Roadha Mihaaru
ވީދިފައި ހުންނަ ޖީންސް ލާތީ ފާޑުކިޔުމުން ބޮޑު ބަހުސެއް

ވީދިފައި ހުންނަ ޖީންސް ލާތީ އިންޑިއާގެ ސިޔާސީ މީހަކު ފާޑުކިޔައިފި

19 މާޗް 2021

ފެޝަނަކަށް ހަދައިގެން، ވީދިފައި ހުންނަ ޖީންސް ލައިގެން އިންޑިއާ މީހުން އުޅޭތީ އުތުރާކަންދުގެ އާ ޗީފް މިނިސްޓަރު ތިރާތު ސިންގް ރަވަތު ފާޑުވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފެޝަނަކަށް ހަދައިގެން، ވީދިފައި ހުންނަ ޖީންސް ލައިގެން އިންޑިއާ މީހުން އުޅޭތީ އުތުރާކަންދުގެ އާ ޗީފް މިނިސްޓަރު ތިރާތު ސިންގް ރަވަތު ފާޑުވިދާޅުވެއްޖެ އެވެ.

އޭނާ މިކަމަށް ފާޑު ވިދާޅުވެފައި ވަނީ އިންޑިއާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާގެ އަންހެނަކާއި އޭނާގެ ދަރިންނާ ފްލައިޓެއްގެ ތެރެއިން ދިމާވި އިރު ތަންތަންކޮޅުން ވީދިފައި އޮތް ޖީންސެއް އަންހެން މީހާ ލައިގެން އިނުމާ ގުޅިގެންނެވެ.

ޗީފް މިނިސްޓަރާއި އަންހެން މީހާ އަކީ ވެސް އުތުރާކަންދު ސްޓޭޓް ކޮމިޝަން ފޯ ޕްރޮކްޓެކްޝަން އޮފް ޗައިލް ރައިޓްސް އިން އިންތިޒާމުކޮށްގެން ދެހެރާދުންގައި ބޭއްވި ވޯކްޝޮޕެއްގައި ބައިވެރިވި ދެ މީހުންނެވެ. ވޯކްޝޮޕް ފެށުމުގެ ހަފުލާގައި ރާވަތު ވަނީ ޖީންސާ ގުޅުވައިގެން ވަރަށް ގިނަ ވާހަކަތައް ދައްކަވައިފަ އެވެ.

އޭނާ ވިދާޅުވީ ހައްގުތަކަށް ވަކާލާތުކުރާ މީހުން އެހެން މީހުންނާ ބައްދަލުކުރަންދާ އިރު "ގޮތެއްފޮތެއް ނެތް ގޮތަށް" ހެދުން އަޅައިގެން ދިއުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"އެ މީހުން އެ ދެނީ މުޖުތަމައަށް ވަރަށް ނުބައި މެސެޖެއް. އަދި އެ ކުޅެވެނީ މުސްތަގުބަލުގެ ޖީލާ. އުސޫލެއް ހަމަައެއް ލަމައެއް ނެތް ގޮތަށް ހެދުން އަޅައިގެން ހައްގުތައް ހޯދަން ނުކުންނަ އިރު ތިމާމެންނަށް މި ކުރެވެނީ ކީއްކަމާ މެދު އެބަ ޖެހޭ ވިސްނާލަން،" ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވީދިފައި ހުންނަ ޖީންސް ލައިގެން ކަކުލާއި ފައިގެ އެތަންމިތަނާއި ފޫކޮޅުން ވެސް ތަންތަނަށް ފެންނަ ގޮތަށް ހެދުން އެޅުމަކީ ހުޅަނގުން އައިސްގެން އުޅޭ ސަގާފަތެއް ކަމަށެވެ. އަދި އެ ސަގާފަތުގެ ސަބަބުން އިންޑިއާގެ ޒުވާނުންގެ ހެދުން އެޅުމުގެ ވައްޓަފާޅި އިމުން ބޭރުވެ، ބަރަހަނާވަމުންދާ ކަމަށް، 56 އަހަރުގެ ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

"ހާއްސަކޮށް އަންހެނުން އެފަދަ ހެދުން އެޅުން މިހާރު ފެޝަނަކަށްވެ ނިމިއްޖެ. މިއީ އަސްލު ތަރުބިއްޔަތުގެ މައްސަލައެއް. ގޭތެރެ އިން މިކަންކަން ދަސްކޮށްދެވޭ ކަމަށް ވަންޏާ މި ކުރެވެނީ ކީއްކަމާ ދޭތެރޭ އެބަ ޖެހޭ ވިސްނާލަން،" ރަވަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ހަމައެކަނި އަންހެނުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ. ފިރިހެނުން ވެސް ވީދިފައި ހުންނަ ޖީންސް ފަދަ އެއްޗެހި ލުމަކީ ރީތި ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މި ކުރެވެނީ ކީއްތޯ އަމިއްލަ ނަފުސާ ވެސް ސުވާލުކޮށްލަން ރަނގަޅު،" ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

ވެރިކަންކުރާ ބީޖޭޕީގެ ޗީފް މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ޕާޓީ ކޮންގްރެސްގެ ލީޑަރެއް ކަމަށްވާ ސަންޖޭ ޖާ ޓްވިޓާގައި ފާޑު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ ޗީފް މިނިސްޓަރުގެ ވާހަކަތަކުގައި، ވީދިފައި ހުންނަ ޖީންސް ލާ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށެވެ.

ޗީފް މިނިސްޓަރުގެ ވާހަކަތަކަށް އެކްޓަރު އަމީތާބް ބައްޗަންގެ ކާފަދަރި ނަވިއާ ނަވޭލީ ނަންދާ ވެސް ފާޑުކިޔައި އިންސްޓަގްރާމް ސްޓޯރީގައި ބުނީ ކުރަންވީ ކަމަކީ އެހެން މީހުންގެ ހެދުން ބަދަލުކުރަން ނޫޅެ އަމިއްލަ މީހާގެ ވިސްނުން ބަދަލުކުރުން ކަމަށެވެ.