Roadha Mihaaru
ހުސޭނުބެގެ މަރު: އެކަކު ޖަލު ހުކުމް ކުޑަކޮށްފި

ހުސޭނުބެގެ މަރު: އެކަކުގެ ޖަލު ހުކުމް ހައި ކޯޓުން 15 އަހަރަށް ކުޑަކޮށްފި

11 މާޗް 2021

ހއ. ހޯރަފުށީ ރަހީނު ކޮށްގެން އުޅެނިކޮޮށް މަރުވި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) މަރުގެ މައްސަލާގައި އުމުރަށް ޖަލަށްލި އެކަކުގެ ޖަލު ހުކުމް 15 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން އިއްޔެ ކުޑަކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހއ. ހޯރަފުށީ ރަހީނު ކޮށްގެން އުޅެނިކޮޮށް މަރުވި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) މަރުގެ މައްސަލާގައި އުމުރަށް ޖަލަށްލި އެކަކުގެ ޖަލު ހުކުމް 15 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން އިއްޔެ ކުޑަކޮށްފި އެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ހުސޭނުބޭ 2010 ވަނަ އަހަރު މަރުވީ އޭނާގެ ގެއިން ވައްކަން ކުރުމަށްޓަކައި ރަހީނު ކޮށްފައި ހުއްޓާ ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. އެ މައްސަލާގައި މުހައްމަދު ލަތީފް، ހއ. ހޯރަފުށީ ޅޮހީގެ އާއި ނުއުމާން އަބްދުﷲ، އެރަށު ސޯސަންވިލާ އާއި އަހުމަދު އިބްރާހިމް އެރަށު އުއްމީދީ މަންޒިލް، ގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، އެ ތިން މީހުން އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު އެވެ.

އޭގެ ތެރެއިން މުހައްމަދު ލަތީފްގެ ޖަލު ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން، ހުސޭނުބޭ ރަހީނު ކުރަން ބޭނުންވާ ސާމާނު އުފުލުމާއި ހުސޭނުބެ އަށް ފާރަލުމުގެ އިތުރުން އަދި އޭނާގެ ގެއިން ވައްކަން ކުރުމުގައި ލަތީފް ބައިވެރިވިކަން ސާބިތުވާ ކަމަށެވެ. އަދި ހުސޭނުބޭ ރަހީނު ކުރުމަށްޓަކައި އެ ތިން މީހުން ވެގެން ދުރާލާ ރޭވި ކަމާއި އޭނާ ރަހީނު ކުރުމަށް ފަހު އޭނާގެ އަގަޔަށް ވެލި އަޅައި، ޓީޝާޓަކުން މޫނު ބަނދެފައިވާ ކަން ހެކިތަކުން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ހުސޭނުބޭ ރަހީނުކޮށް، ދިން ހަމަލާތަކުގައި ލަތީފްގެ ސީދާ ބައިވެރިވުމެއް ނެތަސް، ކުށުގެ އަސްލު އަމަލު ހިންގާ މީހުންނަށް އެހީވުމަކީ ނުވަތަ ހިތްވަރު ދިނުމަކީ އެ ކުށެއްގެ ޒިންމާ އުފުލަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންވެ، ހުސޭނުބޭ ރަހީނު ކުރި ތަނުގައި ލަތީފް ހާޒިރުވެ ހުރިކަމުގެ ހެކި ހުރި ހުރުން ލާޒިމްނުވާ ކަމަށާއި ހުސޭނުބޭގެ ގެއިން ވައްކަން ކުރުމުގައި އޭނާ ބައިވެރިވެފައިވާތީ ޓެރަރިޒަމްގެ ކުށް އޭނާގެ މައްޗަށް ވެސް ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް، ހުސޭނުބެ އަށް ބޮޑުބޭބެ ކިޔާ ލަތީފްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު އަދަބެއް ދަށު ކޯޓުން އިއްވީ ގޯސްކޮށް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ސަބަބަކީ ލަތީފްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރީ ހުސޭނުބޭ ރަހީނުކުރަން އެހީތެރިވި ކަމަށް ބުނެ ކަމަށް ވާއިރު، ޓެރަރިޒަމްގެ ގާނޫނު އޮތްގޮތުން އެފަދަ ކުށަކަށް އެހީތެރިވާ މީހުންގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ލަތީފްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، އެކަމަކު އޭނާގެ އުމުރަށް ޖަލަށްލާން ކަނޑައަޅާފައިވާ އަދަބު ބާތިލް ކުރުމާ އެކު އޭނާ 15 އަހަރަށް ޖަލަށްލާން އަންގާ ކަމަށެވެ. އަދި ކުރިން އޭނާ ޖަލުގައި ހޭދަކުރި މުއްދަތު އެ ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ފާތިމަތު ފަރުހީޒާ ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

މީގެކުރިން ހައި ކޯޓުން ވަނީ އެ މައްސަލާގައި އަހުމަދު އިބްރާހިމް އުމުރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް ދަމަހައްޓައިފި އެވެ.