Roadha Mihaaru
ޖެނިފާ ލޮޕޭޒާއި އެލެކްސްގެ އެންގޭޖްމަންޓް ރޫޅާލައިފި!

ޖެނިފާ ލޮޕޭޒާއި އެލެކްސް ރޮޑްރިގޭޒްގެ އެންގޭޖްމަންޓް ރޫޅާލައިފި!

14 މާޗް 2021

މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެންގޭޖްވި ޖެނިފާ ލޮޕޭޒާއި ލޯބިވެރިޔާ އެލެކްސް ރޮޑްރިގޭޒް ރުޅިވެ، އެންގޭޖްމަންޓް ރޫޅާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެންގޭޖްވި ޖެނިފާ ލޮޕޭޒާއި ލޯބިވެރިޔާ އެލެކްސް ރޮޑްރިގޭޒް ރުޅިވެ، އެންގޭޖްމަންޓް ރޫޅާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލަވަކިޔުންތެރިއެއްގެ އިތުރުން ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ޖެނިފާގެ ގާތް ބަޔަކާ ހަވާލާދީ ބައެއް މީޑިއާތަކަކުން ބުނީ އެ ދެ މީހުން ވަކިވިތާ މިހާރު "ހަފުތާތަކެއް ވެއްޖެ" ކަމަށާއި އެންގޭޖްމަންޓް ވެސް ރޫޅާލާފައިވާތީ ދެން އަލުން އެއްގަލަކަށް އެރުމުގެ ފުރުސަތެއް ވެސް ނެތް ކަމަށެވެ.

އެމެރިކާގެ ބޭސް ބޯލް ތަރި އެލެކްސް އާއި ޖެނިފާ ލޯބީގެ ގޮތުން ގުޅުނީ 2017 ގަ އެވެ. އަދި 2019 ގެ މާޗް މަހުގެ ކުރީކޮޅު އެންގޭޖްވެ މިދިޔަ އަހަރު ކައިވެނިކުރަން ވެސް ޕްލޭންކުރި އެވެ. ނަމަވެސް ޖެނިފާ ފަހުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ކައިވެނި ނުކުރެވުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ދިމާވި ދަތިތަކާ ހެދި އެވެ.

އެ ދެ މީހުން ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް ރުޅިވި ސަބަބެއް ސާފުނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޖެނިފާ އާއި އެލެކްސް ވެސް ވަނީ އެއްވެސް ވާހަކައެއް ދައްކަން އިންކާރުކޮށްފަ އެވެ. ނަމަވެސް ޖެނިފާގެ އިންސްޓަގްރާމްގައި މީގެ ދެ ދުވަހެއް ކުރިން އާންމުކޮށްފައިވާ ވީޑިއޯއެއްގެ ކެޕްޝަނުން އިޝާރާތްކުރަނީ އެލެކްސްއާ ވަކިވެފައިވާކަން ކަމަށް ބައެއް މީހުން ބުންޏެވެ. އޭނާ މާ ގަދައަށް ހޭ މަންޒަރު ފެންނަ ކުރީގެ ވީޑިއޯއެއްގެ ކެޕްޝަނުގައި އިނީ "ފައިންޑް އަ ގުޑް ރީޒަން ޓު ލާފް ޓުޑޭ" އެވެ.

މީޑިއާތަކުން ބުނި ދެ މީހުން އެންމެ ފަހުން އެކީގައި ފެނުނީ މިދިޔަ މަހުގެ ތެރޭގައި ޑޮމިނިކަން ރިޕަބްލިކުން ކަމަށެވެ. އެތަނުގައި ޖެނިފާ އަންނަނީ ފިލްމު "ޝޮޓްގަން ވެޑިން" ގެ މަންޒަރުތައް ނަގަމުންނެވެ.

ޖެނިފާ އާއި އެލެކްސްކް ރުޅިވެ، އެންގޭޖްމަންޓް ވެސް ރޫޅައިލި އިރު، ދެ މީހުންނަކީ ކުރިން ވެސް ކައިވެނިކޮށް ދަރިން ލިބިފައިވާ މީހުންނެވެ. ޖެނިފާ، 51، މިހާތަނަށް ތިން ކައިވެނިކޮށްފައިވާ އިރު ދެ ދަރިން އެބަތިއްބެވެ.

އެލެކްސް، 45، ގެ ވެސް ދެ ކުދިން އެބަތިއްބެވެ. އޭނާ 2002 ގައި ކުރި ކައިވެނި ރޫޅުނީ 2008 ގަ އެވެ.