އާއިލާ އާއި ރައްޓެހިންނަށް ބަރޯސާވާން ޖެހި އަދި އަމިއްލަ އިހުތިޔާރުގައި އެއްވެސް ކަމެއް ނުވުމަކީ މާޔޫސްވެ، ދެރަވާން ޖެހޭ ކަމެއް ނަމަ މުހައްމަދު ރައިޝާން މިއަދު އޮންނާނީ އެނދުމަތިވެފަ އެވެ. ރަނގަޅު ތައުލީމެއް ނުލިބި ކުރިމަގު ބަނަވެފަ އެވެ. އެކަމަކު އާމިނަތު އިބްރާހިމް، އޭނާގެ ހަގު ދަރިފުޅު އެންމެ ޅައިރުއްސުރެ "ކޮޓަރި ތެރޭގައި ފޮރުވައިގެން" ނުގެންގުޅެ މީހުންގެ ތެރެއަށް ނެރުނެވެ؛ ކަންކަމުގައި ބައިވެރިކުރި އެވެ.
05 އެޕްރީލް 2021
އާއިލާ އާއި ރައްޓެހިންނަށް ބަރޯސާވާން ޖެހި އަދި އަމިއްލަ އިހުތިޔާރުގައި އެއްވެސް ކަމެއް ނުވުމަކީ މާޔޫސްވެ، ދެރަވާން ޖެހޭ ކަމެއް ނަމަ މުހައްމަދު ރައިޝާން މިއަދު އޮންނާނީ އެނދުމަތިވެފަ އެވެ. ރަނގަޅު ތައުލީމެއް ނުލިބި ކުރިމަގު ބަނަވެފަ އެވެ. އެކަމަކު އާމިނަތު އިބްރާހިމް، އޭނާގެ ހަގު ދަރިފުޅު އެންމެ ޅައިރުއްސުރެ "ކޮޓަރި ތެރޭގައި ފޮރުވައިގެން" ނުގެންގުޅެ މީހުންގެ ތެރެއަށް ނެރުނެވެ؛ ކަންކަމުގައި ބައިވެރިކުރި އެވެ.
އޭނާގެ ނަތީޖާ ފޮންޏެވެ. އެތައް ބަޔަކަށް އެތައް ފިލާވަޅެއް ދަސްވާހާވެ އެވެ.
ފުރޮޅުލީ ގޮނޑީގައި އިނދެގެން އޯ ލެވެލްގެ ގައުމީ ގަދަ 10ގެ 10 ވަނަ އަދި 2019 ގައި ހެދި އޭ ލެވެލް އިމްތިހާނުގައި ވެސް ރައިޝާން، 19، ވަރަށް ރަނގަޅު ނަތީޖާއެއް ހޯދި އެވެ. އެ ހިސާބުން އަދި ނިމުނީކީ ނޫނެވެ. މިހާރު އޭނާ އަންނަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑިގްރީއަށް ކިޔަވަމުންނެވެ.
މައިބަދައިގެ މައްސަލައެއްގެ ސަބަބުން ހިނގުމުން މަރުހޫރުމްވެފައިވާ ރައިޝާން މަތީ ތައުލީމަށް ދިއުމުގެ ކުރިން ނިިއުރޮލޮޖިސްޓް ޑރ. ސަސީ ކުމާރުއާ ވާހަކަދެއްކި އެވެ. ހަރަކާތްތެރިވެ އުޅުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވުމުން ޑޮކްޓަރު ވެސް އިރުޝާދު ދެއްވީ އަނގަބަހުން ކުރެވޭ މަސައްކަތައިގެން ކުރިއަށް ދާށެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ޔުނިސެފްގެ އޮފިޝަލުންނާ އެކު ރައިޝަން، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރަން ތައްޔާރުވެގެން.
އެހެންވެ ޝައުގުވެރިކަން ވެސް ހުރުމާއި ރާއްޖެއަށް މި ވަގުތު މުހިއްމު ދާއިރާއަކަށް ވާތީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި އަޑުއުފުލަމުން އަންނަ ރައިޝަން އިހުތިޔާރުކުރީ ސައިކޮލޮޖީ އެވެ.
"ވާބަލީގެ ކުދިންނަށް ކުރިއަށް ދެވޭނެ ބައިވަރު ފުރުސަތުތައް އެބަހުރި ސައިކޮލޮޖީ ކިޔަވައިގެން،" ރައިޝާން ބުންޏެވެ.
އޭނާ ކުރިން ނިންމައިގެން ހުރީ މަތީ ތައުލީމް ހާސިލްކުރަން ރާއްޖެއިން ބޭރަށް ދާށެވެ. އެކަމަކު ފަންޑިން ނުލިބުމުން އެ ވިސްނުން ބަދަލުކުރީ އެވެ.
ބޯދާ ވިސްނުންތައް ގަބޫލުކުރާ މީހުން ދެކެނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބެން ޖެހޭނީ ގޭގެ ހަތަރު ފާރުގެ އެތެރޭގައި ކަމެވެ. އެ ކުދިންނަށް އުފާވެރި ދިރިއުޅުމެއް ނުފެންނާނެ ކަމެވެ. އޭގެ ޖަވާބަކަށް ރައިޝަން ވެސް ކުރީ ސުވާލެކެވެ.
"ރައިޝަންގެ ދިރިއުޅުން ހުއްޓިފައި ހެއްޔޭ މިހުރީ. ކުރިއަށް ދަނީ ނޫންހޭ. މިހާރު މި ޑިގްރީއަށް ވެެސް ކިޔަވަނީ ނޫންހޭ. ކޮބައި ހެއްޔޭ ހުއްޓިފައި.؟ އަދި ވެސް ކިޔެވޭނެ. ހިތްވަރު އެބަހުއްޓޭ، ސަޕޯޓު ވެސް އެބަ ހުއްޓޭ. ދެން ކީއްވެގެން ހެއްޔޭ ނުކިޔެވެންވީ؟ ކޮންމެ މީހަކަށް ވެސް ކިޔެވޭނެ ސަޕޯޓާ އެއްޗެހި ލިބެންޏާ،" ސައިކޮލޮޖީގެ ދާއިރާއިން މާސްޓަސް ޑިގްރީއާ ހިސާބަށް ވެސް ދާން ނިންމައިގެން ހުރި ރައިޝަން ބުންޏެވެ.
ރައިޝަން ގޭގައި ހުރެގެން، އޮންލައިން ކްލާހެއްގައި ބައިވެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ރައިޝަން މިހާތަނަށް ވެސް އުޅެމުން ދިޔައީ އޭނާ ކިޔަވާ ސްކޫލަކާ ކައިރީގަ އެވެ. ގްރޭޑު 1-10 އަށް ކަލާފާން ސްކޫލުގައި ކިޔެވިއިރު އުޅުނީ އެ ތަނާ ކައިރި ގެއެއްގަ އެވެ. އޭ ލެވެލް ހަދަން ސީއެޗްއެސްއީއަށް ވަނުމުން ރައިޝަންގެ ކުޑަކުޑަ އާއިލާ ވެސް ބަދަލުވީ އެ ތަނާ ކައިރި ގެއަކަށެވެ.
އައިޖީއެމްއެޗާ ކައިރީގައި ހުންނަ ހެލްތު ފެކަލްޓީއަށް ފުރަތަމަ ދުވަހު ދިޔައީ ޕިކަޕެއްގަ އެވެ. ދެވަނަ ދުވަހު ވޭނެއްގަ އެވެ. ކޮވިޑު-19ގެ ހާލަތު ގޯސްވުމުން އަނެއްކާވެސް ކޮލެޖު/ޔުނިވާސިޓީތައް ބަންދުކޮށް މިހާރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.
ޔުނިވާސިޓީގައި ހަވީރު 4:00-8:00 އަށް ކިޔެވުން އޮންނާތީ އެ ގަޑި ދިމާވަނީ ރައިޝަންގެ ރޭގަނޑުގެ ކާ ވަގުތާ އެވެ. ވަރުގަދަ ބޭސްތަކެއް ވެސް ކާން ޖެހޭތީ، ލުއި ގޮތެއް ހޯދައިދިނުމަށް އެދި ފެކަލްޓީގެ އިސް ވެރިންނާ އައިންތު ބައްދަލުކުރި އެވެ. ފެކަލްޓީން ވަނީ 10-15 މިނެޓުގެ ބްރޭކް 45 މިނެޓަށް އިތުރުކޮށްދީފަ އެވެ.
ރައިޝަން ކުޑައިރުގެ ފޮޓޯއެއް.
ބްރޭކް ގަޑީގައި ރައިޝަންގެ ކާ އެއްޗެހި ހިފައިގެން އައިންތު ދަނީ ސީދާ ފެކަލްޓީއަށެވެ. އެ ތަނުގެ ސައި ކޮޓަރީގައި ކާން ދީ ނިންމުމަށް ފަހު އަނެއްކާވެސް ކްލާސްރޫމް ތެރެއަށެވެ. އައިންތު އަނބުރާ ދަނީ މޭޒު މައްޗަށް އަތް ލައިދީ، ލިޔަން ތައްޔާރު ކޮށްދިނުމަށް ފަހުގަ އެވެ.
ރައިޝަން ބުނިގޮތުގައި މިދިޔަ އަހަރު އެއްވެސް ކަމެއް ނުކޮށް ގޭގައި ހުރުމުން މީހާ އިތުރަށް ވީ ބަލިކަށްޓެވެ. ކުރީގައި ބޮލާއި ކަރު ހިފަހައްޓާލައިގެން އެކަނި އުޅެވެ އެވެ. އެކަމަކު މިހާރު ތެދުވީމަ ވެސް ކަރު ހިފަހައްޓަން ވަރަށް އުނދަގޫވާކަމަށް ބުންޏެވެ.
"މިހާރު މަގުމަތިން ދާއިރު ވެސް އިންނަން ޖެހެނީ ކަރުގައި ކުޑަ ވަރެއްގެ ސަޕޯޓެއް ހިފަހައްޓައިގެން. މަންމަ ޖެހޭނެ ހިފަހައްޓަން،" ރައިޝަން ބުންޏެވެ.
އޭނާގެ މުޅި ހަޔާތުން ފެންނަނީ، ބައެއް ފަހަރަށް މާޔޫސްވުމުން ކަރުނަ ފޮހެލައިގެން ވެސް، ކުރިއަށް ދިއުމުގެ ފޮނި ނަތީޖާ އެވެ. މަންމަ އާއި ދޮންބެ އަދި އާއިލާ އާއި ރައްޓެހިންގެ ފަރާތުން ރައިޝަނަށް ލިބެމުން ދިޔައީ ލޯތްބާއި އެހީތެރިކަމެވެ. އެ ހިތްވަރާ އެކު، ކިޔަވައިގެން ގައުމަށް ހިދުމަތްކުރުމަށް އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.
ނުކުޅެދުންތެރިކަން ހުންނަ 10 ދަރިވަރަކު ވަކިކޮށްފި
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ދެނީ
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
އަންނަ އަހަރު ގްރޭޑް 1 އަށް 5،700 ދަރިވަރުން
ދަރިންނަށް ކިޔަވައިދޭން އެންމެ އުތުރުން ކުޑަހުވަދު އަށް
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
އިނގިރޭސިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ