Roadha Mihaaru
ތާށިވި ބޯޓުގައި ރޯދަ އަށް ގެންނަ ބައިވަރު މުދާ ހިމެނޭ

ތާށިވި ބޯޓުގައި ރޯދަ އަށް ރާއްޖެ ގެންނަ ގިނަ އަދަދެއްގެ މުދާ ހިމެނޭ

25 މާޗް 2021

މިސްރުގެ ސުއޭޒް ކެނަލްގައި ހުރަސްވެ ބީހިފައި އޮތް، ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނަރު އުފުލާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ "އެވަގިވަން"ގައި ރޯދަ އަށް ރާއްޖެ ގެންނަ ގިނަ އަދަދެއްގެ މުދާ ހިމެނޭ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ. އޭގެ ތެރޭގައި ޔޫރަޕާއި ބްރެޒިލް ފަދަ ގައުމުތަކުން ގެންނަ ކާނާގެ ވަރަށް ގިނަ ބާވަތްތައް ހިމެނެ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މިސްރުގެ ސުއޭޒް ކެނަލްގައި ހުރަސްވެ ބީހިފައި އޮތް، ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނަރު އުފުލާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ "އެވަގިވަން"ގައި ރޯދަ އަށް ރާއްޖެ ގެންނަ ގިނަ އަދަދެއްގެ މުދާ ހިމެނޭ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ. އޭގެ ތެރޭގައި ޔޫރަޕާއި ބްރެޒިލް ފަދަ ގައުމުތަކުން ގެންނަ ކާނާގެ ވަރަށް ގިނަ ބާވަތްތައް ހިމެނެ އެވެ.

ރާއްޖޭގައި ކާގޯގެ ހިދުމަތް ދޭ ސެންޗޫރިއަންގެ އިސް ބޭފުޅެއްގެ ކަމަށްވާ ކެޕްޓަން އަހުމަދު މައުމޫން މިއަދު ވިދާޅުވީ އެ ކުންފުނީގެ ވަރަށް ގިނަ ކާގޯ އެ ބޯޓުގައި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ، އެ ބޯޓު ހުރަސްވުމާ އެކު އެ ކެނަލް ހުރަސްކޮށް ދަތުރުކުރާ ބައެއް އެހެން ބޯޓުފަހަރުގައި ރާއްޖެ އަށް ރޯދަ އަށް ގެންނަ ވަރަށް ގިނަ މުދާ އެބަހުރި ކަމަށެވެ.

"އެ ބޯޓުތައް ވެސް މިހުރީ ތާށިވެފައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު އުންމީދު ކުރެވެނީ އަންނަ ހޯމަ ދުވަހު ބޯޓު ފުން ކުރެވިދާނެ ކަމަށް. އެ ކެނަލްގެ ދިޔަވަރު ދޮޅު ފޫޓުވަރު ހިއްލިލާނެ ކަމަށް ވަނީ ބެލެވިފައި. އެހެން ނުވެއްޖިއްޔާ ރޯދަ އަށް މުދާ ލިބުން ވަރަށް ބޮޑަށް ލަސްވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ތާށިވެފައި ހުރި، ނުވަތަ "އެވަގިވަން" ފުން ކުރެވޭނެ ވަގުތަކަށް އިންޒާރުކޮށްގެން ކިޔޫގައި އޮތް ވަރަށް ގިނަ ބޯޓުފަހަރުގައި ވެސް ރާއްޖެ އަށް ބޭނުންވާ ގިނަ އަދަދެއްގެ ކާބޯތަކެތި އެބަހުރި ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އަށް ބޭނުންވާ ކުކުޅާއި މަހުގެ އެހެން ބާވަތްތައް ވެސް ހިމެނެ އެވެ.

"އެވަގިވަން" އަކީ، ދުނިޔޭގެ މަޝްހޫރު ޝިޕިން އެޖެންޓް އެވަގްރީންގެ 200،000 ޓަނުގެ ބޯޓެކެވެ. އަދި އެއީ ދުނިޔޭގެ އެންމެ ބޮޑު ކާޣޯ ބޯޓުފަހަރުގެ ތެރޭގައި ހިމެނޭ ބޯޓެކެވެ. އެ ބޯޓު ފުން ނުކުރެވިއްޖެ ނަމަ، އެހެން ބޯޓުފަހަރު ދެން ޖެހެނީ ވަށާލައިފައި ދަތުރުކުރާށެވެ. އެހެން ވެއްޖެ ނަމަ. ކެޕްޓަން މައުމޫން ވިދާޅުވީ އެއީ 45 ދުވަހުގެ ލަސްވުމެއް ކަމަށެވެ.

"އެހެންވެއްޖިއްޔާ ރޯދަ އަކަށް ދެން މުދަލެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ. "ދެން އޮތް ގޮތަކީ އިންޑިޔާ އިން މުދާ ގެނައުން. އިންޑިޔާގެ ބަނދަރުތައް ވެސް އޮތީ ފުރިފައި. އަނެއްކާ ކޮންޓެއިނަރެއް ނުވެއް ލިބޭ."

ބޯޓު ފުން ކުރެވޭތޯ މިއަދު ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި ކުރިއަށް އޮތް 24-48 ގަޑިއިރު ތެރޭ އެވަ ގިވަން ފުން ނުކުރެވިއްޖެ ނަމަ ބައެއް ބޯޓުތަކުގެ ރޫޓް ބަދަލު ކުރަން ޖެހޭނެ އެވެ.