Roadha Mihaaru
ތާރީހީ ފައިނަލަކަށް ތިމަރަފުށްޓާއި އޭދަފުށި ތައްޔާރު!

އަތޮޅު ފުޓްބޯޅައިގެ ތާރީހީ ފައިނަލަކަށް ތިމަރަފުށްޓާއި އޭދަފުށި ތައްޔާރު!

12 ނޮވެމްބަރ 2016

ރާއްޖޭގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ގިނަ ރަށްތަކެއް އޮވެ އެވެ، ބ. އޭދަފުށްޓާއި ތ. ތިމަރަފުށްޓަކީ އޭގެ ތެރެއިން ދެ ރަށެވެ. ފުޓްބޯޅަ ތާރީހަށް ބަލާއިރު މި ދެ ރަށަކީ ރާއްޖޭގެ އެކި މުބާރާތްތަކުގައި ކުޅެފައިވާ ދެރަށެވެ. އަށްޑިހައިގެ އަހަރުތަކާއި 90ގެ އަހަރުތަކުގައި މި ދެ ރަށަށް ނިސްބަތްވާ ޓީމު ވަނީ މާލޭގައި ވެސް ކުޅެފަ އެވެ. އެފްއޭއެމުން އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އަތޮޅު މުބާރާތް އަލުން ފަށާފައިވާއިރު މި ފަހަރުގެ ފައިނަލުގައި ވާދަކުރަނީ އޭދަފުށްޓާއި ތިމަރަފުށްޓެވެ. އަތޮޅު ފުޓްބޯޅައިގެ ވާދަވެރިކަން އަބަދުވެސް އޮންނައިރު، މިރޭ ގަލޮޅު ދަނޑުގައި ކުޅޭ މެޗު ތާރީހީ ފައިނަލަކަށް ވާނެކަން ޔަގީނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ގިނަ ރަށްތަކެއް އޮވެ އެވެ، ބ. އޭދަފުށްޓާއި ތ. ތިމަރަފުށްޓަކީ އޭގެ ތެރެއިން ދެ ރަށެވެ. ފުޓްބޯޅަ ތާރީހަށް ބަލާއިރު މި ދެ ރަށަކީ ރާއްޖޭގެ އެކި މުބާރާތްތަކުގައި ކުޅެފައިވާ ދެރަށެވެ. އަށްޑިހައިގެ އަހަރުތަކާއި 90ގެ އަހަރުތަކުގައި މި ދެ ރަށަށް ނިސްބަތްވާ ޓީމު ވަނީ މާލޭގައި ވެސް ކުޅެފަ އެވެ. އެފްއޭއެމުން އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އަތޮޅު މުބާރާތް އަލުން ފަށާފައިވާއިރު މި ފަހަރުގެ ފައިނަލުގައި ވާދަކުރަނީ އޭދަފުށްޓާއި ތިމަރަފުށްޓެވެ. އަތޮޅު ފުޓްބޯޅައިގެ ވާދަވެރިކަން އަބަދުވެސް އޮންނައިރު، މިރޭ ގަލޮޅު ދަނޑުގައި ކުޅޭ މެޗު ތާރީހީ ފައިނަލަކަށް ވާނެކަން ޔަގީނެވެ.

އޭދަފުށި ވަނީ 1986 ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރާއި ހަމައަށް ފުރަތަމަ ޑިވިޝަންގައި ކުޅެފަ އެވެ. އޭދަފުށި ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ 1992 ވަނަ އަހަރު ކުޅުނު ޕްލޭއޮފް މެޗުން ކ. ހުރާ އަތުން ބަލިވުމުންނެވެ. އެއަށް ފަހު މިއަދާ ހަމައަށް ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ފައިނަލެއްގައި ގަލޮޅު ދަނޑުގައި ކުޅުމުގެ ފުރުސަތު އެ ޓީމަށް ނުލިބެ އެވެ.

ތިމަރަފުށި ވެސް ވަނީ 1980 އާއި 1990 އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައިގައި ރަނގަޅު ވާދައެއް ކޮށްފަ އެވެ. އަދި ގިނަ މެޗުތަކަކުން ވަނީ ރަނގަޅު ނަތީޖާ ވެސް ނެރެފަ އެވެ.

ފައިނަލަށް އޭދަފުށްޓާއި ތިމަރަފުށި ކުރި ދަތުުރު

މި ފަހަރުގެ މުބާރާތުގެ އަތޮޅު ބުރުން ފެށިގެން ފައިނަލް ބުރާ ހަމައަށް ވެސް އޭދަފުށްޓާއި ތިމަރަފުށި ފެނުނީ ތަފާތު ކޮށެވެ. ރަނގަޅު ފެންވަރުގެ ކުޅުންތެރިންނާ އެކު އަތޮޅު ބުރާއި ޒޯން ބުރު ކާމިޔާބުކުރީ ގިނަ މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަންތީގައި ކުޅެވޭ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް މި ދެ ޓީމުގައި ވެސް އެބަތިއްބެވެ.

ތިމަރަފުށީ ޓީމުން ފައިނަލް ބުރުގެ މެޗަކަށް ނުކުތް ފުރަތަމަ އެގާރަ.-- ފޮޓޯ: އެފްއޭއެމް

ތިމަރަފުށީ ޓީމުން ފައިނަލް ބުރުގެ މެޗަކަށް ނުކުތް ފުރަތަމަ އެގާރަ.-- ފޮޓޯ: އެފްއޭއެމް

އޭގެ ތެރޭގައި ތިމަރަފުށީ ޓީމުގެ އާދަމް ނާސިހް އާއި އޭދަފުށީ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އަކީ މި މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން ތަފާތު ކުޅުމެއް ދައްކަމުން އައި ދެ ކުޅުންތެރިންނެވެ. ފައިނަލަށް މި ދެ ޓީމު ގެނެސްދިނުމުގައި މި ދެ ކުޅުންތެރިންގެ ދައުރު ބޮޑެވެ. މި ކުޅުންތެރިން ދެއްކި ކުޅުމާ ޖެހި ލަނޑުތައް ވެސް އެހާ މުހިއްމެވެ.

މި ދެ ޓީމު ވަނީ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެ ދުވަހުގެ މެޗު ވެސް ވާދަވެރިކޮށް ދިޔައިރު، އެ މެޗުން ތިމަރަފުށި މޮޅުވީ 1-0 އިންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން އާދަމް ނާސިހް ޖެހި ލަނޑެކެވެ.

ސެމީ ފައިނަލުގައި ތިމަރަފުށި ވަނީ މޮޅު ކުޅުމަކާ އެކު ދ. ކުޑަހުވަދޫ ބަލިކޮށްފަ އެވެ. މުހިއްމު ގިނަ ކުޅުންތެރިން ނުލައި ކުޅެ އޭދަފުށި ފައިނަލުން ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ ބަލިކުރުމަށް ފަހު އެވެ. އެ މެޗުން އޭދަފުށި ޕެނަލްޓީ ޖަހައިގެން މޮޅުވިއިރު، އެ ޓީމުގެ ގޯލު ބެލެހެއްޓި ކުރިން ވިޔަންސާ އާއި ނިއު ރޭޑިއަންޓުގެ ކުރީގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ދެ ޓީމުގެ ސަޕޯޓަރުންގެ ވާދަވެރިކަން ބޮޑު

ގަލޮޅު ދަނޑުގައި އަތޮޅު މުބާރާތުގެ ފައިނަލް ކުޅުމަކީ ފުޓްބޯޅަ ފޯރިއަށް ބަލާއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމި ވަރަށް ރަނގަޅު ނިންމުމެކެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށާއި ގައުމީ ޓީމުގެ މެޗުތަކަށް ވެސް އެންމެ ފުރިހަމަ ތަރުހީބު ނުލިބި އޮތް މި ދަނޑިވަޅުގައި ފުޓްބޯޅަ ފޯރި އަލުން ގަލޮޅު ދަނޑަށް ގެންނަން މި މެޗުގެ ސަބަބުން ފުރުސަތު ފަހިވެގެން ދިއުމުންނެވެ.

މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް މި ފަހަރު ގަލޮޅު ދަނޑުގައި ކުޅެން އެފްއޭއެމުން ނިންމުމާ އެކު ފަހު ބުރުގައި ވާދަކުރި އަށް ޓީމުގެ އަމާޒަކަށްވީ ގަލޮޅު ދަނޑުގައި ކުޅެން ފުރުސަތު ހޯދުމެވެ. ކޮންމެ ޓީމަކުން މި ޓާގެޓަށް ވާސިލްވުމަށް ދެ ގުނަ މަސައްކަތް ކުރަން ފެށި އެވެ. އެއީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި އަމިއްލަ ރަށުގެ ޖާޒީގައި ކުޅެން ލިބުމުގެ ފުރުސަތު ލިބޭނީ މަދު ފަހަރަކު ކަމަށްވާތީ އެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގައި އޭދަފުށީގެ ސައްޓު (ކ) ކުޅުންތެރިޔަކު ކައިރިން ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: އީޓީ ފޮޓޯ/ ރާއިފް ޔޫސުފް

މިނިވަން 50 ޗެމްޕިއަންޝިޕްގައި އޭދަފުށީގެ ސައްޓު (ކ) ކުޅުންތެރިޔަކު ކައިރިން ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: އީޓީ ފޮޓޯ/ ރާއިފް ޔޫސުފް

ތިމަރަފުށްޓާއި އޭދަފުށްޓަކީ ފުޓްބޯޅަ އަށް މަރުދޭ ސަޕޯޓަރުން ގިނަ ދެ ރަށެވެ. މި ދެ ރަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް މި ވަގުތު ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެމުން އަންނައިރު، އެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް އެ ރަށްރަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ވަދެ އެވެ.

ފައިނަލުގެ ޖާގަ ތިމަރަފުށްޓާއި އޭދަފުށްޓަށް ލިބުމަކާ އެކު ދެ ޓީމުގެ ސަޕޯޓަރުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ގިނަވާން ފެށި އެވެ. ދެ ޓީމުގެ ސަޕޯޓަރުން ބުނަމުން ދިޔައީ ވެސް ދާދި އެއް ވާހަކަ ތަކަކެކެވެ. މެޗު ބަލަން ދަނޑަށް ދާން ޖެހޭނެ ކަމަށެވެ. އަދި އެމީހަކަށް ވެވުނު ގޮތަކުން އަމިއްލަ ރަށު ޓީމަށް ތަރުހީބުދޭން ބޭނުން ވެފައި ހުރި ވާހަކަ އެވެ. މެޗުން މޮޅުވުމަށް ސަޕޯޓަރުންގެ ފަރާތުން ބޭނުންވާ ކަންތައްތަކުގައި އެއްވެސް އުނިކަމެއް ނުހުންނާނެ ކަމުގެ ޔަގީންކަން ދޭ ވާހަކަތަކެވެ.

މި މެޗު ބަލާލުމަށް އޭދަފުށްޓާއި ތިމަރަފުށިން ގިނަ އަދަދެއްގެ ބަޔަކު މާލެ އައުމަށް އެ ދެރަށުން ވަނީ ގިނަ އިންތިޒާމްތަކެއް ވެސް ހަމަަޖައްސައިފަ އެވެ. ޓީމަށް ތަރުހީބުދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭށެވެ. އެއީ ގިނަ ބަޔަކު އެއްވެލައި އަމިއްލަ ރަށުގެ ޓީމަށް ސަޕޯޓްދޭން މި ފަދަ ދެ ވަނަ ފުރުސަތެއް ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވާތީ އެވެ. މީގެ އިތުރުން ދެ ރަށް ނިސްބަތްވާ އަތޮޅުން ވެސް ސަޕޯޓަރުން އައުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދެ ޓީމު މި މުބާރާތުގައި މިހާތަނަށް ހޯދި ކާމިޔާބީގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ސަޕޯޓަރުންގެ އެވެ. ސަޕޯޓަރުން ތިބީ މި ދެ ޓީމަށް ހިތްވަރު ދިނުމުގައި ސާބިތުކަން މަތީގަ އެވެ.

އަތޮޅު ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ކުޅެވޭ އެންމެ ގިނަ ޓީމު ބައިވެރިވާ އެންމެ ވާދަވެރި ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތް އަލުން ފެށުމަށް އެފްއޭއެމުން ނިންމި އެއް ބޮޑު ސަބަބަކީ ވެސް މުޅި ރާއްޖޭގެ ބައިވެރިވުން ފުޓްބޯޅަ އަށް ލިބިގެން މެނުވީ ފުޓްބޯޅަ އަށް ބޭނުންވާ ކުރިއެރުން ނުގެނެވޭތީ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ތިމަރަފުށްޓާއި އޭދަފުށި ކުޅޭ ފައިނަލް މެޗަކީ ފުޓްބޯޅައިގައި ގިނަ ބަޔެއްގެ ބައިވެރިވުން ފެންނާނެ މެޗެކެވެ.