Roadha Mihaaru
އޮކްސިޖަން ހިޔާނާތް: ކޮމިޓީގެ ނިންމުން ތަޅުމަށް

މޯލްޑިވް ގޭހުގެ ހިޔާނާތް: އޭސީސީން މައްސަލަ އަވަހަށް ނިންމައިދޭން އެސްއޯއީ ކޮމިޓީން އެދެނީ

23 މާޗް 2021

މޯލްޑިވްސް ގޭސް އިން އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް ބެލެވޭތީ މި މައްސަލަ ވީ އެންމެ އަވަހަށް ނިންމައިދިނުމަށް އެސްއޯއީ ކޮމިޓީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދެން ނިންމައި، ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް ގޭސް އިން އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް ބެލެވޭތީ މި މައްސަލަ ވީ އެންމެ އަވަހަށް ނިންމައިދިނުމަށް އެސްއޯއީ ކޮމިޓީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދެން ނިންމައި، ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

މިއަދު މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނީ މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ނިންމުނު ކަންކަން މިއަދު ފާހަގަކުރި އެވެ. އެގޮތުން އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފަައިވާ ކަމަށާއި އެ ކުންފުންޏަށް ގެންލުނު ފައިސާ، އޮންނަ އުސޫލުގެ ތެރެއިން ވީ އެންމެ އަވަހަށް ހޯދަން މަސައްކަތްކުރަން މޯލްޑިވް ގޭހުގެ ބޯޑުގައި އެދިފައިވެ އެވެ.

މޯލްޑިވް ގޭހުން 47 ލީޓަރުގެ އޮކްސިޖަން ސިލިންޑަރުތައް ހޯދަން ކޯޓޭޝަން ފޮނުވީ ބޭރުގެ ހަ ކުންފުންޏަކަށެވެ. އޭގެތެރެއިން ކުރިމަތިލި އެއް ކުންފުންޏަށް 1،000 ސިލިންޑަރު ގަންނަން ހަވާލުކޮށް ބާކީ 3،000 ސިލިންޑަރު ގެނައުމަށް އެއްބަސްވީ ސިންގަޕޫރުގެ ޕްރޯބިޒް ކިޔާ ކުންފުންޏަކާ އެކުގަ އެވެ. އެގޮތަށް ގެނައި ސިލިންޑަރުތަކަކީ އާ އެއްޗެހިކަން ވެސް ޔަގީން ނުކުރެވޭ ކަމަށް އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.

މި މައްސަލަ އޭސީސީން މިހާރު ވެސް އަންނަނީ ބަލަމުންނެވެ.

މޯލްޑިވް ގޭހުގެ އެކްޓިން އެމްޑީގެ މަގާމު ކުރިން އަދާކުރި އިކްރާމް އަލީ އާއި މި ކަމުގައި ޝާމިލުވާ އެހެން މުވައްޒަފުންނާ މެދު އަވަހަށް ފިޔަވަޅު އެޅުމަށް އެސްއޯއީ ކޮމިޓީން ލަފާދީފައިވެ އެވެ.

އޮކްސިޖަން ސިލިންޑަރު ގެނައުމުގެ ޚިޔާނާތް 16 މިލިއަނަށް އަރަ އެވެ. މި މައްސަލަ ފެންމަތިވުމާ އެކު އެކަމުގައި އެންމެ ބޮޑު ތުހުމަތުތަކެއް ކުރެވޭ އިކްރާމް ވަނީ އެކްޓިން އެމްޑީގެ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. އޮކްސިޖަން ސިލިންޑަރު ގަތުމަށް މޯލްޑިވް ގޭހުން ހަވާލުކުރި ކުންފުނީގެ ހިއްސާދާރަކު ހަރަދުކޮށްގެން އިކްރާމް ސިންގަޕޫރަށް ދަތުރެއް ކުރައްވާފައި ވާކަން ލިޔެކިޔުމުން ފެންނަން އޮތް ކަމަށް އެސްއޯއީ ކޮމިޓީން ފާހަގަކުރެ އެވެ.