11 މެއި 2018
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށީގެ މި ކާމިޔާބީން ދިވެހި ފުޓްބޯޅަ އަށް ފައިދާތަކެއް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ އިބްރާހިމް އާމިރު ބުނެފި އެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށީގެ މި ކާމިޔާބީން ދިވެހި ފުޓްބޯޅަ އަށް ފައިދާތަކެއް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ އިބްރާހިމް އާމިރު ބުނެފި އެވެ.
ނިސްބަތުން ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ނުކުތް ތިމަރަފުށިން މުބާރާތުގެ ތަށި އުފުލާލީ ފައިނަލުގައި ރޭ ށ. ފޯކައިދޫ އަތުން 3-0 އިން ހޯދި މޮޅާ އެކު އެވެ. މި މުބާރާތުގައި ތިމަަރަފުށި ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ފައިނަލް ބުރުގައި ފ. ނިލަންދޫ އަތުން އެކަންޏެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބެއް. ތިމަރަފުށި ވަރަށް ބޭނުންވެފައި ތިބި ކަމެއް. މިއީ ފުޓްބޯޅައިގައި ތިމަރަފުށްޓައް ލިބުނު އެންމެ ބޮޑު ކާމިޔާބީ. އެހެންވެ ހަމަ ވަރަށް އުފާވޭ މި މުބާރާތުގެ ޗެމްޕިއަންކަން ލިބުނީތީ،" ރޭގެ ފައިނަލް މެޗަށް ފަހު އާމިރު ބުންޏެވެ.
އޭނާ ބުނީ މީގެ ކުރިން ތިމަރަފުށީ ޓީމާއި އެހެން ޓީމުތަށް ގޮވައިގެން ވެސް އެކި ތަޖުރިބާ ކުރެވުނު ކަމަށާއި ހާސިލްނުވެ އޮތީ ހަމައެކަނި ކާމިޔާބެއް ކަމަށާއި އެކަން މި ފަހަރު އަމިއްލަ ރަށް ގޮވައިގެން އައިސް ކުރެވުމުން ލިބުނީ ބޮޑު އުފަލެއް ކަމަށެވެ.
"މީގެ ކުރިން ރަށު ޓީމުގައި އަޅުގަނޑު ފުޓްބޯޅަ ކުޅެ ކެޕްޓަންކަން ކޮށް. އޭރު ވެސް އަތޮޅާއި ޒޯން ނަގާފައިވާނެ. ތ. ވޭމަންޑޫ ޓީމާ ވެސް ހަވާލުވެ އެ ޓީމު ވެސް މި ހިސާބަށް ގެނެސް އެކަމަކު ފައިނަލުގައި ބަލިވީ. ޗެމްޕިއަންކަން ނުލިބޭ. ރަށު ޓީމަށް މި ކާމިޔާބީ ލިބޭތޯ ކުރި މަސައްކަތުގެ ނަތީޖާ މިއީ. ވަރަށް އުފާވެއްޖެ. މިއީ ވަރަށް ގިނަ ބަޔެއްގެ މަސައްކަތް،" އާމިރު ބުންޏެވެ.
މި ފަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރި ގިނަ ޓީމުތަކުން ވަނީ ބިދޭސީ ކުޅުންތެރިންގެ އިތުރުން އެކި ރަށްރަށުން ފެންވަރު ރަނގަޅު ކުޅުންތެރިން ގެނެސްފަ އެވެ. ތިމަރަފުށިން މި ކާމިޔާބީ ހޯދިއިރު، އެ ޓީމުގައި ބިދޭސީ ދެ ކުޅުންތެރިންގެ އިތުރުން ހިމެނެނީ މުޅިން ވެސް އެ ރަށުގެ ކުޅުންތެރިންނެވެ.
ތިމަރަފުށީގެ ތޯހިރު (ކ) ފޯކައިދޫގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ފުރަތަމަ ޑިވިޝަން ޓީމުތަކަށް އާ ކުޅުންތެރިންތަކެއް ބޭނުންވެފައި އޮއްވާ ޅަ ކުޅުންތެރިންތަކެއް ގޮވައިގެން އައިސް ކާމިޔާބު ހޯދައި މި ކުޅުންތެރިން ދައްކާލެވުން މިއީ ވެސް ކާމިޔާބެއް. ވަރަށް ބޮޑު އުފަލެއް. މިހާރު ވެސް ގައުމީ ޓީމުގައި ވެސް އެބައުޅޭ ރަށުގެ ދެ ކުއްޖެއް. ފުރަތަމަ ޑިވިޝަނުގައި އެބައުޅޭ ފަސް ކުޅުންތެރިން. ދެން މި މުބާރާތުގެ ސަބަބުން އިތުރު ކުޅުންތެރިންތަކެއް ފުރަތަމަ ޑިވިޝަނަށް އަންނާނެ. މިއީ ފުޓްބޯޅަ އަށް ކުރާނެ ފައިދާއެއް،" އާމިރު ބުންޏެވެ.
އޭނާ ބުނީ ޕްރިމިއާ ލީގުގައި ކުޅެން ޖެހެނީ ފެންވަރުގެ ގޮތުން ވަރަށް ކުރީގައި އުޅޭ ޓީމުތަކާ ދެކޮޅަށް ކަމަށާއި އެ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެ ކަމަކަށެވެ. ޕްރިމިއާ ލީގުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއްދޭނީ ރަށުގެ ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށާއި މި ޓީމުގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން ވަރަށް ބައިވަރު ތިމަރަފުށްޓައް ނިސްބަތްވާ ކުޅުންތެރިން ތިބޭނެ ކަމަށް އޭނާ ބުންޏެވެ.
ތިމަރަފުށީގެ ކެޕްޓަން އަބްދުއްނާސިރު ބުނީ މިއީ ހިތްވަރު އެލުވާ ނުލައި އެއް ރޫހެއްގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"ހަތަރު އަހަރު މިނިވަން ޗެމްޕިއަންޝިޕް ކުޅެގެން ދެ ވަނަ ފަހަރަށް ގަލޮޅު ދަނޑަށް މިއައީ. އިރާދަކުރެއްވިއްޔާ މި ފަހަރު މި އޮތީ 2016 ވަނަ އަހަރު ވީ ކަންތައް ހަނދާން ނައްތާލާފައި އާ ފެށުމާ އެކު އައިސް 2018 ވަނަ އަހަރު މުޅި ރާއްޖޭގެ އަތޮޅު ޗެމްޕިއަންކަން ހޯދާފައި،" އޭނާ ބުންޏެވެ.
މި ކާމިޔާބީގެ ކްރެޑިޓް ހައްގުވަނީ ތިމަރަފުށީގެ ޒުވާނުންނާއި ރަށުގެ ހުރިހާ ރައްޔިތުންގެ އިތުރުން ހެޔޮއެދޭ ހުރިހާ ފަރާތަަކަށް ކަމަށް އޭނާ ބުންޏެވެ.
"މި ފަހަރު މުބާރާތަށް ނުކުތްއިރު ވެސް ރަށުގެ ރައްޔިތުން ބޭނުމެއް ނުވޭ ހަމައެކަނި އަތޮޅު މުބާރާތާއި ޒޯން ޗެމްޕިއަންކަމުން ފުއްދާލަން. ބޭނުންވީ މުޅި (މި މުބާރާތުގައި) ރާއްޖޭގެ އަތޮޅު ޗެމްޕިއަންކަން. ދެން އެންމެ ބޮޑު އަމާޒަކީ ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ތިމަރަފުށި ފުރަތަމަ ޑިވިޝަނުގައި ބޭއްވޭނެ ގޮތެއް ހެދުން،" ކުރިން ފުރަތަމަ ޑިވިޝަނުގައި ވިޔަންސާ އަށް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.
އޭނާ ބުނީ މިއީ ތިމަރަފުށްޓަށް ލިބުނު ކާމިޔާބެއް ނޫން ކަމަށާއި މުޅި ތ. އަތޮޅަށް ވެސް ލިބުނު ފަހުރެއް ކަމަށެވެ.
ފޯކައިދޫ ބަލިކޮށް ތިމަރަފުށި ޗެމްޕިއަންކަން ހޯދައިފި
ތިމަަރަފުށްޓާއި ފޯކައިދޫ އަށް ސަޕޯޓަރުންގެ އެހީ ލިބޭނެ!
އާ ހިތްވަރަކާ އެކު ތިމަރަފުށީގެ އަމާޒު ޗެމްޕިއަންކަމަށް
ފައިނަލުގައި ތިމަރަފުށްޓާއި ފޯކައިދޫގެ ކުރިމަތިލުމެއް
ތިމަރަފުށްޓާއި ފެެހެންދޫ ޕްރިމިއާ ލީގުން ޖާގަ ހޯދައިފި
ޒޯން ތަށި ދިފާއުކުރި ހަމައެކަނި ޓީމަކީ ތިމަރަފުށި
ފަހު ބުރު ތިނަދޫ އާއި ކުޅުދުއްފުށީގައި
ތިމަރަފުށި ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދައިފި
ތާރީހީ ފައިނަލަކަށް ތިމަރަފުށްޓާއި އޭދަފުށި ތައްޔާރު!
ފައިނަލުގެ ފަހު ޖާގަ ތިމަރަފުށްޓަށް