Roadha Mihaaru
ދެ މައްސަލަ ވެސް ސާބިތުނުވެ ޝަޒައިލް ސަލާމަތްވެއްޖެ

ޝަޒައިލްގެ މަނީލޯންޑަރިންގެ ތުހުމަތުގައި ވެސް ހެއްކެއް ނެތް، މައްސަލަ ފައިލްކޮށްފި

07 އެޕްރީލް 2021

ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޑުކޮށްފައި ހުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައިގައި ވެސް ހެކި ނެތުމުން ފުލުހުން އެ މައްސަލަ ފައިލްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޑުކޮށްފައި ހުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައިގައި ވެސް ހެކި ނެތުމުން ފުލުހުން އެ މައްސަލަ ފައިލްކޮށްފި އެވެ.

ޝަޒައިލްއާ ދެކޮޅަށް އޭސީސީ އަށް ކުރިން ހުށަހެޅި ރިޝްވަތުގެ މައްސަލަ ސާބިތުނުވާ ކަމަށް މީގެ ކުރިން އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެހެންވެ، އޭނާއާ ދެކޮޅަށް ފެންމަތިވި ދެ މައްސަލަ ވެސް އޭސީސީންނާއި ފުލުހުންނަށް ސާބިތު ނުކުރެވި ވަނީ ޝަޒައިލް ސަލާމަތް ވެފަ އެވެ. އޭނާ ގެންދެވީ މި ދެ މައްސަލައިގައި ވެސް ކުރާ ތުހުމަތުތައް ފެށުނީއްސުރެ ދޮގުކުރައްވަމުންނެވެ.

މޯލްޑިވް ގޭސް އަށް ގެންނަ ގޭސް ސިލިންޑަރުތަކުން ޝަޒައިލް ރިޝްވަތު ނަގާ ކަމަށް ބުނެ އޭސީސީން އެ މައްސަލަ ބަލަނިކޮށް، މަނީ ލޯންޑަރިންގެ މައްސަލައެއް ފާހަގަ ކުރެވިގެން އެކަން ބަލައި ދިނުމަށް ފުލުހުންނަށް ހުށަހެޅީ އެ ކޮމިޝަނުންނެވެ.

ނަމަވެސް މިދިޔަ މާޗް 10 ގައި ފުލުހުން ޝަޒައިލް އަށް ފޮނުވި ލިޔުމުގައި ބުނީ، މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ އަމަލެއް އޭނާގެ ފަރާތުން މިހާތަނަށް ފެނިފައި ނުވާތީ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގައި އޭސީސީން ފުލުހުންނަށް ހުށަހެޅި މައްސަލަ ބަލައި ނިންމާފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ.

ޝަޒައިލް އަށް ތުހުމަތު ކުރެވޭ މައްސަލައިގައި މުސާރަ ނުހިނގާ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ ސަސްޕެންޑް ކުރީ އޮކްޓޫބަރު 2019 ގަ އެވެ.

ޝަޒައިލްއާ ދެކޮޅަށް އޭސީސީ އަށް މައްސަލަ ހުށަހެޅީ ރައީސް އޮފީހުން ހުޅުވާލި "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބުނު ޝަކުވާތަކަކާ ގުޅިގެން އެ އޮފީހުންނެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ކައުންސިލް މެމްބަރު ޝަޒައިލް، މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް އައްޔަނުކުރީ، 6 ޖެނުއަރީ 2019 ގަ އެވެ.

ޝަޒައިލަށް ތުހުމަތުކުރާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީން ވެސް ބެލި އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ އެސްްއޯއީ ކޮމިޓީން އަންނަނީ މޯލްޑިވް ގޭހުން އަގުބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަތް މައްސަލައެއް ވެސް ބަލަމުންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ޝަޒައިލް ސަސްޕެންޑް ކުރުމުން އެ ތަން ހިންގުމާ ހަވާލުވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމަށެވެ.

ނަމަވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެން އޭނާ ވަނީ އެ ކުންފުނިން ވަކިވެވަޑައިގެންފަ އެވެ.