Roadha Mihaaru
އެސްޓީއޯގެ އިސް ދެ ވެރިއަކަށް ދައުވާކުރަން އެދިއްޖެ

ގެއްލުންވާ ގޮތަށް ބޭސްތަކެއް ގެނައި މައްސަލައެއްގައި އެސްޓީއޯގެ އިސް ދެ ވެރިއަކަށް ދައުވާކުރަން ޕީޖީ އަށް

17 މާޗް 2021

ދައުލަތަށް ގެއްލުންވާ ގޮތަށް ބޭސްތަކެއް އެތެރެކުރި މައްސަލައެއްގައި އެސްޓީއޯގެ އިސް ދެ ވެރިއަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދައުލަތަށް ގެއްލުންވާ ގޮތަށް ބޭސްތަކެއް އެތެރެކުރި މައްސަލައެއްގައި އެސްޓީއޯގެ އިސް ދެ ވެރިއަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެ ކޮމިޝަނުން އެދުނީ އެސްޓީއޯގެ މެޑިކަލް ސާވިސް ޑިޕާޓްމަންޓުގެ ހެޑުގެ މަގާމުގައި ހުންނެވި ސ. ހިތަދޫ ގުލްޒާރުގޭ، ހުސައިން ސޮބާހާއި އެ ޑިޕާޓްމަންޓުގެ ޕްލޭނިން މެނޭޖަރު ފުވައްމުލަކު ޖިއްދާ، ހަމްދާން ފާއިޒުގެ މައްޗަށެވެ.

އޭސީސީން މިރޭ ބުނީ، އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދުނީ މެއި 27، 2016 ގައި އެސްޓީއޯ އިން އެތެރެކުރި "އެޓޮކޯ" ބޭހުގެ މުއްދަތު މާޗު، 2018 އަށް ހަމަވި ނަމަވެސް އެ ބޭހުގެ ބޮޑު ބައެއް ބާކީ ވެފައި ހުއްޓައި އޭގެ އިތުރު ބެޗެއް ޑިސެމްބަރު، 2018 ގައި އޯޑަރުކުރި މައްސަލައިގައި ކަމަށެވެ.

ސޮބާހާއި ހަމްދާންގެ މައްޗަށް ކުރަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ބުނިގޮތުގައި، އެޓޮވަސްޓެޓިން" ގެ ބްރޭންޑެއް ކަމަށްވާ "އެޓޮކޯ"ގެ 40 މިލިގްރާމް ރާއްޖެ އަށް އަލަށް ގެނައުމަށާއި އެހެން ބޭސްތަކެއް ގެނައުމަށް، ބޭސް އުފައްދާ ކުންފުންޏަކާއެކު 2015 ގައި އެސްޓީއޯ އިން ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓެއްގައި ސޮއިކުރި ކަން ތަހުގީގުން އެނގެ އެވެ. އެކަމަކު، އެ ބޭހުގެ 40 މިލިގްރާމަކީ އޭގެ ކުރިން ރާއްޖެ ގެނެސްފައި ނުވާ ޑޯޒޭޖެއް ކަމަށް ވިޔަސް މާކެޓްގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން ލިޔުމުން އެނގެން ނެތް ކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ވަނީ ފާހަގަ ވެފަ އެވެ.

އެއީ، ހާޓް އެޓޭކް ނުވަތަ ސްޓްރޯކު ޖެހިގެން ގެންދާ ބަލި މީހުންނަށް ހައި ޑޯޒޭޖެއް ދިނުމުގެ ގޮތުން ދޭ ބޭހެކެވެ. އެ ބަލީގެ މީހުންނަށް އާއްމުކޮށް ދެނީ 10 މިލިގްރާމާއި 20 މިލިގްރާމްކަން އޭސީސީގެ ބަޔާނުގައި ބުންޏެވެ.

އޭސީސީން ބުނީ، 40 މިލިގްރާމް ދޭންޖެހޭ މީހުން ނިސްބަތުން މަދުވާނެ ކަމަށް ތަހުގީގަށް ބަޔާން ދިން ޑޮކްޓަރުންގެ ފަރާތުން ވެސް އެނގިފައިވާ ކަމަށާއި އެއީ އާއްމުކޮށް ގިނަ ދުވަހަށް ގަވައިދުން ބަލި މީހުން ބޭނުން ކުރުމަށް ޑޮކްޓަރުން ލިޔެދޭ ޑޯޒޭޖެއް ނޫން ކަމަށެވެ.

ކޮމިޝަނުން ބުނީ ލައިސަންސް އެންޑް ސަޕްލައި އެގްރިމެންޓުގައި އެސްޓީއޯ އިން "އެޓޮކޯ"ގެ 40 މިލިގްރާމަށް ފޯކާސްޓް ކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ބޭސް އޯޑަރުކޮށް ގެނެސްފައިވާ ކަމާއި 2016 ގައި އެ ކުންފުނިން 560،000 ގުޅަ އޯޑަރުކޮށް، ލިބުނު ބޭހުގެ އަގަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

"...2016 ގައި އެޓޮކޯގެ 20 މިލިގްރާމާއި 10 މިލިގްރާމް ވެސް އޯޑަރު ކޮށްފައިވާއިރު 20 މިލިގްރާމަށް ވުރެ ގިނައިން 40 މިލިގްރާމް ގެނެސްފައި ވެ އެވެ. އަދި 40 މިލިގްރާމްގެ ބެޗުން ވިކުނީ ގެނައި އަދަދުގެ ފަސް ޕަސެންޓަށް ވުރެ ކުޑަ އަދަދެއްކަން ފާހަގަކުރެވޭއިރު، މާޗު 2018 އަށް އެ ބެޗްގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އަދި މާކެޓިންގެ ބޭނުމަށް ކަމަށް ބުނެ 2016 ވަނަ އަހަރު އެތެރެކޮށްފައިވާ އެޓޮކޯ 40 މިލިގްރާމްގެ ގިނަ ޢަދަދެއްގެ ބޭސް ރިޒާވްކޮށްފައިވާއިރު، އެ ބެޗްގެ ބޮޑު ބައެއް ނުވިކި އެސްޓީއޯއަށް 2,787,457.13ރ. ގެ ގެއްލުންވެފައިވެ އެވެ،" އޭސީސީން ބުންޏެވެ.

އޮކްޓޯބަރު، 2018 އިން މިދިޔަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް "އެޓޮކޯ"ގެ 40 މިލިގްރާމް ބެޗް ގެންނަން 266،842ރ. ހަރަދުކޮށްފައި ވެ އެވެ. އަދި 2018 އިން ފެށިގެން ގެނައި އެ ބޭހުގެ އެއްވެސް ބައެއް ނައްތާލަން ނުޖެހޭ ކަމަށް އޭސީސީން ބުނެ އެވެ. ހަމައެއާއެކު، 2016 ގެ ބެޗުން ވިކުނު އަދަދުތަކަށާއި 2018 އިން ފެށިގެން ގެނެސް ވިކުނު އެ ބޭހުގެ އަދަދުތަކަށް ބެލުމުން، 2018 އިން ފެށިގެން އެސްޓީއޯ އިން ގެނެސްފައިވާ އެ ބޭހުގެ އަދަދުތަކަކީ ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ޑިމާންޑް އޮތްވަރުކަން އެނގޭ ކަމަށް ވެސް ބުނެ އެވެ.