ކޮވިޑުގެ މި ދުވަސްވަރު މާލެ ސަރަަހައްދުގައި ރޭގަނޑު ޓެކްސީ ކުރެވޭ އަދަދު ލިމިޓު ކޮށްފައިވާ މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލަ ބަލައިނުގަތަސް، އެ މައްސަލައިގައި ޑްރައިވަރުންނަށް ފަސޭހަ ގޮތެއް ހޯދަން މަސައްކަތްޕުޅު ކުރައްވާނެ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
24 މާޗް 2021
ކޮވިޑުގެ މި ދުވަސްވަރު މާލެ ސަރަަހައްދުގައި ރޭގަނޑު ޓެކްސީ ކުރެވޭ އަދަދު ލިމިޓު ކޮށްފައިވާ މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލަ ބަލައިނުގަތަސް، އެ މައްސަލައިގައި ޑްރައިވަރުންނަށް ފަސޭހަ ގޮތެއް ހޯދަން މަސައްކަތްޕުޅު ކުރައްވާނެ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކާއެކު، ހަވީރު 6:00 ގެ ފަހުން ކޮންމެ ސެންޓަރަކުން ހުއްދަ ދީފައި އޮންނަނީ 10 ޑްރައިވަރަކަށެވެ. އެއީ ކޮންމެ ދުވަހެއްގެ ހަވީރު 6 އިން ފެށިގެން ފަތިސް ވަންދެން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފައި ވާތީ އެވެ. އެ ވަގުތުތަކުގައި ދުއްވޭނީ ސަރުކާރުން ހުއްދަ ދޭ ވެހިކަލްތަކަށް ނުވަތަ ހުއްދަ އޮންނަ މީހުންނަށެވެ.
އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން މިއަދުގެ ޖަލްސާ އަށް މައްސަލަ ހުށަހަޅުއްވަން މަސައްކަތް ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އެ މައްސަލައިގެ ލިޔުމުގައި އޭނާ ވިދާޅުވެފައި ވަނީ ސަރުކާރުގެ ނިންމުމާ ގުޅިގެން ވަރަށް ގިނަ ޓެކްސީ ޑްރައިވަރުން ނިކަމެތިވަމުންދާ ކަމަށެވެ. ޚާއްސަކޮށް ކެފޭ/ރެސްޓޯރަންޓުގައި ތިބެގެން ޚިދުމަތް ހޯދޭ ގަޑި އިތުރު ކޮށްފައިވާއިރު، ޓެކްސީ ޑްރައިވަރުންނަށް އެ ފުރުސަތު ނެތުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް ހުސައިން މުހައްމަދު ލަތީފު ވިދާޅުވި އެވެ.
ޓެކްސީ ޚިދުމަތްދެވޭ ގަޑި އިތުރުކުރަން ގޮވައިލާ ހުށަހެޅި މައްސަލަ ތަޅުމަށްވެސް ރައީސް ނަޝީދު ނުގެންނެވި pic.twitter.com/rQOXMSLFW1
— Hussain Mohamed Latheef (@HucenSembe) March 24, 2021
ހުސައިން މުހައްމަދު ލަތީފް، މިއަދުގެ ޖަލްސާ އަށް ހުށަހުއްވަން އުޅުއްވި ކުއްލި މައްސަލަ.
ޑްރައިވަރުންނަށް ކުރިމަތިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާގެ ކުރިމަތީގައި ޓެެކްސީ ޑްރައިވަރުންގެ ފަރާތުން ބައެއް އިސް މީހުން މީޑިއާއާ މިއަދު ވާހަކަ ދައްކަނިކޮށް، ކުއްލި ގޮތަކަށް ނަޝީދު ނުކުމެވަޑައިގެން އެ ކަންބޮޑުވުންތައް މަޖިލީހުގެ އިދާރާގެ ކައުންޓަރުގައި ރަޖިސްޓަރީ ކޮށްދިނުމަށް އެދިވަޑައިގަތެވެ.
ނަޝީދު ވިދާޅުވިގޮތުގައި، މައްސަލަ ރަޖިސްޓަރީ ވީހާ އަވަހަކަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ހަމަ ސިޓީ ލިބި، [،މަޖިލީހުގެ] ކޮމިޓީން ފެށޭ އިރަށް، މައިމޫނާ އަށް ދަންނަވާނަން އަޅުގަނޑުމެންނަށް މި މައްސަލަ ލިބިފައިވާ ކަމާއި މައްސަލަ ބަލަން ފަށާފައިވާ ވާހަކަ. އެކަމަށް ވެސް އެ ބޭފުޅާ ވިސްނަވައި ދެއްވަން އެދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މާލޭގައި ހިންގާ ޓެކްސީ ސެންޓަރު "އަވަސް ރައިޑު"ގެ މެނޭޖިން ޑައިރެކްޓަރު ހަސަން ރަމީޒު ވިދާޅުވީ، ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާއެކު، ޑްރައިވަރުންނަށް އާމްދަނީ ލިބޭނެ ގޮތް ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށާއި އެ މީހުން ތިބީ "މަގުމަތިވެފައި" ކަމަށެވެ. މި ދޭތެރެއިން ކެފޭ/ރެސްޓޯރަންޓްގެ ވެރިންނަށް ލުއިދިން ފަދައިން، ޓެކްސީ ޑްރައިވަރުންނަށް ވެސް ލުއިދޭން އޭނާ އެދިވަޑައިގަތެވެ. އެކި ސެންޓަރުތަކުގައި 2،500 އެއްހާ ޑްރައިވަރުން މަސައްކަތްކުރާ ކަން ފާހަގަކުރައްވަމުން، ވީހާ ވެސް އަވަހަށް ހައްލެއް ހޯދަން ޓެކްސީ ޑްރައިވަރުން އެދުނެވެ.
އަވަސް ރައިޑުގެ މެނޭޖިން ޑައިރެކްޓަރު ހަސަން ރަމީޒު މީޑިއާއާ ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތައް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ރޭގަނޑު 8 ޖަހާއިރު ބަންދު ކުރަމުން އައި ނަމަވެސް އެ ތަންތަނުގެ ވެރިންގެ ޑިމާންޑާއި އިހުތިޖާޖު ކުރާނެ ކަމުގެ އިންޒާރާއެކު، އެޗްޕީއޭ އިން ވަނީ ކެފޭތަކުގައި ތިބެގެން ޚިދުމަތް ހޯދޭ ގަޑި ރޭގަނޑު 10:30 އާ ހަމައަށް ދަންމައިފަ އެވެ.
މާލެ ސަރަހައްދުގައި މިވަގުތު 16 ޓެކްސީ ސެންޓަރެއް ހިންގާއިރު، ގިނަ ތަންތަނުގައި 300-400 ޑްރައިވަރުން މަސައްކަތްކުރެ އެވެ. އެއް ޓެކްސީއެއް ދެ ޑްރައިވަރުން އާންމުކޮށް ބޭނުންކުރާ ކަމަށް ވެސް ރަމީޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ [ރޭގަނޑު] ދުއްވޭ އަދަދު ވެސް އިތުރުކުރަން. ވަގުތު ވެސް އިތުރުކުރަން،" އޭނާ ވިދާޅުވި އެވެ.
ރަމީޒު ވިދާޅުވިގޮތުގައި، ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވާ ތަކުލީފުތައް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ އަށް ވެސް މީގެ ކުރިން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެ ތަންތަނުން ވެސް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިތާމަ އަކީ އަޅުގަނޑުމެންގެ ބަލަދުވެރި ފަރާތަކީ ޓްރާންސްޕޯޓް މިނިސްޓްރީ. ޓްރާންސްޕޯޓް އޮތޯރިޓީ އޮތީ ނިދާފައި. އަޅުގަނޑުމެން އެ ފަރާތްތަކަށް ދަންނަވައިގެން އެއްވެސް ކަހަލަ ކުރިއެރުމެއް، ޖަވާބެއް ނުލިބޭ،" ރަމީޒު ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އަންނަނީ އިތުރުވަމުންނެވެ. އިއްޔެ، 128 މީހުން ޕޮޒިޓިވްވުމުން، ބައްޔަށް މިހާތަނަށް ޕޮޒިޓިވްވިި ޖުމްލަ އަދަދު 22،790 އަށް އެރީ އެވެ. މިހާރު 2،491 މީހުން މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިރު، ބަލި ޖެހިގެން މިހާތަނަށް 66 މީހަކު މަރުވެފައި ވެ އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ހުއްޓުވައިދޭން އެދިއްޖެ
ނަޝީދުގެ ޓެކްސީ ސިޔާސަތާ ރައީސް ދެކޮޅު
އަގު ބޮޑުކޮށް ޓެކްސީ ދަތުރުކުރި 15 މައްސަލަ ޕޮލިހަށް
ވަސީލަތް ހުންނާނެ، ވިޔަފާރިއަށް ފަހިވާން ޖެހޭ: ނަޝީދު
އިދިކޮޅުގެ ބޮޑު ބެނާއެއް ރައީސްގެ ކުރިފުޅުމައްޗަށް
ނަޝީދު މާލެ ވަޑައިގެން ކަރަންޓީނުގައި
އެކަނި ތިއްބަވާ މެންބަރުން މާސްކް ނަގަން ހުއްދަދީފި
މުވައްޒަފަކު ޕޮޒިޓިވް ވިޔަސް މަޖިލިސް ކުރިއަށް ގެންދާނެ
ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން އެހީވާނެ: ނަހުލާ
މާސްކު އަޅައިގެން ވާހަކަދެއްކުން ބޮޑު މައްސަލައަކަށް