Roadha Mihaaru
"ޑްރަގް އަތުލައިގަތް ފުލުހުންނަށް އިނާމް ހައްގު"

އިނާމެއް ދެންޏާ އެންމެ ހައްގީ ޑްރަގްތައް އަތުލައިގަތް ފުލުހުންނަށް: ކޮމިޝަނަރު

28 މާޗް 2021

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ޓަނެއްގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށާއި، އެއީ، އެ އަތުލައިގަތް ފުލުހުންނަށް އިނާމް ހައްގު މަސައްކަތެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހަންމަދު ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ޓަނެއްގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށާއި، އެއީ، އެ އަތުލައިގަތް ފުލުހުންނަށް އިނާމް ހައްގު މަސައްކަތެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހަންމަދު ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މާދަމާ ފާހަގަކުރާ ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އޭނާ ކޮމިޝަނަރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ކުރެވުނު އެއް ކަމަކީ ވެސް ޑްރަގްގެ އޮޕަރޭޝަންތައް ކަމަށެވެ.

"ޕޮލިސް ސާވިސްގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތް ކުރި ބަޔަކަށް އިނާމް ދެންޏާ އަޅުގަނޑު ދޭނީ ޑްރަގް ކަންތައްތަކުގައި އުޅުނު ފުލުހުންގެ ޓީމްތަކަށް،" ކޮމިޝަނަރު ވިދާޅުވި އެވެ. "އޭގެ ތެރޭގައި ތަހުގީގުކުރާ ޓީމްތަކާއި، އިންޓެލިޖެންސް މައުލޫމާތު އެއްކުރި ޓީމްތަކާއި، އޮޕަރޭޝަންތައް ހިންގި ޓީމްތަކާއި އެ ތަކެތި ހޯދަން އެއްގަމާއި ކަނޑުމަތީގައި ދަތުރު ކުރި ޓީމްތައް އެ ކުރީ ވަރަށް ބުރަ މަސައްކަތެއް."

ގދ. ހުޅުރުވާލުން އަތުލައިގަތް މަސްތުވާތަކެތި: އެ ތަކެތީގެ އަގު 250 މިލިއަން ރުފިޔާ އަށް އަރާ -- ފޮޓޯ: ޕޮލިސް

ގދ. ހުޅުރުވާލުން އަތުލައިގަތް މަސްތުވާތަކެތި: އެ ތަކެތީގެ އަގު 250 މިލިއަން ރުފިޔާ އަށް އަރާ -- ފޮޓޯ: ޕޮލިސް

ފުލުހުން ކަނޑުމަތީގައި ވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުހޯދާ ވަރަށް މަސްތުވާތަކެތި ހޯދައިފަ އެވެ. އަދި ބޭރުގެ ބޯޓުފަހަރަށް ފާރަލައިގެން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި މިދިޔަ ޑިސެމްބަރުގައި "މަސްޖަރީ 2" ނަމަކަށް ކަންނެލި ދޯންޏަކުން އަތުލައިގަތް 61 ކިލޯގެ މަސްތުވާތަކެއްޗާއި، އެޕްރީލް 2019 ގައި ގދ. ހުޅުރުވާލުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެއްޗާއި، މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ކަންނެލި ދޯންޏަކުން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެތި ހިމެނެ އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް އޮޕަރޭޝަންތައް ހިންގި ގޮތުން ބައެއް މައްސަލަތައް ކޯޓުން ބޭރުވެ، ފުލުހުންނަށް ވަނީ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި ޑްރަގު އަތުލައިގަތް ފުލުހުންގެ އިންޓްރިޓީއާ މެދު އާންމުން ވަނީ ސުވާލު އުފައްދައިފަ އެވެ.

އެކަމަކު އެ ޝައްކުތައް ކޮމިޝަނަރު ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މި މަސައްކަތުގައި އިންޓްގްރިޓީ ނެތިއްޔާ އެހާ ބައިވަރު މަސްތުވާތަކެތި އަތުލައިގަތުމަކީ ނާދިރު ކަމެއް ކަމަށެވެ.

"ވަރަށް ސިއްރު އޮޕަރޭޝަންތަކެއް އެއީ. އެންމެ މައުލޫމާތެއް ލީކުވިޔަސް އެ ދިޔައީ ]ނާކާމިޔާބުވީ[،" އޭނާ ވިދާޅުވި އެވެ.

"އެ އިންޓަގްރިޓީ ނެތް ނަމަ އެ އަދަދަކަށް މަސްތުވާތަކެތި އަތުލައެއް ނުގަނެވުނީސް. ސާޅީހަށް ވުރެ ގިނަ ނެޓްވޯކް އަޅުގަނޑުމެންނަށް އެބަ އެނގޭ، ޑްރަގްސް ރާއްޖެ އެތެރެކޮށް ވިއްކާ. އެ މީހުން އަތުލައިގަތުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. ވޭތުވެދިޔަ ދެ އަހަރާ ބައިގައި ހަމައެކަނި ޑްރަގް ޓްރެފިކް ކުރުން އެކަނި އަޅުގަނޑުމެން ވާނެ 192 މައްސަލައެއް ދައުވާކުރަން ފޮނުވައިފައި."

އާންމުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި، ގދ. ހުޅުރުވާލުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގައި ހިމެނޭ އެކަކު ފިޔަވައި އެހެން އެންމެން ދޫވި މައްސަލައިގައި ވެސް ކޮމިޝަނަރު ވާހަކަ ދެއްކެވި އެވެ.

"އަޅުގަނޑުމެންގެ ހުރި ވަސީލަތްތަކާއި ސަވައިލަންސްގެ ތެރެއިން އުޅަނދު ގެއްލުމާއި މިކަހަލަ ކަންތައްތަކެއް އޭގައި ހިނގި. އަނެއްކޮޅުން އަޅުގަނޑުމެން ފޮލޯ ކުރަން އިޖުރާތްތަކެއް ހުރޭ. ވަކި ދުރުމިނެއް ހުރި ރަށެއްގެ ކޯޓަކުން އަމުރެއް ނުހޯދޭ. އެހެންވެ މެޖިސްޓްރޭޓް އޮތް ތަނަކުން ނަގައިގެން އަމުރު ހޯދަން ޖެހުން ކަހަލަ ކަންކަން ހުރީ ވެފައި،" ކޮމިޝަނަރު ވިދާޅުވި އެވެ.

"އެ ހުރިހާ އުނދަގުލެއްގެ ތެރެއިން އަޅުގަނޑުމެންނަށް އޭރު ނެގުނު ޑިސިޝަނަކީ، އޭރު ]ދޯނީގައި[ ޑްރަގްސް ހުރި. އަޅުގަނޑުމެން އޭރު ނިންމަން ޖެހިފައި އޮތީ މި އިޖުރާތްތައް ފޮލޯކުރަން ހަދައިގެން އެ ]ޑްރަގްސް[ ގެއްލުންތޯ ނުވަތަ މުޖުތަމައުގެ ތެރެއަށް އެ މަސްތުތާތަކެތި ދޫވެގެން ދިއުންތޯ [ފައިދާ ބޮޑީ]."

މަސްތުވާތެކެތި ހޯދަން ފުލުުހުން ގެއެއް ފާސްކުރަނީ -- ފޮޓޯ: ޕޮލިސް ލައިފް

މަސްތުވާތެކެތި ހޯދަން ފުލުުހުން ގެއެއް ފާސްކުރަނީ -- ފޮޓޯ: ޕޮލިސް ލައިފް

އެކަމަކު ކޮމިޝަނަރު ވެސް ވިދާޅުވީ ފުލުހުން އެ ފަހަރު އަމަލުކުރި އިޖުރާތްތައް އޮތީ ގޯސްވެފައި ކަމަށެވެ.

"އަމުރެއް ނެތި މީހުން ގެންދިއުމާއި، އެ މީހުން ތިބީ ގާނޫނީ ހައްޔަރެއްގައިތޯ ނުވަތަ ނޫންތޯ... މިކަހަލަ ގާނޫނީ ބަހުސެއް އެފަހަރު އުފެދިގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ އާ ޖިނާއީ އަދުލުގެ ނިޒާމަކީ ވަރަށް ގިނަ ކަންކަން ފޮލޯކުރަން ޖެހޭ ނިޒާމެއް ކަމަށް ވާތީ، ފުލުހުންނަށް ވެސް އޮންނަނީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. އަދި މުޅި ނިޒާމުގައި ވެސް މައްސަލަތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެކަމަކު ފުލުހުން ހުރިހާ ކަމެއް ކުރަނީ ރަނގަޅަކަށޭއެއް ނޫން މި ދަންނަވަނީ. ފުލުހުންގެ ތެރޭގައި ވެސް މައްސަލަތައް އެބަހުރި. އެކަމަކު ޖިނާއީ ނިޒާމުގެ ތެރޭގައި ވެސް އެހެން ދިމާތަކުގައި ވެސް އެބަހުރި މައްސަލަތައް،" އޭނާ ވިދާޅުވި އެވެ.