Roadha Mihaaru
ގައުމުގެ ވެރިޔަކަށް އިނގިރޭސިން ބޭނުމީ ވިލިއަމް

ގައުމުގެ ވެރިޔަކަށް އިނގިރޭސީން ބޭނުމީ ޕްރިންސް ވިލިއަމް

19 މާޗް 2021

ހެޑް އޮފް ސްޓޭޓް ނުވަތަ ގައުމުގެ ވެރިއަކަށް އިނގިރޭސީން އެންމެ ބޭނުމީ ޕްރިންސް ވިލިއަމް ކަމަށް ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހެޑް އޮފް ސްޓޭޓް ނުވަތަ ގައުމުގެ ވެރިއަކަށް އިނގިރޭސީން އެންމެ ބޭނުމީ ޕްރިންސް ވިލިއަމް ކަމަށް ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފި އެވެ.

ދަ ޓައިމްސްގެ ރެޑް ބޮކްސް ލެޓާ އަށް ޔޫގަވް އިން ކުރިއަށް ގެންދިޔަ ސާވޭގައި ސުވާލުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ހެޑް ސްޓޭޓަކަށް މީހަކު ހޮވާ ނަމަ އިހުތިޔާކުރާނީ ކާކުތޯ އެވެ؟ އެގޮތުން ސާވޭގައި ބައިވެރިވި 1،680 މީހުންގެ ތެރެއިން 12 ޕަސެންޓް މީހުން ބުނެފައި ވަނީ އެ މީހުންގެ ހޮވުމަކަށް ވާނީ ޕްރިންސް ވިލިއަމް ކަމަށެވެ. އޭނާ އަކީ ރާނި އެލިޒަބަތުގެ ފަހުން އިނގިރޭސި ތަހުތާ ދެވަނަ އަށް އެންމެ ގާތުގައި ހުންނެވި ބޭފުޅާ ވެސް މެ އެވެ. ތަހުތާ އެންމެ ގާތުގައި ހުންނެވީ ވިލިއަމްގެ ބައްޕާފުޅު ޕްރިންސް ޗާލްސް އެވެ.

ސާވޭގެ ނަތީޖާ އަށް ބަލާ އިރު ވިލިއަމްގެ ފަހަތުން ދެން އެންމެ ގިނަ ބައެއްގެ ހޮވުމަށްވީ ތިމާވެއްޓަށް މަސައްކަތްކުރައްވާ ޑޭވިޑް އެޓެންބަރާ އެވެ. ހެޑް އޮފް ސްޓޭޓަކަށް އޭނާ ގެންނަން ފެންނަ ކަމަށް ވޯޓް ދިން މީހުންގެ ނިސްބަތަކީ ނުވަ ޕަސެންޓެވެ. ހަތް ޕަސަންޓާ އެކު ތިން ވަނަ ލިބިވަޑައިގަތީ ރާނީއަށެވެ.

ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ހަތަރު ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި ހެޑް އޮފް ސްޓޭޓަށް މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ކަމުދެ އެވެ. އަދި ހަމަ އެ ނިސްބަތަށް އަމިއްލަ ނަފުސަށް ވޯޓް ދީފައިވެ އެވެ.

ޕްރިންސް ޗާލްސް ތިން ޕަސެންޓާ އެކު ހަތް ވަނައިގައި ލައްވާލި އިރު އޭނާއާ އެއްވަރުގެ ޕަސެންޓެއް އެކްޓަރު ސްޓެފެން ފްރައި އަށް ލިބުނެވެ.

ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން ހެޑް އޮފް ސްޓޭޓަކަށް ޕްރިން ހެރީ ކަމުދާ ކަމަށް ބުނެފައި ވަނީ ދެ ޕަސެންޓް މީހުންނެވެ. އަދި ރާނީ ދަރިކަނބަލުން ޕްރިންސެސް އޭން އާއި ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ކަމުދާ ކަމަށް ބުނެފައި ވަނި އެއް ޕަސަންޓް މީހުންނެވެ.

ހެރީއާ އެއްވަރަށް ވޯޓް ލިބުނު މީހުންގެ ތެރޭގައި ޔޫކޭ އިންޑެޕެންޑެންސް ޕާޓީ (ޔޫކޭއައިޕީ) ގެ ކުރީގެ ލީޑަރު ނިޖެލް ފަރާޖާއި ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބީން ހިމެނެ އެވެ.

މީގެ އިތުރުން އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ އާއި ނެޗްރަލިސްޓް ކްރިސް ޕެކަމް އާއި ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން އާއި ބަތަލާ ޖޮއާނާ ލަމްލީ އާއި ސްކޮޓްލެންޑްގެ ފަސްޓް މިނިސްޓަރު ނިކޮލާ ސްޓާޖަން އަދި ހެރީ އާއި މޭގަން މާކަލްގެ އޯޕްރާ ވިންފްރީގެ އިންޓަވިއުގެ ފަހުން ހޫނު ފެނަށް ވެއްޓުނު ޕިއާޒް މޯގަން ހިމެނެ އެވެެ. މި މީސްމީހުން ހެޑް ސްޓޭޓަކަށް ކަމުދާ ކަމަށް ވޯޓްދިން މީހުންގެ ނިސްބަތް އުޅެނީ އެއް ޕަސެންޓްގަ އެވެ.