Roadha Mihaaru
ޔުނައިޓެޑް އުނދަގޫ ހާލަތުގައި، ސޯލްޝެއާ ޗުއްޓީ އަށް

ޔުނައިޓެޑް އުނދަގޫ ހާލަތުގައި، ސޯލްޝެއާ ޗުއްޓީ އަށް

09 ނޮވެމްބަރ 2021

މެންޗެސްޓާ (ނޮވެމްބަރު 9) - އަމިއްލަ ދަނޑުގައި މެންޗެސްޓާ ޑާބީން ބަލިވި މެޗަށް ފަހު، އިންޓަނޭޝަނަލް ބްރޭކުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެޓީމު ކުޅުންތެރިންނާއި ސްޓާފުންނަށް ހަފްތާގެ ޗުއްޓީއެއް ދީ، އާއިލާއާ އެކު އުފަން ގައުމު ނޯވޭ އަށް ހިންގައްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ނޮވެމްބަރު 9) - އަމިއްލަ ދަނޑުގައި މެންޗެސްޓާ ޑާބީން ބަލިވި މެޗަށް ފަހު، އިންޓަނޭޝަނަލް ބްރޭކުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެޓީމު ކުޅުންތެރިންނާއި ސްޓާފުންނަށް ހަފްތާގެ ޗުއްޓީއެއް ދީ، އާއިލާއާ އެކު އުފަން ގައުމު ނޯވޭ އަށް ހިންގައްޖެ އެވެ.

އިންޓަނޭޝަނަލް ބްރޭކުގައި ޔުނައިޓެޑުގެ ފުރަތަމަ 11 ގައި އާއްމުކޮށް ހިމެނޭ މުހިއްމު 10 ކުޅުންތެރިޔަކު ގައުމީ ސްކޮޑުތަކުގައި ހިމަނާފައިވެ އެވެ. މިހެންވެ ސޯލްޝެއާ ވަނީ ޓީމުގައި ތިބި ބާކީ ކުޅުންތެރިންނަށް ހަފްތާއެއްގެ ޗުއްޓީއެއް ދީ، އޭނާ ވެސް އަންހެނުންނާއި ދެ ދަރިންނާ އެކު ޗުއްޓީ ހޭދަކޮށްލަން ގައުމަށް ފުރައިފަ އެވެ.

ޔުނައިޓެޑު މިސީޒަނުގައި ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އޭނާއަށް ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާ ނަމަވެސް، ޔުނައިޓެޑުގެ ވެރިން، ގްލޭޒާ އާއިލާއިން އަދިވެސް ސޯލްޝެއާ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. މި ސީޒަނުގައި ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމު ހަތަރު މެޗުން ބަލިވެފައި ވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ.

މެންޗެސްޓާ ސިޓީ އަތުން ޔުނައިޓެޑު ބަލިވި މެޗަށް ފަހު ރޮނާލްޑޯ އާއި އިތުރު ކުޅުންތެރިން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ ސިޓީ އަތުން ޔުނައިޓެޑު ބަލިވި މެޗަށް ފަހު ރޮނާލްޑޯ އާއި އިތުރު ކުޅުންތެރިން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ

ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެފައިވާ ސޯލްޝެއާއާ އެކު ޔުނައިޓެޑު މިވީ ތިން އަހަރެއްހާ ދުވަހު އެއްވެސް ތައްޓެއް ހޯދިފައި ނުވާއިރު، ތައްޓެއް ހޯދުމާ އެންމެ ގާތަށް ދިޔައީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގަ އެވެ. އެފަހަރުގެ ފައިނަލުގައި ޔުނައިޓެޑު ކުޅުނު ނަމަވެސް، ސްޕެއިންގެ ވިޔަރެއާލް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

އިންޓަނޭޝަނަލް ބްރޭކުގައި ހަރަކާތްތެރިވާ ޔުނައިޓެޑު ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ގައުމީ ޓީމުގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރޫނޯ ފެނާންޑޭޒް އަދި ޑިއޯގޯ ޑަލޮޓް ހިމެނޭއިރު ކެޕްޓަން ހެރީ މެގުއާ އާއި ފުލްބެކް ލޫކް ޝޯ ވަނީ އިނގިރޭސި ސްކޮޑުގައި ހިމަނައިފަ އެވެ. ނަމަވެސް އެންމެ ފަހުން މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗުގައި ލޫކް ޝޯގެ ބޮލަށް އަނިޔާވެފައި ވާތީވެ، އޭނާއަށް ކުޅެވޭނެކަން އަދި ޔަގީނެއް ނޫނެވެ.

މީގެ އިތުރުން ވެސް، ސްޕެއިންގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ އާއި ސްވިޑެންގެ ކެޕްޓަން ވިކްޓާ ލިންޑެލޯފް އާއި ސްކޮޓްލެންޑުގެ ސްކޮޓް މެކްޓޮމިނޭގެ އިިތުރުން އައިވަރީ ކޯސްޓުގެ އެރިކް ބެއިލީ އާއި ބްރެޒިލްގެ ފްރެޑް ވެސް ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ މެޗުތަކަށް ވަނީ ގައުމީ ސްކޮޑުގައި ހިމަނައިފަ އެވެ.

ފްރާންސް ޓީމުގައި ޔުނައިޓެޑުގެ ޕޮގްބާ ހިމެނި ނަމަވެސް ރޭގެ ފަރިތަކުރުންތަކުގައި އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެގެން އޭނާއަށް ވަނީ ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ.