Roadha Mihaaru
ޗެލްސީ އާއި ޕޯޓޯ ކުޅޭ ކުއާޓާގެ ދެ މެޗު ސްޕެއިންގައި

ޗެލްސީ އާއި ޕޯޓޯ ކުޅޭ ކުއާޓާގެ ދެ މެޗު ސްޕެއިންގައި

31 މާޗް 2021

ލަންޑަން (މާޗް 31) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލްގެ ޕޯޓޯ އާއި އިންގްލެންޑްގެ ޗެލްސީ ކުޅޭ ދެ ލެގު ވެސް ސްޕެއިންގެ ސެވިލްގައި ކުޅޭގޮތަށް ޔުއެފާ އިން ހަމަޖައްސައިފި އެވެ.

ލަންޑަން (މާޗް 31) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލްގެ ޕޯޓޯ އާއި އިންގްލެންޑްގެ ޗެލްސީ ކުޅޭ ދެ ލެގު ވެސް ސްޕެއިންގެ ސެވިލްގައި ކުޅޭގޮތަށް ޔުއެފާ އިން ހަމަޖައްސައިފި އެވެ.

ޔުއެފާ އިން މި ގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޕޯޗުގީސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ މެޗު ޕޯޗުގަލްގައި ކުޅެވޭނެ ގޮތެއް ނެތްއިރު، ޕޯޗުގަލް އިން އަންނަ މީހުން އިންގްލެންޑްގައި 10 ދުވަހުގެ އައިސޮލޭޝަނެއް ފުރިހަމަކުރަން ޖެހޭ ގޮތަށް އުސޫލު އޮތުމުން ޗެލްސީގެ ދަނޑުގައި ވެސް ކުޅެވެން ނެތުމުންނެވެ.

މިހާރު އޮތްގޮތުން ދެ ލެގު ވެސް ކުޅޭނީ ސްޕެއިނުގެ ސެވިއްޔާގެ ސްޓޭޑިއަމް ރަމޮން ސަންޗޭޒް ޕިޗުއާން ސްޓޭޑިއަމްގަ އެވެ. ފުރަތަމަ ލެގު އަންނަ ހަފްތާގައި ކުޅުމަށް ފަހު ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހު އެވެ.

ޗެލްސީ ވަނީ މި ސީޒަނުގައި އެއް ފަހަރު ސެވިއްޔާ ދަނޑުގައި މެޗެއް ކުޅެފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ސެވިއްޔާ އަތުން 4-0 އިން މޮޅުވި މެޗުގަ އެވެ.

ނޮކައުޓް ފުރަތަމަ ބުރުގައި ޗެލްސީން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނުއިރު، އެތުލެޓިކޯގެ ހޯމް މެޗު ކުޅުނީ ރުމޭނިއާގެ ބުކަރެސްޓްގަ އެވެ. އެއީ އޭރު ސްޕެއިން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ސަބަބުން އިންގްލެންޑް މީހުންނަށް ސްޕެއިނަށް އެތެރެވެވޭނެ ގޮތެއް ނެތުމުންނެވެ. އެކަމަކު އެ އުސޫލު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.

ޗެލްސީން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ކުޅެފައިވަނީ މީގެ ހަ އަހަރު ކުރިންނެވެ. ޕޯޓޯ ކުއާޓާ އިން ފުރުސަތު ހޯދީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކަޓުވާލައިފަ އެވެ.