Roadha Mihaaru
މުސާރަ ބޮޑުކޮށް ސޯލްޝެއާ އަށް އިތުރު ކޮންޓްރެކްޓެއް

މުސާރަ ބޮޑުކޮށް ޔުނައިޓެޑުން ސޯލްޝެއާ އަށް އިތުރު ކޮންޓްރެކްޓެއް

26 މާޗް 2021

މެންޗެސްޓާ (މާޗް 26) - މި ސީޒަން ނިމުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް މުސާރަ ބޮޑުކޮށްދީ އިތުރު ކޮންޓްރެކްޓެއް ދޭން އެ ކްލަބުން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މެންޗެސްޓާ (މާޗް 26) - މި ސީޒަން ނިމުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް މުސާރަ ބޮޑުކޮށްދީ އިތުރު ކޮންޓްރެކްޓެއް ދޭން އެ ކްލަބުން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ސޯލްޝެެއާ އެ ޓީމާ އެންމެ ފުރަތަމަ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. ޔުނައިޓެޑުން ސޯލްޝެއާ ގެނައީ ހޯސޭ މޮރީނިއޯ ވަކިކުރުމަށް ފަހު އެވެ. ސޯލްޝެއާ އެ ޓީމާ އެކު ކުރި މަސައްކަތް ރަނގަޅުވުމުން 2019 ވަނަ އަހަރުގެ މާޗް މަހު ޔުނައިޓެޑުން ވަނީ އޭނާގެ އެއްބަސްވުން ދާއިމީ ކޮށްފަ އެވެ. ސޯލްޝެއާ އޭރު ވަނީ ޔުނައިޓެޑާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ދާދި ފަހުން ޔުނައިޓެޑް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ކެޓިއިރު، ޔުނައިޓެޑަށް ދެން މި ސީޒަނުގައި ކާމިޔާބުކުރެވޭނެ މުބާރާތެއް ކަމަށް ބެލެވެން އޮތީ ޔޫރޮޕާ ލީގެވެ. ޕްރިމިއާ ލީގުގެ ދެ ވަނައިގައި ޔުނައިޓެޑް އޮތް ނަމަވެސް ލީގުގެ އެއް ވަނައިގައި އޮތް ސިޓީގެ ލީޑު ބޮޑުވުމުން ޔުނައިޓެޑަށް ލީގު ލިބުމުގެ އޮތީ ހަނި ފުރުސަތެކެވެ.

ސޯލްޝެއާ ހަވާލުވި ފަހުން ޔުނައިޓެޑަށް މިހާތަނަށް ތަށްޓެއް ލިބިފައިނުވެ އެވެ. އެކަމަކު އެ ކްލަބްގެ ބޯޑު މެޖޯރިޓީ މެމްބަރުން ދެކޭ ގޮތުގައި ތަށްޓެއް ނުލިބުނު ކަމުގައި ވިޔަސް ސޯލްޝެއާ އެކު އެ ޓީމުގެ މިސްރާބު އޮތީ ރަނގަޅަށެވެ. ޔުނައިޓެޑްގެ ލެޖެންޑް އަދި ސޯލްޝެއާއާ އެކީ ކުރިން ޔުނައިޓެޑަށް ކުޅުނު މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ވަނީ ސޯލްޝެއާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ބެކަމް ބުނީ ސޯލްޝެއާ އަށް ޔުނައިޓެޑްގައި ކާމިޔާބު ހޯދޭނެ ކަމަށެވެ.

ދާދި ފަހުން އިނގިރޭސި މީޑިއާ އަކަށް ޔުނައިޓެޑްގެ މެނޭޖިން ޑިރެކްޓަރު ރިޗާޑް އާނޯލްޑް ދިން އިންޓަވިއުއެއްގައި ވަނީ ސޯލްޝެއާގެ މަސައްކަތް ކްލަބުން ބަލައިގަންނަ ކަމަށް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިމުމުން ޔުނައިޓެޑުން 2023 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ސޯލްޝެއާ އަށް އިތުރު ކޮންޓްރެކްޓެއް ދޭނީ މުސާރަ 10 މިލިއަން ޕައުންޑަށް ބޮޑުކޮށްދީފަ އެވެ. ސޯލްޝެއާ މި ވަގުތު ހުރީ އަހަރަކު ހަތް މިލިއަން ޕައުންޑްގެ މުސާރަ އަކަށެވެ.