Roadha Mihaaru
އީގަލްސް އިން ތިމްޕޫއާ ދެކޮޅަށް ކުޅޭ މެޗު މާލޭގައި

އީގަލްސް އިން ތިމްޕޫއާ ދެކޮޅަށް ކުޅޭ މެޗު މާލޭގައި

01 މާޗް 2021

މި އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ވާދަކުރާ މެޗު ކުޅެން ހަމަޖެހިފައިވަނީ މާލޭގައި ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ވާދަކުރާ މެޗު ކުޅެން ހަމަޖެހިފައިވަނީ މާލޭގައި ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ރާއްޖޭން ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް މެއި މަހު ހޯސްޓްކުރަން ކުރި ބިޑް މިއަދު ކާމިޔާބުކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ މެއި މަހު 14 އިން 20 ވަނަ ދުވަހަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ އީގަލްސް މެޗު ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވާ ކަމަށެވެ.

"އީގަލްސް އެ މެޗުން (ތިމްޕޫ އަތުން) މޮޅުވެއްޖެނަމަ ދެން ކުޅެން ޖެހޭ މެޗެއް އޮންނަ ދަނޑެއް ފަހުން ކަނޑައަޅާނެ،" ޖަވާ ވިދާޅުވި އެވެ.

އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގައި ވާދަކުރާއިރު، މި ފަހަރުގެ ކޮލިފައިން މެޗުތައް ކުރިއަށްދާނީ އެއް ލެގަށެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ދެ ލެގަށް ކުޅޭ އުސޫލަށް މި ވަގުތު އަމަލުނުކުރާގޮތަށް ނިންމާފައިވާތީ އެވެ. ތިމްޕޫއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗު ތާވަލުކޮށްފައިވަނީ އަންނަ މަހު ހަތް ވަނަ ދުވަހަށެވެ. މިހާރު އޮތްގޮތުން އެ މެޗު ކުޅޭނީ ގަލޮޅު ދަނޑުގަ އެވެ.

ރާއްޖޭގެ ކްލަބް ވެލެންސިއާ އިން ވަނީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ތިމްޕޫ ބަލިކޮށްފަ އެވެ. ބޫޓާންގައި ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، މާލޭގައި ވެލެންސިއާ މޮޅުވީ 3-0 އިންނެވެ.

ތިމްޕޫ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ކުޅޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އީގަލްސް އިން ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ބުރުގައި އަބަހާނީގެ މައްޗަށް ކުރިހޯދައިފިނަމަ ޕްލޭއޮފް ބުރުގައި ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ގަދަބާރު ބެންގަލޫރުއާ އެވެ. ބެންގަލޫރަށް ޕްލޭއޮފްގެ ޖާގަ ކަށަވަރުވާނީ ޕްރިލިމިނަރީ ފުރަތަމަ ދެ ވަނަ ބުރުގެ މެޗުން މޮޅުވެގެންނެވެ. އެ ބުރުގައި ބެންގަލޫރު ކުޅޭނީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ސްރީލަންކާގެ ޕޮލިސް އާއި ނޭޕާލުގެ އާމީ ކްލަބް ކުޅެގެން މޮޅުވާ ޓީމަކާ އެކު އެވެ.

ކޮލިފައިން ބުރު ކާމިޔާބުކޮށްގެން އީގަލްސް އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިއްޖެނަމަ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އޭއެފްސީ ކަޕްގެ އެއް ގްރޫޕެއްގައި ރާއްޖޭގެ ދެ ޓީމެއް ވާދަކުރާނެ އެވެ. ސްޓޭޖުން މި ވަގުތު ވެސް ޖާގަ ކަށަވަރުކޮށްފައިވަނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އަދި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ.

އީގަލްސް އިން މި ފަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރަނީ މިދިޔަ ސީޒަނުގައި ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުންނެވެ. މި ސީޒަނުގެ އެފްއޭ ޗެރިޓީ ޝީލްޑް އުފުލާލި އީގަލްސް އިން ސީޒަނަށް ނުކުތީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގަ އެވެ. އެކަމަކު ލީގުގެ ފުރަތަމަ ބުރުގެ ހަ މެޗަށް ފަހު މޯހަން އެ ޓީމާ ވަކިވުމުން ވަގުތީ ގޮތުން އީގަލްސްގެ ޒިންމާއާ ހަވާލުވީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. ފަހުން އީގަލްސް ކޯޗަކަށް މުހައްމަދު ޝާޒްލީ (ޝާޒް) ހަމަޖެއްސި އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރި ޓީސީގެ ކޯޗަކަށް އޭރު ހުރީ ޝާޒް އެވެ. ޝާޒް ޓީސީން ވަކިވީ މި ފަހަރުގެ ލީގުގެ ފުރަތަމަ ބުރު ނިމުނު ފަހުންނެވެ. ޝާޒްގެ ކޯޗުކަމުގައި ފުރަތަމަ މެޗު ކުޅެން އީގަލްސް އިން ތައްޔާރުވަމުން ދަނިކޮށް މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް ލީގު ވަނީ މެދުކަނޑާލައިފަ އެވެ. އެ ގޮތަށް އެންގީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ.

އެ މެދުކެނޑުމަށް ފަހު ޓީމުތަކުގެ ޕްރެކްޓިސް އިއްޔެ ފެށީ އެޗްޕީއޭ އާއި އެފްއޭއެމުން މަޝްވަރާކޮށްގެން ހެދުނު ގައިޑްލައިންތަކެއްގެ ތެރެއިންނެވެ. މި މަސް ތެރޭ ލީގު ފެށޭތޯ އެފްއޭއެމުން މަސައްކަތްކުރަމުން އަންނަ ކަމަށް އެނގިފައިވެ އެވެ.