Roadha Mihaaru
ދިވެހި ދަރިވަރުން ޖަރުމަނުގެ ރޮބޮޓެއް ކޮންޓްރޯލްކޮށްފި

ޖަރުމަނުގެ ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ދީފި

31 މާޗް 2021

އުރީދޫ 5ޖީ ނެޓްވޯކް މެދުވެރިކޮށް ޖަރުމަނުގައި ހުރި ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންތަކަކަށް އެ ކުންފުނިން ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުރީދޫ 5ޖީ ނެޓްވޯކް މެދުވެރިކޮށް ޖަރުމަނުގައި ހުރި ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންތަކަކަށް އެ ކުންފުނިން ދީފި އެވެ.

މި ފުރުސަތު ދީފައިވަނީ އީކޯ އޯގަނައިޒޭޝަނާއި އުރީދޫން ގުޅިގެން "ރޮބޯއީ"އާ އެކު ޕާޓްނާޝިޕެއް ހަދައި، މިއަދު ބޭއްވި "ރޮބޮޓިކް ޓެލެޕްރެސެންސް" ހަރަކާތުގެ ތެރެއިންނެވެ. ރޮބޯއީ އަކީ މިއުނިކްގެ ޓެކްނިކަލް ޔުނިވާސިޓީން އުފަންވެފައިވާ ސްޓާޓަޕެކެވެ.

ވީއާރު ކެފޭގައި ބޭއްވި މި ހަރަކާތުގައި ގިޔާސުއްދީން އިންޓަނޭޝަނަލް އާއި ބިލަބޮންގް ހައި ސްކޫލްގެ ރޮބޮޓިކްސް ކިޔަވާ ދަރިވަރުންތަކެއް ވަނީ އުރީދޫ 5ޖީ އެއާ ފައިބަގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯޓް ތަޖުރިބާކޮށްފަ އެވެ. ރޮބޯއީއަކީ އިންސާނީ ސިފަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރޮބޮޓެކެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެ ގުނަވަންތައް ހަރަކާތްކުރާ ގޮތް ވެސް ދަސްކޮށްފަ އެވެ.

"ރޮބޯއީ 3.0" ގެ ޓެލެޕޯޓިން ހިދުމަތް މެދުވެރިކޮށް އެ ހުރި ތަނުގައި ހުރެގެން އެހެން ތަނެއްގައި ހުރުމުގެ ތަޖުރިބާ ކުރެވޭނެ އެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރަކު އުރީދޫ 5ޖީ މެދުވެރިކޮށް ރޮބޯއީ ކޮންޓްރޯލް ކުރަނީ-- ފޮޓޯ:އުރީދޫ

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރަކު އުރީދޫ 5ޖީ މެދުވެރިކޮށް ރޮބޯއީ ކޮންޓްރޯލް ކުރަނީ-- ފޮޓޯ:އުރީދޫ

މި ހަރަކާތުގައި ބައިވެރިވި ދަރިވަރުންނަށް އުރީދޫން ވަނީ 5ޖީ ގެ ވަރުގަދަ ނެޓްވޯކާ އެކު ރޮބޯޓިކްސް އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި އިންޓަނެޓް އޮފް ތިންގްސްގެ ހައިބަތާއި މި ހިދުމަތްތަކުގެ ސަބަބުން ހުޅުވިގެންދާނެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ ރޮބޯޓިކްސްގެ ސަބަބުން އެންމެ މުހިންމު ދާއިރާތަކަށް އިންގިލާބީ ބަދަލުތައް އަންނާނެ ކަމަށެވެ. އެހެންކަމުން މިފަދަ ހިދުމަތްތަކާ ދިވެހިން ގުޅުވުމަށް އުރީދޫން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޮބޯޓިކްސް އިންޑަސްޓްރީގެ ސަބަބުން ސިއްހީ އިދާރާ، ލޮޖިސްޓިކްސް، އެޑިއުކޭޝަން، އެގްރިކަލްޗާ އަދި މިނޫން ވެސް އެތަކެއް ދައިރާތަކަކަށް އިންގިލާބީ ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ. ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމަށް އުރީދޫން ހުއްޓުމެއްނެތި މި މަސައްކަތް ކުރަނީ ކުރިއަރަމުން އަންނަ މިފަދަ އީޖާދީ ހިދުމަތްތައް ރާއްޖޭގެ މުޖުތަމައުތަކަށް ފޯރުކޮށްދީ އާ ފުރުސަތުތައް ފަހިކޮށްދޭން،" ނަޖީބު ވިދާޅުވި އެވެ.

ވީއާރު ކެފޭގައި ބޭއްވި ހަރަކާތުގައި ގިޔާސުއްދީންގެ ދަރިވަރަކަށް ރޮބޮޓް ކޮންޓްރޯލް ކުރާނެ ގޮތް ކިޔައިދެނީ-- ފޮޓޯ: އުރީދޫ

ވީއާރު ކެފޭގައި ބޭއްވި ހަރަކާތުގައި ގިޔާސުއްދީންގެ ދަރިވަރަކަށް ރޮބޮޓް ކޮންޓްރޯލް ކުރާނެ ގޮތް ކިޔައިދެނީ-- ފޮޓޯ: އުރީދޫ

ރޮބޯއީގެ ޖެނެރަލް މެނޭޖަރު އަދި ލީގަލް ގާޑިއަން ރަފައަލް ހޮސްޓެޓްލާ ވިދާޅުވީ އުރީދު އާއި އީކޯ އޮގަނައިޒޭޝަނާ އެކު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން ރާއްޖެ އަށް ރޮބޯއީ ޖޫނިއާގެ ހިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ހިދުމަތާ އެކު މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީކޯ އޯގަނައިޒޭޝަނަކީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ކުރިމަގެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ނޮން ޕްރޮފިޓް އޮގަނައިޒޭޝަނެކެވެ.