11 މާޗް 2021
މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވެގެން އިޖުތިމާއީ ބޯހިޔާވަހިކަމަށް އެދެން މިދިޔަ ސަރުކާރުން ހުޅުވާލުމުން، ހުޅުމާލޭ "ހިޔާ" ފްލެޓްތަކަށް ކުރިމަތިލާން މާލެ ނޫން ރަށްރަށުގެ ރަށްވެހިންނަށް އޮތް ފުރުސަތު ފުޅާވި އެވެ. އެކަމަކު އެ ފުރުސަތު ދިން 2018ގައި ދަފްތަރުގައި ރަޖިސްޓްރީވެފައި ވަނީ ރަށްރަށަށް ނިސްބަތްވާ 404 މީހުންނެވެ. އޭގެ ފަސް ގުނައާ ގާތްކުރާ އަދަދަކަށް ރަށްރަށު މީހުން އެ އަހަރު މާލޭގެ ގޭގޭގައި ރަޖިސްޓްރީކޮށްދީފައިވެ އެވެ.
މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވެގެން އިޖުތިމާއީ ބޯހިޔާވަހިކަމަށް އެދެން މިދިޔަ ސަރުކާރުން ހުޅުވާލުމުން، ހުޅުމާލޭ "ހިޔާ" ފްލެޓްތަކަށް ކުރިމަތިލާން މާލެ ނޫން ރަށްރަށުގެ ރަށްވެހިންނަށް އޮތް ފުރުސަތު ފުޅާވި އެވެ. އެކަމަކު އެ ފުރުސަތު ދިން 2018ގައި ދަފްތަރުގައި ރަޖިސްޓްރީވެފައި ވަނީ ރަށްރަށަށް ނިސްބަތްވާ 404 މީހުންނެވެ. އޭގެ ފަސް ގުނައާ ގާތްކުރާ އަދަދަކަށް ރަށްރަށު މީހުން އެ އަހަރު މާލޭގެ ގޭގޭގައި ރަޖިސްޓްރީކޮށްދީފައިވެ އެވެ.
ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންގެ ކެޓެގަރީއެއް ވެސް ހިޔާ މަޝްރޫއުގައި ހިމެނެ އެވެ.
"މިހާރު" އަށް ލިބިފައިވާ މާލޭ ސިޓީ ކައުންސިލްގެ ރިޕޯޓަކުން އެނގޭ ގޮތުގައި އަތޮޅުތަކުން މާލެ އަށް ރަށްވެހިކަން ބަދަލުކުރާ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް މައްޗަށް އެރި 2018ގައި ރަށްރަށުގެ 1،972 މީހަކު މާލޭގެ ގޭގެ އަށް ރަޖިސްޓްރީ ބަދަލުކުރި އެވެ. އެއާ އެކު 2018 ވެގެން ދިޔައީ ރަށްރަށުގެ މީހުން ރެކޯޑް އަދަދަކަށް މާލޭގެ ރަށްވެހިކަން ހޯދި އަހަރަކަށެވެ. ދަފްތަރާއި ގޭގޭގައި ރަޖިސްޓްރީވި މީހުން ހިމެނޭ ގޮތަށް އެ އަހަރު ރަށްރަށުގެ 2،376 މީހަކު މާލޭގެ ރަށްވެހިންނަށް ވި އެވެ.
ޕީޕީއެމް ސަރުކާރުން ހިޔާ މަޝްރޫއު ހިންގީ ރަށްރަށުގެ މީހުންނަށް މާލެއަށް ރަށްވެހިކަން ބަދަލުކޮށްގެން ނާޖާއިޒު ފައިދާ ނެގޭ ގޮތަށް ކަމުގެ ޝަކުވާ މާލޭ މީހުން ކުރެ އެވެ. ދިން ފުރުސަތުގެ ބޭނުން ހިފައިގެން، ރަށްރަށުގައި ގޯތި ގެދޮރު ހުރި މީހުން ވެސް ފްލެޓް ހޯދާފައިވާ ކަމަށް ބުނެ، ފްލެޓް ނުލިބުނު މާލޭގެ ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
މިކަން މިހާތަނަށް ބޮޑަށް ގުޅުވަމުން އައީ ދަފްތަރުގައި ރަޖިސްޓްރީވެގެން ފްލެޓަށް އެދެން ހުޅުވާލި ފުރުސަތާ އެވެ. އަދި ދަފްތަރު އުވާލަން، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވާ ގޮތަށް، ބައެއް މީހުން މިހާރު ވެސް ގެންދަނީ ވަކާލާތުކުރަމުންނެވެ.
އެކަމަކު އަތޮޅުތަކުގެ މީހުން މާލޭ ދަފްތަރުގައި ޖައްސައިދޭން ފެށިތާ މި ވީ 26 އަހަރު ތެރޭ ދަފްތަރުގައި ރަށްރަށު މީހުން ޖެހުނު އަދަދުތަކަށް ބަލާ އިރު 2018 ދަނީ ހަތް ވަނަ އަށެވެ. ރަށްރަށު މީހުން ދަފްތަރަށް އެންމެ ގިނައިން ބަދަލުވީ 2008ގަ އެވެ. އަތޮޅުތަކުން މާލެއަށް ރަށްވެހިކަން ބަދަލުކުރި ރެކޯޑް އަހަރަކަށް 2018 ވީ ގޭގޭގައި ރަޖިސްޓްރީވި މީހުން ގިނަކަމުންނެވެ.
ކޮންމެ އަހަރަކު މާލޭ ރައްޔިތުން މާލޭ ދަފްތަރަށް ބަދަލުވެފައިވާ އަދަދުތަކާއި ރަށްރަށުގެ މީހުން ދަފްތަރަށާއި މާލޭގެ ގޭގެ އަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އަދަދުތައް 1987 އިން 2020ގެ ނިޔަލަށް. ތަފާސްހިސާބު: މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފް (ލޯންގޭ) ލަފާކުރައްވާ ގޮތުގައި ފްލެޓަށް ކުރިމަތިލާން ހުޅުވާލުމާ ގުޅިގެން މާލޭގެ ގޭގޭގައި ރަޖިސްޓްރީވާން ބޭނުންވި މީހުންނަށް އެ ފުރުސަތު މައިގަނޑު ގޮތެއްގައި ލިބިފައި ހުންނާނީ ރަށްރަށުގެ މީހުންނާ ކައިވެނިކޮށްގެން އުޅޭ މާލޭ މީހުންގެ ފަރާތުންނެވެ.
"މިސާލަކަށް އަޅުގަނޑު އިނދެގެން އުޅެނީ ރަށެއްގެ މީހަކާ. އަޅުގަނޑުގެ ގެއެއް ހުންނަންޏާ އެ ގޭގައި އޭނާ ޖައްސާފައި އޮއްވާ އޭނާގެ ބޭބެ ބުނެފާނެ ޖައްސައިދޭން. ފްލެޓެއް ލިބެންޏާ ޖައްސަން ބޭނުންވާނެތާ. ދެން އަނެއްކާ އޭނާގެ ބައްޕަ ވެސް ބުނެފާނެ ޖައްސައިދޭން. އެކަހަލަ ގޮތަކަށް ގޮސްފައި ހުންނާނީ،" މާފަންނު ދެކުނު ތަމްސީލްކުރައްވާ އަދި ސިޓީ ކައުންސިލް އުފެދުމުގެ މާ ކުރިން، މާލޭ މުނިސިޕަލްޓީގައި ވެސް މަސައްކަތްކުރެއްވި، ކައުންސިލަރު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން ބަލަހައްޓާ ދަފްތަރު ހައުސިން މިނިސްޓްރީ އަށް ގެންގޮސް، ފްލެޓަށް ކުރިމަތިލާން ދަފްތަރުގައި ޖެހެން ޕީޕީއެމް ސަރުކާރުން ހުޅުވާލީ، އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ އިއުލާންކުރި ކެޓެގަރީތަކަށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓަށް ކުރިމަތިލެވޭނެ ގޮތެއް ހޯދައިދިނުމަށެވެ. ޚާއްސަކޮށް 40 އަހަރުން މަތީގެ މީހުންނަށް ފުރުސަތު ގެއްލޭ ކަމުގެ ޝަކުވާ އޭރު ބޮޑުވި އެވެ. ދަފްތަރުގައި ޖެހިގެން ފްލެޓަށް އެދުމަކީ އެކަމަށް އޮތް ހައްލެއް ކަމަށް ޑރ. މުއިއްޒު އޭރު ވިދާޅުވި އެވެ.
ދަފްތަރުގައި ރަޖިސްޓްރީވާން ޖުލައި 11، 2018ގައި ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު އެކަން ކުރަން ބޭނުންވި އެވެ. ފުރަތަމަ ތިން ދުވަހު އެކަނި ވެސް 1،800 އަށް ވުރެ ގިނަ ފޯމު ނެގި ކަމަށް ހައުސިން މިނިސްޓްރީން އޭރު ބުނެފައިވެ އެވެ. އެކަމަކު ކައުންސިލްގެ ތަފާސްހިސާބުން މި އެނގެނީ 2018ގައި ދަފްތަރުގައި ޖެހުނު މީހުން އެއަށް ވުރެ މާ މަދު ކަމެވެ.
އެއީ ކީއްވެގެންކަން ކަށަވަރު ނޫނަސް، ދަފްތަރުގައި ޖެހެން ހުޅުވާލި ފަހުން، ހިޔާގެ ދަފްތަރު ކެޓެގަރީން ޕޮއިންޓް ދޭ މިންގަނޑަށް އިތުރު ބަދަލުތައް ގެނެސްފައިވެ އެވެ. އަދި، މައިގަނޑު ގޮތެއްގައި ދެ ކޮޓަރީގެ ފްލެޓުތައް ހިމެނޭ ހިޔާ މަޝްރޫއުން ދަފްތަރުގެ މީހުންނަށް ބޯހިޔާވަހިކަން ދޭން އޭރުގެ ސަރުކާރުން ނިންމާފައި އޮތީ އެއް ކޮޓަރީގެ ފްލެޓު ވެސް ހިމަނައިގެންނެވެ. ދަފްތަރުގައި ނުޖެހި ގޭގޭގައި ރަޖިސްޓްރީވި ރަށްރަށު މީހުން ގިނަވީ، މިފަދަ ސަބަބުތަކާ ހެދި، ދަފްތަރު ކެޓެގަރީ އަށް ވުރެ، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންގެ ކެޓެގަރީ އަށް ޝައުގުވެރިކަން ބޮޑުވެގެން ކަމަށް ވެދާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު އިއްޔެ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވަނީ ދަފްތަރަކީ "މިއާ ހެދިގެން ސަލާމަތް ނުވެގެން" އުޅޭ، "މާ ކުރިން ވެސް އުވާލަންވެފައި އޮތް އެއްޗެއް" ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެހެން ރަށްރަށުގެ މީހުން މާލޭގައި އުޅުމަކީ މާލޭގެ ރަޖިސްޓްރީގައި ޖައްސަން ޖެހޭ ސަބަބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އޭނާ ވެސް އުމުރުން ފަސް އަހަރުން ފެށިގެން މާލޭގައި ދިރިއުޅުއްވި ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވާން ދުވަހަކު ވެސް އެދިވަޑައިގެންފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުގެ އިހްތިޔާރުގައި އަޅުގަނޑު މާލެ އަށް އައިސް މިހިރީ. އަޅުގަނޑު އުފަންވީ ރަށަށް ވުރެން އަޅުގަނޑަށް މި ރަށުގައި ހުރެގެން ކޮންމެވެސް ފުރުސަތުތަކެއް، ކޮންމެވެސް ކަމެއް އިތުރަށް ލިބޭ ކަމަަށް އަޅުގަނޑު ގަބޫލުކުރާތީ މި ތަނުގައި އައިސް އަޅުގަނޑު މިތާ ޖެހިގެން މިހިރީ. މިތާނގެ ރަޖިސްޓްރީއެއްގައި އަޅުގަނޑު ޖައްސާކަށް ނުޖެހޭ. ރަޖިސްޓްރީގައި އަޅުގަނޑަށް ޖެހޭނެ ގޮތް އެބަ އޮތް. އެއީ އަޅުގަނޑު ލާރި ހޯދައިގެން، އަޅުގަނޑު ތަންކޮޅެއް ގަނެގެން ދެން މި ތަނުގެ މިލްކުވެރިއަކަށް އައިމާ އަޅުގަނޑަށް މި ތަނުގައި ޖެއްސިދާނެ،" އަސްލަމް ވިދާޅުވި އެވެ.
ކައުންސިލުން މިދިޔަ މަހު ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި "މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު"ގައި މީހުން ރަޖިސްޓްރީކުރަނީ ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނާއި ރަޖިސްޓްރީވާނެ ގެއެއް ވަންދެން ދަފްތަރުގައި ރަޖިސްޓްރީ ކޮށްދޭ މީހުންނާ ބެހޭ ގަވާއިދުގެ ދަށުންނެވެ. ރަށެއްގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވާން އެދިއްޖެ ނަމަ އެކަން ކޮށްދޭން ގާނޫނު ލާޒިމްކުރެ އެވެ.
މާލޭ މީހުން ދަފްތަރުގައި ރަޖިސްޓްރީކޮށްދޭން ފެށީ 1987ގަ އެވެ. އަދި މާލޭގައި އުޅޭތާ ފަސް އަހަރު ވެގެން މާލޭގެ ރަށްވެއްސަކަށް ވާން އެދޭ ރަށްރަށު މީހުންނަށް 1994ގައި ދަފްތަރުން ފުރުސަތު ދޭން ފެށި އެވެ.
"ދަފްތަރުގެ މަގްސަދަކީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެސް އެކި ސަބަބުތަކާ ހުރެ ގެއެއްގައި ރަޖިސްޓްރީ ނުވެވޭ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ ގޮތް ދަފްތަރުން ހަމަޖައްސައިދިނުމެވެ. މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރުމުގެ ގޮތުން ނުވަތަ އާމްދަނީ ހޯދުމަށް މަސައްކަތްކުރަން މާލޭގައި ދިރިއުޅޭ މީހުންނަށް ވެސް ރަޖިސްޓްރީ ވާނެ ފުރުސަތު ހޯދައިދިނުމެވެ،" ކައުންސިލްގެ ރިޕޯޓުގައިވެ އެވެ.
ދަފްތަރުގައި މިހާތަނަށް ޖެހުނު މާލޭ ރައްޔިތުންގެ އަދަދަކީ 3،000 އެވެ. ރަށްރަށަށް ނިސްބަތްވާ މީހުން ދެ ގުނަ އިތުރެވެ.
ދަފްތަރާއި ގޭގޭގައި ރަޖިސްޓްރީވުން ހިމެނޭ ގޮތަށް ވޭތުވެދިޔަ 26 އަހަރު ތެރޭ ރަށްރަށުގެ 15،000 އަށް ވުރެ ގިނަ މީހުން މާލޭގެ ރަށްވެހިކަން ހޯދާފައިވާކަން ކައުންސިލްގެ ތަފާސްހިސާބުތަކުން އެނގެ އެވެ.
އެކަމަކު ދަފްތަރުގެ މުޅި ތާރީޚަށް ބަލާ އިރު ވެސް ގޭގޭގައި ރަޖިސްޓްރީވެގެން މާލޭގެ ރަށްވެހިކަން ހޯދާފައިވާ މީހުން މާ ގިނަ އެވެ. ކައުންސިލްގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 1994 އިން ފެށިގެން މިހާތަނަށް ރަށްރަށުގެ 6،000 މީހުން ދަފުތަރުގައި ޖެހުނު އިރު އެ މުއްދަތުގައި މާލޭގެ ގޭގޭގައި ރަށްރަށުގެ 9،000 މީހުން ރަޖިސްޓްރީވި އެވެ.
މާލޭގެ ރަށްވެހިކަން ލިބުނު ރަށްރަށު މީހުން ޖުމްލަކޮށް ދެވަނަ އަށް އެންމެ ގިނަ 2008 އަށް ވުރެ 2018ގެ އަދަދު ދެ ގުނަ އިތުރެވެ.
ގޯތި މައްސަލަ: މާލެއާއި ދަފްތަރުގެ މީހުން ކޯޅުމަކަށް!
ހިޔާ ފްލެޓްގެ މައްސަލަ ކައުންސިލުން ފުލުހަށް ފޮނުވަނީ
ހިލޭ ބަހާ ގޯތީގައި މުޅި އާބާދީ ހިޔާވަހިކުރެވޭ!
ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރަނީ
މާލޭގެ ތަރައްގީ އޮތީ ހިފަހައްޓާފައި: މުއިއްޒު
ގޯއްޗަށް އެދޭ ފޯމު ފުރަން ސިޓީ ކައުންސިލުން އެހީވަނީ
"ގެދޮރުގެ ކަންކަމުގައި ކައުންސިލް ބައިވެރިއެއް ނުކުރޭ"
މާލޭގެ މީހުންނަށް ގޯތި ދޭނީ ހިލޭ: ރައީސް އޮފީސް
ގުޅިފަޅުގެ މައްސަލަ ކައުންސިލުން ކޯޓަށް ހުށަހަޅަނީ
ހިޔާ ފްލެޓްގެ އަގުކުޑަކޮށްފި ނަމަ ގެއްލުންވާނެ: އޮޑިޓް