން "ޓެރެސް ހައުސް" ވަނީ ހުއްޓާލައިފަ އެވެ. ޖަޕާނުގެ ފުޖީ ޓީވީ އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން އެ ޝޯ އަކީ "ބިގް ބޮސް" އާއި "ބިގް ބްރަދާ" ކަހަލަ ޝޯއެކެވެ.