Roadha Mihaaru
ޝަފާ: ޚަރަދުތައް ރާވާލަން މަގުދައްކައިދޭ ކޯޗު

ޝަފާ: ޚަރަދުތައް ރާވާލަން މަގުދައްކައިދޭ ކޯޗު

20 މާޗް 2021

ކޮވިޑް-19ގެ ލޮކްޑައުންއާ އެކު މީހުންގެ އަތްމަތިދަތިވެގެން ދިޔަ ހާލަތު އިތުރަށް ގޯސްކޮށްލި ކަމެއް އައިޝަތު ޝަފާއު ޔަހުޔާ އަށް ފެނުނެވެ; އާމްދަނީ އާއި ޚަރަދުތަކާ މެދު "ރަނގަޅު ވަގުތުގައި ރަނގަޅު ގޮތްތައް" ބައެއް މީހުންނަށް ނިންމިފައި ނެތުމެވެ. ހިތްއެދޭ ކަންކަމާއި ޒަރޫރީ ބޭނުންތަކުގެ ފަރަގާއި ޚަރަދުކުރުމުގައި އިސްކަންދޭންވީ ތަރުތީބު ދެނެގަންނަން ނޭނގުމަކީ ގިނަ ބައެއްގެ ދިރިއުޅުން އިތުރަށް އަޑިއަޅާލި ސަބަބެއްކަން ޝަފާ އަށް ފާހަގަވި އެވެ. އެއާ އެކު އޭނާ ނިންމީ ދިވެހިންނަށް ފައިނޭންސް ކޯޗިންގެ ޚިދުމަތް ތައާރަފްކޮށް މަގުދައްކައިދޭށެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ކޮވިޑް-19ގެ ލޮކްޑައުންއާ އެކު މީހުންގެ އަތްމަތިދަތިވެގެން ދިޔަ ހާލަތު އިތުރަށް ގޯސްކޮށްލި ކަމެއް އައިޝަތު ޝަފާއު ޔަހުޔާ އަށް ފެނުނެވެ; އާމްދަނީ އާއި ޚަރަދުތަކާ މެދު "ރަނގަޅު ވަގުތުގައި ރަނގަޅު ގޮތްތައް" ބައެއް މީހުންނަށް ނިންމިފައި ނެތުމެވެ. ހިތްއެދޭ ކަންކަމާއި ޒަރޫރީ ބޭނުންތަކުގެ ފަރަގާއި ޚަރަދުކުރުމުގައި އިސްކަންދޭންވީ ތަރުތީބު ދެނެގަންނަން ނޭނގުމަކީ ގިނަ ބައެއްގެ ދިރިއުޅުން އިތުރަށް އަޑިއަޅާލި ސަބަބެއްކަން ޝަފާ އަށް ފާހަގަވި އެވެ. އެއާ އެކު އޭނާ ނިންމީ ދިވެހިންނަށް ފައިނޭންސް ކޯޗިންގެ ޚިދުމަތް ތައާރަފްކޮށް މަގުދައްކައިދޭށެވެ.

މެނޭޖްމެންޓް އެކައުންޓެންޓެއްގެ ގޮތުގައި މާލީ އަދި އެކައުންޓިންގެ ތަޖުރިބާ ހުރި ޝަފާ މިދިޔަ މަހު ވަނީ މީހުންގެ އަމިއްލަ ފައިސާ މެނޭޖުކުރުމުގައި އޭނާގެ ލަފާ ހޯދުމުގެ ފުރުސަތު ސޯޝަލް މީޑިއާގައި ހުޅުވާލައިފަ އެވެ. އިންސްޓަގްރާމްގައި ފަށައި އަދި އިންޓަނެޓުން ބޭރަށް ފުޅާކުރަން ޝަފާ ގަސްދުކުރާ މި ޚިދުމަތް ތައާރަފްކުރީ, އޭނާ ބުނިގޮތުގައި, އަބަދުވެސް މީހުންނަށް އެހީތެރިވާން ލޯބިކުރާތީ އެވެ.

"އެ މީހެއްގެ އާމްދަނީން އޭނާ އެ ވަގުތަކު ހާސިލްކުރުން އެންމެ މުހިއްމު ކަމަކީ ކޮބައިތޯ ބަލައިގެން ފައިސާ މެނޭޖުކުރުން މި އޮންނަނީ."

ޝަފާ ބުނިގޮތުގައި ރަނގަޅަށް ފައިސާ މެނޭޖުކުރާނެ ގޮތް އެނގުމަކީ ދިރިއުޅުމަށް ކޮންމެހެން ބޭނުންތެރި ހުނަރެކެވެ. "މާލީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް" ހޯދުމަށްޓަކައި އެ ކަމުގެ މައުލޫމާތު މުހިއްމުކަން އޭނާ ފާހަގަކުރެ އެވެ. ޝަފާ ބުނީ އޭގެ ސަބަބުން, އާމްދަނީ ހޯދަން ކުރާ މަސައްކަތާއި ތަނަވަސްކަން ރަނގަޅުވެ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރުކުރާނެ ކަމަށެވެ. ލިބޭ އެއްޗަކުން އެ މީހަކު ބޭނުންވާ އަމާޒު ހާސިލްކުރަން ކަންކަން ރާވާލާނެ ގޮތް ކިޔައިދޭން ޝަފާ ތައްޔާރެވެ.

މުދަލާއި ކާބޯތަކެއްޗާއި ޚިދުމަތްތައް އިޝްތިހާރުކުރާ ޕޭޖުތަކުގެ ތެރެއިން ތަފާތު އެއް ކަމަކަށް މިހާރު ފެންނަނީ ޝަފާގެ ހޭލުންތެރިކުރުމުގެ މަސައްކަތެވެ. "ޝަފާ.ފައިނޭންސްކޯޗު" އިންސްޓަގްރާމް ޕޭޖުގައި އެކި މައުލޫއުތަކަށް މައުލޫމާތު ގެނެސްދެނީ ގިނަ މީހުންނަށް ނަގައިގަނެވޭނެ ގޮތަށް އާދައިގެ ބަހުރުވައިންނެވެ. އަދި އެހީތެރިކަން ބޭނުންވާ މީހުން އޭނާއާ ސުވާލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު ޝަފާ ވަނީ ހުޅުވާލައިފަ އެވެ.

"ފައިސާއަކީ ވަރަށް ޕާސަނަލް ކަމެއް. ހުރިހާ ކަމެއް ވެސް ބިނާވަނީ އެ މީހަކު އިސްކަންދިނުން މުހިއްމުވަނީ ކޮން ކަމަކަށްތޯ. ކޮންމެ މީހެއްގެ ހާލަތު ވެސް ތަފާތު. ލިބޭ އާމްދަނީ ވެސް ތަފާތު. އެހެންވީމާ އެ މީހެއްގެ އާމްދަނީން އޭނާ އެ ވަގުތަކު ހާސިލްކުރުން އެންމެ މުހިއްމު ކަމަކީ ކޮބައިތޯ ބަލައިގެން ފައިސާ މެނޭޖުކުރުން މި އޮންނަނީ," ކޭޕީއެމްޖީގެ އޮޑިޓަރަކަށް ތިން އަހަރު އުޅުމަށް ފަހު އާއިލީ ކުންފުނި ޑީއެމްކޭ އެންޓަޕްރައިޒަސްގެ ފައިނޭންސް ޑިރެކްޓަރުގެ ޒިންމާ އުފުލަމުން އަންނަ ޝަފާ ބުންޏެވެ.

މާލީ އެޑްވައިޒަރުންނާއި ކޮންސަލްޓެންޓުންނާ ޚިލާފަށް ކޯޗުންގެ ދައުރަކީ, ޝަފާ ބުނިގޮތުގައި, މީހުންގެ އަމިއްލަ ބޭނުންތަކަށް ޚިދުމަތް ދިނުމެވެ. މައުލޫމާތު ދީ, ފައިސާ މެނޭޖުކުރުމުގެ ހުނަރުތައް ދަސްކޮށްދީ ރަނގަޅު ނިންމުންތައް ނިންމަން މިހާ ތައްޔާރުކޮށްދިނުމެވެ.

"މީގައި މި އޮންނަނީ ކުޅިވަރުގައި ވެސް ކޯޗުން އަދާކުރާ ދައުރު. މިސާލަކަށް ފުޓުބޯޅަ ކޯޗު ވެސް, ދަނޑަށް އަރައި މެޗު ކުޅެއެއް ނުދޭނެ. ކުޅުންތެރިންނަށް ކަންތައްތައް ދަސްކޮށްދީ މަގުދައްކައިދޭނީ," ޝަފާ ބުންޏެވެ.

ކޮންމެ ދުވަހެއްގެ އެންމެ އަސާސީ ކަންކަމުގައި ވެސް މާލީ ހުނަރުތައް މުހިއްމު ކަމަށް އޭނާ ދެކެ އެވެ. ޝަފާ ބުނީ އެއްޗެއް ގަންނަން ނިންމާ ނިންމުމަކުން ދިގު މުއްދަތުގެ އަސަރެއް ދިރިއުޅުމަށް ކޮށްފާނެކަން ދަނެ އެއީ ރަނގަޅު ނިންމުމަކަށް ހެދުން މުހިއްމު ކަމަށެވެ.

އެންމެ މުހިއްމު ކަންތައް: ބަޖެޓްކުރުން

ޝަފާގެ އެންމެ އިސް އެއް ލަފަޔަކީ ބަޖެޓުކުރުމެވެ. ކޮންމެ ކަމަކަށް ޚަރަދުކުރާނެ ވަކި ވަރެއް ކަނޑައަޅައި އާމްދަނީ އާއި ޚަރަދުތައް ބެލެންސްކުރަން ދުރާލާ ރޭވުމެވެ. އެއީ ބޭކާރު ޚަރަދުތަކުން ސަލާމަތްވުމަށެވެ.

މާލޭގައި ދިރިއުޅުމުގެ ޚަރަދު ބޮޑުކަމުން ގިނަ ބަޔަކަށް ދެކޮޅުނުޖެއްސޭ އިރު ފަހަށް ފައިސާ ރައްކާކުރުމަކީ އަމުދުން ނުކުރެވޭ ކަމެއްކަން ޝަފާ ފާހަގަކުރި އެވެ. އެކަމަކު އޭނާ ދެކޭގޮތުގައި ދިރިއުޅުމަށްޓަކައި ކޮންމެހެން ބޭނުންވަނީ ކޮން ކަންތައްތަކެއް ކަމާއި ކުރާ ހިތްވިޔަސް ޒަރޫރީ ނޫން ބޭނުންތަކަކީ ކޮބައިކަން ވަކިކޮށް, ބައެއް ޚަރަދުތައް ކުޑަކޮށްގެން ސޭވްކުރަން ވެސް ބައެއް މީހުންނަށް މަސައްކަތްކުރެވިދާނެ އެވެ.

"ބައެއް ފަހަރު ފެނޭ ކޮންމެހެން ނުކޮށް ފަރުޖައްސާލެވިދާނެ ބައިވަރު ޚަރަދުތައް ވެސް ކުރާ ތަން. މިސާލަކަށް ބޭރުން ކެއުން. އެއީ ވަރަށް އަވަހަށް ޖީބު ހުސްކޮށްލާ ކަމެއް. އެހެންވީމާ ބޭރުން ކެއުން މަދުކޮށް ގޭގައި އަމިއްލަ އަށް ކެއްކުން ނުވަތަ އެހެން ގޮތެއް ހޯދައިފިއްޔާ ވަރަށް ބޮޑު އެއްޗެއް ސަލާމަތްކުރެވޭނެ," ޝަފާ ބުންޏެވެ.

އެދުނު ކޮންމެ މީހަކަށް ޝަފާ ޚިދުމަތް ދޭނެ އެވެ. އެކަމަކު އަންހެނުންނަށް އެހީތެރިވުމުގެ ޝައުގުވެރިކަން އޭނާގެ ބޮޑެވެ. ޝަފާ ބުނިގޮތުގައި އަންހެނުންނަށް މާލީ މައުލޫމާތާއި ހުނަރު ލިބިފައި ހުންނަ މިންވަރު މަދުވުމަކީ މަސައްކަތު މައިދާނުގައި ކުރިއެރުމަށް އޮތް ހުރަހެއްކަން ދިރާސާތަކުން އެނގޭ އިރު އާއިލީ ދިރިއުޅުމަށް ވެސް އެ ހުނަރުތައް ބޭނުންތެރި އެވެ.

"މުޖުތަމައުގެ މައިބަދައަކީ އަންހެނުން. އެހެންވީމާ އަންހެނުން ވަޒީފާ އަދާކުރިޔަސް، ގޭތެރެ ބެލެހެއްޓިޔަސް, އާއިލާ ގޮވައިގެން އުޅުނަސް, ފައިނޭންޝަލް ލިޓްރެސީ ވަރަށް މުހިއްމު," ޝަފާ ބުންޏެވެ.

ކިޔެވުމާއި މަސައްކަތުގެ ތެރެއިން ފައިނޭންސް ކޯޗިންގެ ތަޖުރިބާ ވެސް ޝަފާގެ އެބަ ހުއްޓެވެ. އެކަމަކު ޝަފާ ބުނިގޮތުގައި, މި ޚިދުމަތާ އެކު ކުރިއަށްދާނީ އޭނާ އަމިއްލަ އަށް ވެސް ކަންކަން ދަސްކުރަމުންނެވެ. މީހުންގެ ބޭނުންތަކާއި ޚިޔާލުތަކާ އެއްގޮތަށް ޚިދުމަތް ބައްޓަންކޮށް ފައްކާކުރުމަކީ ޝަފާގެ އުއްމީދެވެ.

"އަމިއްލަ ހުނަރުތަކުން އެހެން މީހުންނަށް އެހީތެރިވެދެވޭނެ ގޮތެއް ހޯދަން ބޭނުންވީ. މި މަސައްކަތުން މީހެއްގެ ދިރިއުޅުމަށް ރަނގަޅު އަސަރެއް ކޮށްދެވިއްޖެއްޔާ އުފާވާނެ," ޝަފާ ބުންޏެވެ.