Roadha Mihaaru
ޓުޗެލްގެ އަމާޒު ތައްޓަށް

ޓުޗެލްގެ އަމާޒު ތައްޓަށް

13 އެޕްރީލް 2021

ޗެލްސީއާ ހަވާލުވި ކާމިޔާބު ހޯދަން ކަމަށާއި ޗެމްޕިއަންސް ލީގުގައި ވެސް އަމާޒަކީ ތަށި އުފުލާލުން ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީއާ ހަވާލުވި ކާމިޔާބު ހޯދަން ކަމަށާއި ޗެމްޕިއަންސް ލީގުގައި ވެސް އަމާޒަކީ ތަށި އުފުލާލުން ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ޕޯޓޯއާ ދެކޮޅަށް ޗެލްސީ ނުކުންނާނެ އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ޗެލްސީން ކާމިޔާބުކުރީ 2-0 އިންނެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޓުޗެލް ބުނީ ޗެލްސީއަކީ މުބާރާތުގެ ފޭވަރިޓަކަށް ނުވިޔަސް، އޭނާގެ އަމާޒަކީ ތަށި ހޯދުން ކަމަށެވެ.

"އަހަރެން ޗެލްސީއާ ހަވާލުވީ ކާމިޔާބު ހޯދަން،" ޓުޗެލް ބުންޏެވެ. "ކީއްކުރަން ކޮންމެހެން ބުނަންވީ މީގެ ތިން އަހަރު ނުވަތަ ފަސް އަހަރު ފަހުންނޭ ތަށި ހޯދަން އަމާޒުހިފާނީ. ތަށި ހޯދުމުގެ އަމާޒުގައި މި ވަގުތު ވެސް މަސައްކަތްކުރަންވާނީ."

ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅުނު 17 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

ޓުޗެލް ބުނީ ފުރަތަމަ ލެގުން މޮޅުވެފައި އޮތް ނަމަވެސް، މިރޭގެ މެޗުގައި ޗެލްސީ ރޭވުންތަކަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

"އަހަންނަށް ހީވަނީ ޕޯޓޯ މި މެޗުގައި ކުޅޭ ސްޓައިލް ބަދަލުކުރާނެހެން. އެއީ އެ ޓީމުން އެބަޖެހޭ ލަނޑުތަކެއް ޖަހަން. އަހަރެންގެ ރޭވުންތަކަށް ބަދަލެއް ނުގެންނާނަން،" ޓުޗެލް ބުންޏެވެ.

ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެސާއޯ ބުނީ ދެވަނަ ލެގަށް ނުކުންނައިރު، ޕޯޓޯ އޮތީ ވަރަށް އިތުބާރާއެކު ކަމަށެވެ.

"އަހަރަމެންނަށް އެނގޭ ނަތީޖާ އަނބުރާލުމަކީ ފަސޭހަކަމެއް ނޫންކަން. އެކަމަކު އަހަރެމެން މި ތިބީ ވަރަށް އިތުބާރާއެކު،" ކޮންސެސާއޯ ބުންޏެވެ.

ޕޯޓޯ އާއި ޗެލްސީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 12:00ގަ އެވެ.