Roadha Mihaaru
ތިމަަރަފުށްޓާއި ފޯކައިދޫ އަށް ސަޕޯޓަރުންގެ އެހީ ލިބޭނެ!

ތިމަަރަފުށްޓާއި ފޯކައިދޫ އަށް ސަޕޯޓަރުންގެ އެހީ ލިބޭނެ!

10 މެއި 2018

މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިރޭ ތ. ތިމަރަފުށްޓާއި ށ. ފޯކައިދޫ ކުޅޭ މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނާނެ ކަމަށް އެ ދެ ޓީމުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިރޭ ތ. ތިމަރަފުށްޓާއި ށ. ފޯކައިދޫ ކުޅޭ މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނާނެ ކަމަށް އެ ދެ ޓީމުން ބުނެފި އެވެ.

މިދިޔަ ދެ ފަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ގަލޮޅު ދަނޑުގައި ކުޅުނުއިރު އިރު ސަޕޯޓަރުން ވަނީ އަމިއްލަ ރަށަށް ސަޕޯޓް ކުރުމުގައި ނަމޫނާ ދައްކައިފަ އެވެ.

ފުޓްބޯޅައިގެ ތާރީހަށް ބަލާއިރު ފޯކައިދޫ އާއި ތިމަރަފުށްޓަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކުޅެފައި އޮތް ދެ ރަށެވެ. ފޯކައިދޫ ވަނީ މީގެ 10 ވަރަކަށް އަހަރު ކުރިން އޭރުގެ އަތޮޅު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޒޯން ޗެމްޕިއަންޝިޕްގައި ކުޅެ އެ މުބާރާތް ކާމިޔާބު ވެސް ކޮށްފަ އެވެ. ތިމަރަފުށި ވަނީ 2016 ވަނަ އަހަރުގެ ފައިނަލުން ބަލިވި ނަމަވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ދެ ޓީމުން ވެސް ވަނީ ސަޕޯޓަރުންގެ ފަރާތުން ލިބޭނެ ހިތްވަރާ މެދު ޝައްކެއް ނެތް ކަމަށް ބުނެފަ އެވެ. ކުޅުންތެރިންނަށް ހިތްވަރުދޭން ސަޕޯޓަރުން ދަނޑަށް އަންނާނެ ކަމުގެ ޔަގީންކަން ކުޅުންތެރިންނަށް އެބައޮތް ކަމަށް ވެސް ބުންޏެވެ.

"ވަރަށް މޫސުން ވެސް ގޯސްކޮށް އުޅެނީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަޕޯޓަރުން ތިބީ ރަށުން އަންނަން ތައްޔާރުގައި. މާލެ ދަތުރުކުރާ ދެ ބޯޓުގެ ޓިކެޓް ވެސް ވިކިފައި ވަނީ. އެއީ މި މެޗަށް ޓާގެޓް ކޮށްގެން ކުރާ ދަތުރެއް. އޭގެ އިތުރުން މާލޭގައި ތިބި ސަޕޯޓަރުން ވެސް ވަރަށް ކިކުގައި ސަޕޯޓް ކުރުމަށް ތައްޔާރީތަށް ވަމުން އަންނަނީ،" މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ށ. ފޯކައިދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާސިފް ބުންޏެވެ.

ތިމަރަފުށީ ޓީމުގެ ކެޕްޓަން އަބްދުއްނާސިރު (ކ) އާއި ފޯކައިދޫ ޓީމުގެ ކެޕްޓަން ފަޒީލް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިމަރަފުށީ ޓީމުގެ ކެޕްޓަން އަބްދުއްނާސިރު (ކ) އާއި ފޯކައިދޫ ޓީމުގެ ކެޕްޓަން ފަޒީލް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިވަން ޗެމްޕިއަންޝިޕްގެ ފަހު ބުރު ފޯކައިދޫގައި ކުޅުނުއިރު ވެސް އެ ޓީމުގެ ސަޕޯޓަރުން ވަނީ ޓީމަށް ހިތްވަރު ދިނުމުގައި ނަމޫނާ ދައްކައިފަ އެވެ. އަދި ގަލޮޅު ދަނޑުގައި ވެސް އެކަން ތަކުރާރުކުރަން އެ ޓީމުގެ ސަޕޯޓަރުން ތިބީ ތައްޔާރަށެވެ.

ތިމަރަފުށްޓަކީ ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ބަޔަކު އުޅޭ ރަށެކެވެ. އެ ރަށުގެ އާބާދީގެ ނިސްބަތުން ގިނަ ބަޔެއް ދިރިއުޅެނީ މާލޭގަ އެވެ. އޭދަފުށްޓާ ދެކޮޅަށް 2016 ވަނަ އަހަރު ފައިނަލް މެޗު ކުޅުނު ރޭގައި ވެސް ގިނަ ބަޔަކު ވަނީ ދަނޑަށް ގޮސްފަ އެވެ. އަދި މި ފަހަރު އެ މެޗަށް ވުރެން ގިނަ ސަޕޯޓަރުން އެ ޓީމަށް ހިތްވަރުދޭން ދަނޑަށް ވަންނާނެ ކަމަށް އެ ޓީމުން ބުނެ އެވެ.

"ތިމަރަފުށީގެ ވަރަށް ބޮޑު އާބާދީއެއް މާލޭގައި އުޅޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ގިނަ ބަޔަކު މެޗު ބަލަން ދާނެ. ކުރީ ފަހަރަށް ވުރެ ގިނަ ސަޕޯޓަރުން މި ފަހަރު ދަނޑަށް ވަންނާނެ." ތިމަރަފުށީ ޓީމުގެ އޮފިޝަލް އަހުމަދު އަލްތާފް ބުންޏެވެ.